އޭއައިގެ ސަބަބުން ކުޑަކުދިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ އިންޒާރެއް ގޫގުލްގެ ކުރީގެ ވެރިޔަކު ދެއްވައިފިއެވެ.
މި އިންޒާރު ދެއްވީ ގޫގުލްގެ ޓްރަސްޓް އެންޑް ސޭފްޓީ ޓީމު އުފެއްދެވި އަދި އެ ކުންފުނީގެ ކުރީގެ ވައިސް ޕްރެޒިޑެންޓް ޓޮމް ސީގަލް ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކުރުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް ވެސް ގޮވާލައްވާފައެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި ޓެކްނޮލޮޖީ ދާއިރާއިން އަންނަނީ ސޯޝަލް މީޑިއާގެ ދުވަސްވަރު ހެދި ގޯސްތައް ތަކުރާރުކުރަމުންނެވެ. އަދި މީގެ ސަބަބުން ކުޑަކުދިންނަށް މާ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
މިހާރު ވެސް ސޯޝަލް މީޑިއާ ކުންފުނިތަކުން ކުޑަކުދިންނަށް ގެއްލުންދީފައިވާ ކަމަށް ބުނެ ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހި، އެތައްހާސް ދައުވާތަކާ ކުރިމަތިލާންޖެހިފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އޭއައި ކުރިއަރަމުންދާ ހަލުވިމިނާ އަޅާބަލާއިރު އެކަމާ ގުޅޭ ގަވާއިދުތަކާއި ގާނޫނުތައް އަދިވެސް ވަނީ މާ ފަހަތުގައެވެ.
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ "ކޮމަން ސެންސް މީޑިއާ" އާ ގުޅިވަޑައިގަތުމަށްފަހު ސީގަލް ވިދާޅުވީ، އޭއައިގެ ސަބަބުން ކުދިންނަށް ލިބެމުންދާ ގެއްލުންތަކުގެ މައްސަލައިގައި މިހާރު ތިބެވުނީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އަދި ބޭރުގެ އެހީތެރިކަމެއް ނެތި ޓެކްނޮލޮޖީ ކުންފުނިތަކުން އަމިއްލައަށް މިކަން ހައްލުކުރާނެ ކަމަށް ބެލުމަކީ ހަގީގަތާ ޚިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީގަލް މިހާރު އިސްވެ ހުންނެވީ ކޮމަން ސެންސް މީޑިއާއިން މެއި މަހު އުފެއްދި "ޔޫތު އޭއައި ސޭފްޓީ އިންސްޓިޓިއުޓް" ގެ ފުރަތަމަ އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމުގައެވެ. މިއީ ކުޑަކުދިން އޭއައި ބޭނުންކުރާ ގޮތް ދިރާސާކުރުމަށް އުފެއްދި އިދާރާއެކެވެ. މި އިދާރާއަށް އެންތުރޯޕިކް އަދި އޯޕަންއޭއައި ފައުންޑޭޝަން ފަދަ އޭއައިގެ ބޮޑެތި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެއެވެ. ސީގަލްގެ އަމާޒަކީ ކާރު ކްރޭޝް ޓެސްޓްތަކެކޭ އެއްފަދައިން، އޭއައި ކުންފުނިތަކުން ޒިންމާދާރުކުރުވޭނެ އަމިއްލަ މިނިވަން މިންގަނޑުތަކެއް އެކުލަވާލުމެވެ.
އޭއައިގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އަމިއްލައަށް މަރުވުމަށް ހިތްވަރުލިބުމާއި، ނަފްސާނީ ބަލިތައް މެދުވެރިވުމުގެ އިތުރުން، އަމިއްލައަށް ވިސްނައި ފިކުރުކުރުމުގެ ގާބިލުކަން ކުޑަވުން (ކޮގްނިޓިވް އޮފްލޯޑިންގް) ހިމެނެއެވެ. ސީގަލް ވިދާޅުވި ގޮތުގައި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި އޭއައި ކުންފުނިތަކަށް ވަގުތުން ވަގުތަށްވެސް އެޅިދާނެ ފިޔަވަޅުތައް އެބަހުއްޓެވެ. އެގޮތުން އުމުރު ކަށަވަރުކުރުމުގެ ވަސީލަތްތައް ވަރުގަދަކުރުމާއި، ގޫގުލް ފަދަ ސާޗް އެންޖިންތަކުގައި ހުންނަ އޭއައި ފީޗާތައް ނިވާލެވޭނެ އޮޕްޝަންތައް ހިމެނުން ހިމެނެއެވެ.
މި ކަންކަމާ ގުޅިގެން ގޫގުލްގެ ތަރުޖަމާނަކު ބުނެފައިވަނީ، ސާޗް އިންޖިންއަށް ކުދިން ވަނުން މައިންބަފައިންނަށް އަމިއްލައަށް މުޅިން ބަންދުކުރެވޭނެ ކޮންޓްރޯލްތައް ދީފައިވާނެ ކަމަށެވެ. އަދި އޯޕަންއޭއައިއިން ބުނީ އުމުރު ކަށަވަރުކުރުމަށް އެކައުންޓްގެ މައުލޫމާތާއި ބިހޭވިއަރަލް ސިގްނަލްތައް ބޭނުންކުރަމުންދާ ކަމަށެވެ. އެންތުރޯޕިކް ކުންފުނިން މިކަމުގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.