ޑްރަގު މައްސަލައެއްގައި ހައްޔަރު ކުރި މީހަކު، ބައި މިލިއަނުން ޖޫރިމަނާކޮށް އުމުރަށް ޖަލަށް

ކްރިމިނަލް ކޯޓު -- ފޮޓޯ/ ރައީސް އޮފީސް

ގ. ސަންޑާސް ގޭގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ކެނެބިސްއާއި ބަނގުރާ ފެނުނު މައްސަލައިގައި، އެގޭ އިޝްފާޤު ވަޙީދުގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ ވެސް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ ޢުމުރަށް ޖަލަށް ލުމާއެކު އިތުރު ތިން އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

އާދިއްތަ ދުވަހު، ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ ނަދީމް ނިންމެވި މި ތިން ގަޒިއްޔާއަކީ 14 އޮކްޓޫބަރު 2024 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. ސަންޑާސް ގޭގެ ދެވަނަ ފަންގިފިލާ ބަލައިފާސްކޮށް ފެނުނު ހެކިތަކުގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދައުވާތަކެކެވެ.

އިޝްފާޤުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއަކީ، ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާއާއި، ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ފުލުހުން ގ. ސަންޑާސް ގޭގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެތަނުގެ ކަނާތްފަރާތުން ދެވަނައަށް ހުރި ކޮޓަރީގެ އަލަމާރިއާއި ޑްރޯވަރުގެ ތެރެއިން 18 ގްރާމަށްވުރެ ގިނަ ކެނެބިސް (ދެ ދަޅާއި، ތިން ސެލޯފިންކޮޅުގައި ހުރި ކެނެބިސް އަދި ޑްރޯވަރުން ފެނުނު ސެލޯފިންކޮޅު) ފެނިފައިވެއެވެ.

މީގެއިތުރުން ކެނެބިސް ކިރުމަށް ބޭނުންކުރާ ޑިޖިޓަލް ކައްޓާއަކާއި، ކެނެބިސްގެ އަސަރުހުރި ފިޔޮއްސަކާއި، ޓީވީ ރެކު ދަށުން ބަނގުއާވި ހުރި 500 މިލިލީޓަރުގެ "ތާޒާ" ފުޅިއެއްގެ އިތުރުން 86,000 ދިވެހި ރުފިޔާއާއި 1,690 އެމެރިކާ ޑޮލަރު ފެނިފައިވެއެވެ.

އިޝްފާޤު ވަނީ އެ ކޮޓަރިއަކީ އޭނާ ދިރިއުޅޭ ކޮޓަރި ނޫން ކަމަށް ބުނެ ދިފާޢުވާން މަސައްކަތްކޮށްފައެވެ. ނަމަވެސް، ފުލުހުން އޭނާ ހައްޔަރުކުރިއިރު އަތުގައި އޮތް ތަޅުދަނޑިފަތީގެ ތަޅުދަނޑިއަކުން އެ ކޮޓަރީގެ ދޮރު ހުޅުވޭކަން ސާބިތުވެފައިވެއެވެ. އަދި އެ ކޮޓަރީގެ އަލަމާރިއާއި ޑްރޯވަރުން އިޝްފާޤުގެ ނަމުގައިވާ އައިޑީ ކާޑާއި، މުއްދަތު ހަމަނުވާ ލައިސަންސް ކާޑާއި، ސައިކަލު ރަޖިސްޓަރީއާއި، އެޑްވާންސް މެޑިކަލް ކްލިނިކުން 10 ސެޕްޓެންބަރު 2024 ގައި ހޯދާފައިވާ މެޑިކަލް ލިޔުންތަކާއި، އޭނާގެ އަންނައުނާއި ވޮލެޓު ފެނިފައިވެއެވެ.

އެ ކޮޓަރީގެ ފާޚާނާ އަޅިކެނޑިން ފެނުނު ދެ ސިނގިރޭޓު ބަޓުގެ ފޮރެންސިކް ތަޙުލީލުން އިޝްފާޤުގެ ޑީއެންއޭ ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ދެ ތަނަކުން ތަޙުލީލުކުރިއިރު ދެ ރިޕޯޓުން ވެސް ކެނެބިހަށް ޕޮޒިޓިވްވެފައިވެއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގައިވާ ގޮތަށް، ކޮޓަރީގެ ތެރެއިން މަސްތުވާތަކެތި ބައިބަޔަށް އަޅައި، ކިރައި، ވިއްކުމަށް ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވުމުން، މަސްތުވާތަކެތި ގެންގުޅުނީ ވިޔަފާރިކުރުމުގެ ނިޔަތުގައިކަން ކޯޓަށް ވަނީ ސާބިތުވެފައެވެ.

އިޝްފާޤުގެ ޢާއިލާ މެންބަރުން ކޯޓުގައި ހެކިބަސް ދެމުން އެ ކޮޓަރިއަކީ ވަކި މީހަކު އުޅޭ ކޮޓަރިއެއް ނޫން ކަމަށް ބުނި ނަމަވެސް، ޢާއިލާގެ އެހެން އެންމެން އުޅޭ ކޮޓަރިތައް ސާފުކޮށް ބުނެދެވި، ބާކީވި ހަމައެކަނި ކޮޓަރިން އިޝްފާޤުގެ ޒާތީ ތަކެއްޗާއި ޑީއެންއޭ ފެނުމުން، ޢާއިލާގެ ހެކިބަހަކީ އިޝްފާޤުގެ މަޞްލަޙަތުގައި ޙަޤީޤަތާ ޚިލާފަށް ދީފައިވާ ހެކިބަހެއް ކަމަށް ގާޟީ ވަނީ ނިންމަވާފައެވެ.

އެހެންކަމުން، މި ތިން މައްސަލައިގައިވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް، އިޝްފާޤު ވަޙީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެކުގައެއްޗެއްސަށް ޢުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު އިތުރު 3 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި މީގެ އިތުރުން ބައި މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން އޭނާވަނީ ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް