ނަން އެއްގޮތްވެގެން ދިވެހި ކުންފުންޏެއްގެ ނަން ބަދަލުކުރަން މެލޭޝިއާ ކުންފުނިން ކުރި ދައުވާ ނާކާމިޔާބުވެއްޖެ

ނަން އެއްގޮތްވާތީ މައްސަލަ ހުށަހެޅި މެލޭޝިއާ ކުންފުނީގެ އޮފީހެއް --

ނަން އެއްގޮތްވެގެން އޮޅުންއަރާ ކަމަށް ބުނެ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް އަމުރުކޮށްދިނުމަށް އެދި މެލޭޝިއާގެ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ނާކާމިޔާބުވެ، ދިވެހި ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިމިއްޖެއެވެ.

މި މައްސަލައަކީ މެލޭޝިއާގެ "އެންޒެޑް ވޯލްޑް ޓުއާސް އެންޑް ޓްރެވަލްސް" ކުންފުނިން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ "މައިއެންޒެޑްޓްރިޕް ޕްރައިވެޓް ލިމިޓެޑް"ގެ ނަން ބަދަލުކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މެލޭޝިއާ ކުންފުނިން ކޯޓުގައި ބުނެފައި ވަނީ، އެ ކުންފުނިން 2017 ވަނަ އަހަރުން ފެށިގެން މައިއެންޒެޑްޓްރިޕް އަދި އެ ނަމުގައި ވެބްސައިޓެއް ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި އެ ނަމާ އެއްގޮތް ނަމެއްގައި ކުންފުންޏެއް ރަޖިސްޓްރީކުރުމުން އާންމުންނަށް އޮޅުންއަރައި، އެ ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރާނެ ކަމަށް ބުނެ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އެ ނަން ބަދަލުކުރަން އަންގައިދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި ވެސް ކުރިން އެދިފައިވާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ކުރިން ނިންމާފައި ވަނީ، މައިއެންޒެޑްޓްރިޕް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށްދިނީ ކުންފުނީގެ ޤާނޫނާއި ޕްރައިވެޓް ކުންފުނީގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ ނަން ރަޖިސްޓްރީކުރިއިރު، ރާއްޖޭގެ ވިޔަފާރި ނަންތަކުގެ ރަޖިސްޓްރީގައި އެއާ އެއްގޮތް ނުވަތަ އޮޅުންއަރާ ފަދަ އެހެން ނަމެއް ރަޖިސްޓްރީވެފައި ނެތުމުން، ނަން ބަދަލުކުރަން އަންގާނެ ޤާނޫނީ ތަނެއް ނެތް ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަކީ ދިވެހި ކުންފުނި ރަޖިސްޓްރީކުރި ވަގުތު، ރާއްޖޭގެ ވިޔަފާރި ނަންތަކުގެ ރަޖިސްޓްރީގައި މައިއެންޒެޑްޓްރިޕް ޕްރައިވެޓް ލިމިޓެޑާ އެއްގޮތް ނުވަތަ އޮޅުންއަރާ ފަދަ އެހެން ނަމެއް ރަޖިސްޓްރީކޮށްފައި ނެތްކަމެވެ. އަދި މެލޭޝިއާ ކުންފުނީގެ ނަމަކީ ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށް ޚާއްޞަ ރައްކާތެރިކަމެއް ހޯދާފައިވާ ޓްރޭޑްމާކެއް ނުވަތަ ބްރޭންޑް ނަމެއް ނޫންކަން ކޯޓުން ފާހަގަ ކުރިއެވެ.

އެހެންކަމުން، މެލޭޝިއާ ކުންފުނިން އެދިފައިވާ ފަދައިން ދިވެހި ކުންފުނީގެ ނަން ބަދަލުކުރަން އަމުރުކުރާނެ ނުވަތަ އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް އެފަދަ އަމުރެއް ނެރުމުގެ ޤާނޫނީ ސަބަބެއް ނެތް ކަމަށް ނިންމައި، ސިވިލް ކޯޓުން ވަނީ މެލޭޝިއާ ކުންފުނީގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.

comment ކޮމެންޓް