"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި، މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 93ވަނަ މާއްދާގެ (ހ) ގެ ދަށުން މިފަދަ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށް ޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ނިންމަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މި ޕްރޮޓޮކޯލަކީ ފަހެއް އެޕްރީލު 2010 ގައި ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް" މުއާހަދާއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ހައްގުތައް އިތުރަށް ހަރުދަނާކޮށް، އެ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރުމަށް އެކުލަވާލާފައިވާ ޕްރޮޓޮކޯލެކެވެ.
މި ޕްރޮޓޮކޯލަކީ މި މުޢާހަދާ ތަޞްދީޤުކޮށްފައިވާ ޤައުމުތަކުން އެބައެއްގެ އަމިއްލަ އިޙުތިޔާރުގައި ބައިވެރިވާ ޕްރޮޓޮކޯލެކެވެ. ރާއްޖެއިން ކުރިން މި މުއާހަދާ ތަސްދީގުކުރިނަމަވެސް، އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ.
ނަމަވެސް އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ އެކި ނިޒާމުތަކުގެ ދަށުން ރާއްޖެ ރިވިއުކުރިއިރު، މި ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަސްދީގުކުރުމަށް ރާއްޖެއަށް ގިނަ ރިކޮމެންޑޭޝަންތަކެއް ވަނީ ލިބިފައެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ، މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި މައިގަނޑު ދެ ނިޒާމެއް ހިމެނޭ ކަމަށެވެ. ފުރަތަމަ ނިޒާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގެއް ގެއްލިގެން، ގައުމުގެ އެތެރޭގެ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު، އެކަމުގެ ޝަކުވާ އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭ ނިޒާމެވެ. ދެވަނަ ނިޒާމަކީ މެންބަރު ގައުމަކުން މި މުއާހަދާގައިވާ ހައްގުތަކަށް ނިޒާމީ ގޮތެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގަންނަ ކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެކަމާ ގުޅިގެން އިންކުއަރީއެއް ނުވަތަ ތަހުގީގެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިދޭ އިންކުއަރީ ނިޒާމެވެ.