އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅޭ އެންމެ ފަހު މެޗުގައި ބޭނުންކުރާ ޚާއްސަ ޖާޒީ ބަލައިލަން ބޭނުންތަ؟

--

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލިއޮނެލް މެސީ، ގައުމީ ޓީމުގެ ޖާޒީގައި ފެންނާނެ އެންމެ ފަހު މެޗަކީ ކޮބައިކަމާއި، އެ މެޗުގައި އޭނާ ބޭނުންކުރާނީ ކޮން ކަހަލަ ޖާޒީއެއްކަން މިހާރު ވަނީ ސާފުވެފައެވެ. އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ އޭނާގެ ވަދާއީ މެޗުގެ ކުރިން، އެ މެޗުގައި ބޭނުންކުރުމަށް އެޑިޑާސްއިން ފަރުމާކޮށްފައިވާ ހާއްސަ ޖާޒީ މެސީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުންނަށް ދައްކާލާފައެވެ.

މި ޖާޒީ އާންމުކުރަމުން އުމުރުން 39 އަހަރުގެ މެސީ ބުނެފައިވަނީ މިއީ އޭނާގެ އެންމެ ފަހު މެޗު ކަމަށާއި، މިއީ މުޅި އުމުރަށް ހާއްސަވާނެ ޖާޒީއެއް ކަމަށެވެ. މި ޖާޒީގައި އާޖެންޓީނާގެ މަޝްހޫރު އުޑުނޫ ކުލައާއި ހުދު ކުލަ ހިމަނާފައިވީ ނަމަވެސް، މެސީގެ ވަދާއީ މެޗާ ގުޅުވައިގެން އެޑިޑާސްއިން ވަނީ ހާއްސަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޖާޒީގެ ފަހަތުގައި ރަން ކުލައިން މެސީގެ ނަމާއި އޭނާގެ މަޝްހޫރު ޖާޒީ ނަންބަރު 10 ލިޔެފައިވާއިރު، ނަމުގެ މަތީގައި "ސަން އޮފް މޭ" (އާޖެންޓީނާގެ ދިދައިގައި އިންނަ އިރު) ފެންނަން ހުރެއެވެ. މީގެ އިތުރުން ޖާޒީގެ ފަހަތުގައި ތަފާތު ކުރެހުމެއްވެސް ހިމަނާފައިވެއެވެ.

މެސީއާއެކު ވޭތުވެދިޔަ ވިހި އަހަރު ދުވަހު ގާތް ގުޅުމެއް ބާއްވަމުން އައިސްފައިވާ ޖަރުމަނުގެ ކުޅިވަރު ސާމާނު އުފައްދާ ކުންފުނި، އެޑިޑާސްއިން ފަރުމާކުރި މި ހާއްސަ ޖާޒީއަކީ މެސީގެ ބައިނަލްއަގުވާމީ ކެރިއަރުގެ ފަހު ބާބު ފާހަގަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޖާޒީއެކެވެ. މިއަހަރުގެ ކުރީކޮޅު މެސީ ކުޅުނު ފަހު ވޯލްޑް ކަޕާ ދިމާކޮށްވެސް އެޑިޑާސްއިން ވަނީ "އެލް އުލްޓިމޯ ޓޭންގޯ" ގެ ނަމުގައި ހާއްސަ ކަލެކްޝަނެއް ނެރެފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމާއެކު މެސީ ކުޅޭ އެންމެ ފަހު މެޗު އޮންނާނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު، އާޖެންޓީނާގެ ބުއެނޯސް އައިރީސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައެވެ. ބެނިންއާ ދެކޮޅަށް ކުޅޭ މި މެޗަކީ މެސީ ބައިނަލްއަގުވާމީ ފުޓުބޯޅައާ ވަކިވުން ފާހަގަކުރުމަށް ރާވާފައިވާ މެޗެކެވެ. މިހާތަނަށް އާޖެންޓީނާގެ ގައުމީ ޓީމަށް 207 މެޗު ކުޅެދީ 125 ލަނޑު ކާމިޔާބުކޮށްފައިވާ މެސީ، ބޮލީވިއާއާއި ބުރުކީނާ ފާސޯއާ ދެކޮޅަށް އާޖެންޓީނާއިން ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކުގައި ނުކުޅޭނެއެވެ. އެހެންކަމުން ބެނިންއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އޭނާ ގައުމީ ޓީމަށް ކުޅެދޭ 208 ވަނަ އަދި އެންމެ ފަހު މެޗަށެވެ.

ވޭތުވެދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި އާޖެންޓީނާގެ ސަޕޯޓަރުން ވަނީ 10 ނަންބަރު ޖާޒީގައި މެސީ ދެއްކި މޮޅު ކުޅުމާއި، އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތަކުގެ އުފާވެރިކަން ދެކެފައެވެ. އަދި ހަމައެހެންމެ އެ ޖާޒީގައި އޭނާ ކުރި ހިތާމަތައްވެސް ސަޕޯޓަރުން ވަނީ ތަޖުރިބާކޮށްފައެވެ. މިހާރު ސަޕޯޓަރުންނަށް ފެނިފައި މިވަނީ، އެ ހުރިހާ ހަނދާންތަކަކާ އެކު ގައުމީ ޓީމާ އަލްވަދާއުކިޔުމަށް މެސީ ލާނެ އެންމެ ފަހު ޖާޒީއެވެ.

comment ކޮމެންޓް