ނުވަދިހައިގެ ތެރޭގައި މަޝްހޫރުވި ސުޕަ މޮޑެލް ސިންޑީ ކްރޮފޯޑްގެ ފިރިހެން ދަރިފުޅު އަދި މޮޑެލް ޕްރެސްލީ ގާބާ، އުމުރުން 27 އަހަރުގައި މަރުވެއްޖެއެވެ. ދަރިފުޅުގެ މަރުގެ ޚަބަރު ސިންޑީ ކްރޮފޯޑްގެ ތަރުޖަމާނު ވަނީ ސީއެންއެންއަށް ކަށަވަރުކޮށްދީފައެވެ.
ލޮސް އެންޖެލިސް ކައުންޓީ މެޑިކަލް އެގްޒަމިނާގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ޕްރެސްލީ މަރުވީ މިދިޔަ އާދީއްތަ ދުވަހު ރިހެބިލިޓޭޝަން ސެންޓަރެއްގައި ހުންނަނިކޮށެވެ. ނަމަވެސް އޭނާ މަރުވި ސަބަބު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އާއިލާގެ ތަރުޖަމާނު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި އުނދަގޫ އަދި ހިތާމައިގެ ވަގުތުގައި އާއިލާގެ ޕްރައިވެސީ އާއި އަމިއްލަ އަދި ޒާތީ މައުލޫމާތުގެ ރައްކާތެރިކަމަށް އިޙްތިރާމްކުރުމަށް އާއިލާއިން އެދޭ ކަމަށެވެ.
ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު ކެލިފޯނިއާއަށް އުފަންވި ޕްރެސްލީއަކީ ސިންޑީ ކްރޮފޯޑާއި ވިޔަފާރިވެރިޔާ ރޭންޑީ ގާބާއަށް ލިބުނު ދެ ކުދިންގެ ތެރެއިން އެކަކެވެ. އޭނާގެ ކޮއްކޮ ކާޔާ ގާބާ ފަދައިން، ޕްރެސްލީވެސް މޮޑެލިންގް ދާއިރާއަށް ނުކުމެފައިވަނީ ވަރަށް ޅަ އުމުރުގައެވެ. އެގޮތުން އިޓަލީގެ މަޝްހޫރު ބްރޭންޑް "މޮސްކީނޯ"ގެ ރަންވޭއިން އޭނާ ފުރަތަމަ ފެނިގެންދިޔައީ އުމުރުން އެންމެ 16 އަހަރުގައެވެ.
ސިންޑީ ކްރޮފޯޑް އޭނާގެ އާއިލާއާ އެކު--ފޮޓޯ/ބީބީސީއޭގެ ފަހުން އޭނާ ވަނީ ބާބަރީ، ޑޮލްޗޭ އެންޑް ގައްބާނާ، ބޮޓޭގާ ވެނެޓާ، ޓޮމީ ހިލްފިގާ އަދި ރާލްފް ލޯރެން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކަށް މޮޑެލްކޮށްދީފައެވެ. މީގެއިތުރުން ކެލްވިން ކްލައިން، ސެލީން އަދި އޮމޭގާގެ އިޝްތިހާރުތަކުންނާއި، ޖީކިއު ސްޓައިލް އަދި ނިއުޔޯކް ޓައިމްސް ސްޓައިލް މެގަޒިން ފަދަ މަޝްހޫރު މަޖައްލާތަކުގެ ފްރަންޓް ޕޭޖުންވެސް އޭނާ ޖާގަ ހޯދިއެވެ. ދެހާސްނަވާރަ ވަނަ އަހަރު ޑީއެންއޭ މޮޑެލް މެނޭޖްމަންޓާއެކު ސޮއިކުރި ޕްރެސްލީއަކީ މޮޑެލިންގްގެ އިތުރުން އިންވެސްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކުރި ޒުވާނެކެވެ.
ފަހަކަށް އައިސް ޕްރެސްލީ ވަނީ އޭނާ ތަހައްމަލުކުރަމުންދިޔަ ނަފްސާނީ މައްސަލަތަކާއި ބެހޭގޮތުން ފާޅުކަން ބޮޑުގޮތެއްގައި ވާހަކަދައްކާފައެވެ. އެގޮތުން 2023 ވަނަ އަހަރު "ސްޓޫޑިއޯ 22" ޕޮޑްކާސްޓްގައި ވާހަކަދައްކަމުން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަކީ އޭނާގެ ހަޔާތުގެ މުހިންމު ބައެއްކަމަށް ބުނެފައިވެއެވެ.
ނިމިދިޔަ ޑިސެމްބަރު މަހު އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި، ކަންބޮޑުވުމާއި ނަފްސާނީ އުނދަގޫތަކަށް ބޭނުންކުރާ ބޭސްތަކާ ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ. އެ ވީޑިއޯއަށް ކޮމެންޓް ކުރަމުން އޭނާގެ މަންމަ ސިންޑީ ކްރޮފޯޑް ވަނީ، އާއިލާއިން އޭނާދެކެ ލޯބިވާކަމަށާއި އަބަދުވެސް އާއިލާއިން އޭނާއާ އެކު ތިބޭނެ ކަމަށް ބުނެ ހިތްވަރުދީފައެވެ. އަދި މި އަހަރުގެ ޖުލައި މަހު ޕްރެސްލީގެ 27 ވަނަ އުފަންދުވަހާ ގުޅުވައިގެން ސިންޑީ ވަނީ ފޭސްބުކްގައި އޭނާގެ ދަރިފުޅާމެދު ފަޚުރުވެރިވާކަން ހާމަކޮށްފައެވެ.
ޕްރެސްލީގެ ކުއްލި މަރާ އެކު އާއިލާ އާއި ގާތް އެކުވެރިން ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އޭނާގެ ހަނދާންތައް އާކޮށްފައެވެ. އޭގެތެރޭގައި މަޝްހޫރު ފެޝަން ފޮޓޯގްރާފަރު ކޮލިއާ ޝޯރާއި މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަން އަދި ބްރޫކްލީން ބެކަމް ފަދަ މީހުން ހިމެނެއެވެ.