ޕާކިސްތާނުގެ ބައެއް ޓީވީ ޑްރާމާތަކަކީ، އެ އުފެއްދުންތައް ބަލާ ނިމޭތާ އެތައް އަހަރެއް ފަހުން ވެސް ބެލުންތެރިންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ، އަދި ކިތަންމެ ފަހަރަކު ބެލި ކަމުގައިވިޔަސް ފޫހިކަމެއް ނެތް މޮޅު އުފެއްދުންތަކެކެވެ.
މިއަދުގެ "ތްރޯބެކް" ނަޒަރަކުން މި ބަލާލަނީ، އަލުން ބަލާލުމަށް އެންމެ އެކަށީގެންވާ ޕާކިސްތާނުގެ ވަރުގަދަ ތިން ޑްރާމާއަކަށެވެ. މިއީ ހަމައެކަނި މުނިފޫހިފިލުވައިދިނުމުގެ އިތުރުން، ފުން މާނަތަކަކާއި އަސަރުގަދަ މަންޒަރުތަކެއް އެކުލެވިގެންވާ ވާހަކަތަކެކެވެ. މި ޑްރާމާތައް މީގެ ކުރިން ބެލި ކަމުގައިވިޔަސް ނުވަތަ އަދި މިހާތަނަށް ނުބަލާ ހުރި ކަމުގައިވިޔަސް، މިއީ ކޮންމެ ބެލުންތެރިއެއްގެ ވެސް "ވޮޗް ލިސްޓް"އަށް އިތުރުކޮށްލަން ހަމަ އެންމެ ރަނގަޅު އުފެއްދުންތަކެކެވެ.
މާތު: ހަސަދަވެރިކަމާއި މުއްސަނދިކަމުގެ ދަހިވެތިކަން ދައްކުވައިދޭ ވަރަށް ވަރުގަދަ ވާހަކައެއް
އާމިނާ ޝައިޚް، ސަބާ ގަމަރް އަދި އަދުނާން ސިއްދީގީގެ މޮޅު އެކްޓިންގް ފެނިގެންދާ "މާތު" އަކީ، މުޅިން ތަފާތު މިޒާޖެއްގެ ދެއަންހެން ކޮއްކޮއިންގެ މެދުގައި އޮންނަ ނުތަނަވަސް ގުޅުންތައް ދައްކުވައިދޭ ޝައުގުވެރި ޑްރާމާއެކެވެ. މި ވާހަކަ ބިނާވެފައިވަނީ އައިމަން އާއި ސަމަންގެ މައްޗަށެވެ. ދިރިއުޅުމާމެދު އެ ދެމީހުން ދެކޭގޮތް ތަފާތުވުމުގެ ސަބަބުން އެމީހުންގެ ދެމެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދެއެވެ. އައިމަންއަކީ އާދައިގެ ދިރިއުޅުމަކާއި އާއިލީ އުފާވެރިކަމަށް އިސްކަންދޭ މީހަކަށްވާއިރު، ސަމަންއަކީ މުއްސަނދިކަމާއި ދުނިޔަވީ އަރާމަށް ދަހިވެތިވެފައިވާ މީހެކެވެ.
މި ދެބެއިންގެ ނިންމުންތަކުގެ ސަބަބުން އެމީހުންގެ ގުޅުންތަކަށާއި މުސްތަގުބަލަށް ބޮޑެތި އަސަރުތަކެއްކޮށް، "މާތު" ވެގެންދަނީ ހަމައެކަނި ދެބެއިންގެ ދެމެދުގައި އޮންނަ ވާދަވެރިކަމަކަށްވުރެ ބޮޑަށް، ހަސަދަވެރިކަމާއި، އިޖުތިމާއީ ފަންތިތަކާއި، ގުރުބާނީގެ އިތުރުން ވަކި ކަހަލަ ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތުން ލިބިދާނެ ބޮޑެތި ގެއްލުންތައް ހާމަކޮށްދޭ އިބުރަތްތެރި ވާހަކައަކަށެވެ.
ރަންޖާ ރަންޖާ ކަރްދީ: ލޯތްބާއި ދިރިއުޅުމުގެ ހަނގުރާމައިގެ ދަތުރަކަށް ބެލުންތެރިން ގެންގޮސްދޭ
އިގްރާ އަޒީޒް، އިމްރާން އަޝްރަފް އަދި ސައްޔިދު ޖިބްރާންގެ ހުނަރުވެރި އެކްޓިންގް ފެނިގެންދާ "ރަންޖާ ރަންޖާ ކަރްދީ" އަކީ ފަގީރުކަމުން ސަލާމަތްވެ، ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް ހުވަފެން ދެކޭ ނޫރީ ކިޔާ ޒުވާން އަންހެނެއްގެ ދިރިއުޅުމުގެ ދަތުރެވެ. ދިރިހުރުމަށްޓަކައި ކުރާ މަސައްކަތަކުން ފެށޭ މި ވާހަކަ، ފަހުން ބަދަލުވެގެންދަނީ އަމިއްލަ ނަފްސާއި، އިޖުތިމާއީ ފަންތިތަކާއި، ކައިވެނި އަދި އިންސާނީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ފުން ދިރާސާއަކަށެވެ. މި ޑްރާމާ ޚާއްޞަވެގެންދަނީ ރީތިކަމާއި، ގަދަރާއި އަދި ލޯތްބާއި އިހުތިރާމް ހައްގުވާ މީހުންނާމެދު މުޖުތަމަޢު ދެކޭ ގޮތްތަކަށް ގޮންޖަހައިލާތީއެވެ.
"އައުން ޒާރާ"ގެ ކާސްޓުން ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކްއައުން ޒާރާ: މުޅިން ތަފާތު މިޒާޖެއްގެ ދެ މީހަކު ދިރިއުޅުމުގައި ކުރިއަށްދާން ނިންމާގޮތް ދައްކުވައިދޭ
"އައުން ޒާރާ" އަކީ ވަރަށް ތަފާތު، މަޖާ ރޮމޭންޓިކް ކޮމެޑީއެކެވެ. މި ޑްރާމާގައި ދައްކުވައިދެނީ އާއިލާގެ އަންހެންވެރިންގެ މެދުގައި ނާޒުކުކޮށް ބޮޑުވެފައިވާ އައުން އާއި، އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭ ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރި ޒާރާގެ ވާހަކައެވެ. މި ދެމީހުންގެ ކައިވެންޏާއެކު، އެމީހުންގެ ތަފާތު މިޒާޖުގެ ސަބަބުން މަޖާ އެތައް ހާދިސާތަކެއް ހިނގައިގެންދެއެވެ. މި ޑްރާމާގެ އެންމެ ޚާއްޞަ ސިފައަކީ އޭގައި ހިމެނޭ ލޯތްބާއި، އާއިލީ ގުޅުންތަކާއި އަދި މަޖާ މަންޒަރުތައް ވަރަށް ފުރިހަމައަށް ބައްޓަންކޮށްފައިވުމެވެ. ފާއިޒާ އިފްތިޚާރުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ޑްރާމާގެ ޑައިރެކްޓަރަކީ ހައިސަމް ހުސައިނެވެ.
ވީމާ، މި ތިން ޑްރާމާގެ ތެރެއިން "ވޮޗް ލިސްޓް"އަށް އެންމެ ފުރަތަމަ އިތުރުކޮށްލާނީ ކޮން ޑްރާމާއެއްހެއްޔެވެ؟