ހުނުމަކީ ހަގީގަތުގައި ވެސް ފަރުވާއެއްތަ؟

ގޭގެ ސިޓިންގރޫމެވެ. ޓީވީން ފެންނަމުންދަނީ މީގެ އެތައް އަހަރެއް ކުރިން ކާފައަށް ހެދިފައިވާ މަޖާ ގޯހެކެވެ. ގެ ބަދަލުވި ދުވަހު ބޮލަށް ގޮދަޑިއެއް ލައިގެން ހިނގާފައި ދަނިކޮށް ގޮސް ފާރުގައި ޖެހޭ މަންޒަރެވެ. އަދި ގެ ބަދަލުވި ދުވަހު ނޭނގި ރެކޯޑުކޮށްފައިވާ މަޖާ ހަރަކާތްތަކެކެވެ. މުޅި ސިޓިންގރޫމް ގުގުމާލާފައިވަނީ އާއިލާގެ އެންމެންގެ ބާރު ހުނުމުގެ އަޑުންނެވެ. އެތައް ފަހަރަކު އެ މަންޒަރުތައް ބަލާފައިވީ ނަމަވެސް، ކޮންމެ ފަހަރަކުވެސް އެއިން ލިބޭ އުފާވެރިކަމާއި ހިނިތުންވުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ބަނޑަށް ތަދުވާ ވަރަށް، އަދި ލޮލުން ކަރުނަ އަންނަ ވަރަށް ހެވޭއިރު، އެ ވަގުތުކޮޅަކީ ދުނިޔޭގެ ހުރިހާ ފިކުރަކާ ދުރަށް މީހާ ގެންގޮސްދޭ ވަގުތުކޮޅެކެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު، މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ސިޔާސީ ގޮތުން އުފެދިފައިވާ ބޮޑެތި ހިޔާލު ތަފާތުވުންތަކާއި، އެކި ގައުމުތަކުގައި ހިނގަމުންދާ ދިގުލީ ހަނގުރާމަތަކާއި ދުވަހުން ދުވަހަށް އުފުލެމުންދާ ތަކެތީގެ އަގުތަކެވެ. އުޅެންޖެހިފައިވާ ދަތި ހާލުގެ ނުތަނަވަސްކަމެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ބިރުވެރި ނުރައްކާތަކެވެ. މިފަދަ ހިތްދަތި ހަގީގަތްތަކުގެ ސަބަބުން ގިނަ ބަޔަކު ތިބެނީ ނަފްސާނީ ގޮތުން ވަރުބަލިވެ، ގޮތްހުސްވެފައެވެ. ނަމަވެސް، މި ހުރިހާ ކަމަކުން ސިކުނޑިއަށް ލުއިކަމެއް ހޯދުމަށް ކުރެވެން އޮތް އެންމެ ފަސޭހަ، އަދި އެންމެ ހެޔޮ އަގުގައި ލިބެން އޮތް ފަރުވާއަކީ ހުނުމެވެ. ހިތުގެ އަޑިން ހީލުމަކީ ދުނިޔޭގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނެ ކަމަކަށް ނުވި ނަމަވެސް، އެއީ އަމިއްލަ ނަފްސަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ހުނުމަކީ ހަމައެކަނި އިހުސާސެއް ނޫނެވެ. އެއީ ހަށިގަނޑަށް އަންނަ ފިޒިކަލް ބަދަލެކެވެ. ބާރަށް ހީލާ ވަގުތު، މޭ ފުޅާވެ، ހަށިގަނޑަށް އޮކްސިޖަން އެތެރެވާ މިންވަރު އިތުރުވެއެވެ. އަދި ލޭ ދައުރުވުން އަވަސްކޮށްދެއެވެ. މީގެ އިތުރުން، ހުނުމުގެ ސަބަބުން ސިކުނޑީގައި އުފެދޭ ކެމިކަލްތަކެއްގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޯރުކޮށްދިނުން ރަނގަޅުވެގެންދެއެވެ. މިއީ ހަށިގަނޑަށް ކަސްރަތެއް ލިބުން ފަދަ ކަމެކެވެ. ފުއްޕާމޭ ފުޅާވެ، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ތާޒާ ލޭ ފޯރަން ފެށުމުން، މީހާގެ ހަށިގަނޑަށް އާދަޔާހިލާފު ލުއިކަމެއް އިހުސާސްކުރެވެއެވެ.

ސައިންސުގެ ހޯދުންތަކުން މިކަން ވަނީ ސާބިތުވެފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ހުނުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ސްޓްރެސް ހޯމޯން ކަމަށްވާ "ކޯޓިސޯލް" އުފެދޭ މިންވަރު ގާތްގަނޑަކަށް 30 އިންސައްތަ ދަށްކޮށްދެއެވެ. އެންމެ 10 މިނެޓު ވަންދެން ހީލުމުން ވެސް، ސްޓްރެސް ކުޑަކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބޭކަން ވަނީ ހާމަވެފައެވެ. މިއީ ގަބޫލުކުރަން ދަތިވި ނަމަވެސް ހަގީގަތެކެވެ. ހަމައެކަނި ހީލުމަކުން ސިއްހަތަށް މިހާ ބޮޑު ފައިދާއެއް ކޮށްފާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ސަބަބަކީ، ބޭސްގުޅައަކުން ހުރިހާ ކަމަކަށް ފަރުވާ ހޯދުމަށް އާދަވެފައިވާ މުޖުތަމައެއްގައި، ހަމައެކަނި އުފާވެރިކަން އިތުރުކޮށްދޭ ކަންކަމުގެ މުހިންމުކަން ގިނަ ފަހަރަށް އޮންނަނީ ކުޑަވެފައެވެ. ހުނުމަކީ ވިޔަފާރިއަކަށް ނުވާތީ، އޭގެ ވާހަކަ ދައްކާ މީހުން މަދުވަނީއެވެ.

ހާސްކަމާއި ނުތަނަވަސްކަން ފިލައިދިއުމުން ހަށިގަނޑަށް ލިބޭ ލުއިކަމުގެ ސަބަބުން، ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް ވެސް އޭގެ ފައިދާ ކުރާކަން ހީދިފައިވެއެވެ. ދަރިން ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ބައެއް މީހުން، ހާސްކަމާ ދުރަށްގޮސް، މަޖާކޮށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ނަތީޖާއަކަށްވަނީ، ސްޓްރެސް ފިލައިގޮސް ދަރިން ލިބުމުގެ ފުރުސަތު ބޮޑުވުމެވެ. މިއީ ސީދާ ހުނުމުގެ ސަބަބުން ލިބޭ ފަރުވާއެއް ކަމަށް ސައިންސުން ކަނޑަނޭޅި ނަމަވެސް، ނަފްސާނީ ހަމަޖެހުމާއި ހަށިގަނޑުގެ މަސައްކަތްތަކާ ހުރި ގުޅުން މިއިން ވަރަށް ރަނގަޅަށް ހާމަވެއެވެ.

ބޮޑެތި ބަލިތަކާ ހަނގުރާމަކުރާ މީހުންނަށް ވެސް ހުނުމަކީ ފަރުވާއެކެވެ. ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދާއިރު، ހަމައެކަނި ބަލީގެ ވޭނާއި ފަރުވާގެ އުނދަގޫތަކަށް ވިސްނުމަކީ މީހާ މާޔޫސްކޮށްލާ ކަމެކެވެ. އެކަމުގެ ސަބަބުން ބަލިމީހާގެ ހިތްވަރު އެލި، ފަރުވާއަށް ހަށިގަނޑު އިޖާބަދޭ މިންވަރު ދަށްވެއެވެ. ނަމަވެސް، ދިރިއުޅުމުގައި މަޖާކޮށް، އުފާވެރިކަން ހޯދާ މީހުންނަށް، ބައްޔާ ކުރިމަތިލުމުގެ ހިތްވަރު ލިބެއެވެ. ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ބައެއް ބަލިމީހުން ވެސް، އުފާވެރިކަމާއެކު ދިރިއުޅުން ހޭދަކުރުމުގެ ސަބަބުން، ލަފާކުރި ވަރަށްވުރެ ދިގު މުއްދަތުގައި ދުނިޔޭގައި ތިބޭކަން ތާރީހުން ފެންނަން އެބަހުއްޓެވެ. ހޭ ވަގުތު، ރުޅިއައުމާއި މާޔޫސްވުން ފަދަ އިހުސާސެއް ނުހުންނާނެއެވެ. އެއީ ހުނުމަށް ހާއްސަވެފައިވާ ވަގުތެކެވެ. އެ ވަގުތުކޮޅަކީ ސިކުނޑިއަށް ލިބޭ އާރޯކަމެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހުނުމަށް ޚާއްޞަކޮށްގެން ކްލަބްތައް (ލާފިންގް ކްލަބްތައް) އުފައްދައިގެން ހިންގުމަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ ވަރަށް ފައިދާހުރި ހަރަކާތެކެވެ. މިފަދަ ކްލަބްތަކުގައި މީހުން އެއްވެ، ޚާއްޞަ ކަސްރަތުތަކާއި ނޭވާލުމުގެ އުކުޅުތަކާއެކު ގަސްދުގައި ހޭން ދަސްކޮށްދެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި ސްޓްރެސް ކުޑަކޮށްދޭ މާއްދާތައް އިތުރުވެ، ދިފާއީ ނިޒާމު ވަރުގަދަވުމަށް ބޮޑެތި އެހީތަކެއް ލިބިގެންދެއެވެ. އަދި ނަފުސާނީ ހަމަޖެހުން ލިބި، މީހުންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުންތައް ބަދަހިވެ، މުޅި މުޖުތަމައުގައި އުފާވެރި މާހައުލެއް ބިނާވެގެންދެއެވެ.

މީގެ އިތުރުން، ހުނުމަކީ މުޖުތަމައު އެކުވެރިކޮށްދޭ ކަމެކެވެ. ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ މި ޒަމާނުގައި، އެންމެން އެކުގައި މަޖާކޮށް ހޭން ތިބޭ ވަގުތު، ސިޔާސީ ގޮތުން ނުވަތަ އެހެން ގޮތަކުން ހުރި ތަފާތުވުންތައް މަތިން ހަނދާން ނެތެއެވެ. އެއް ބަޔަކު އަނެއް ބަޔަކާ އެކުގައި ހޭ ވަގުތު، ރުޅިވެރިކަމާއި ޒުވާބުކުރުމަށް ޖާގައެއް ނޯވެއެވެ. އުނދަގޫ ވަގުތުތަކާ ކުރިމަތިލާއިރު، ކަންކަން ރަނގަޅުވާން ފަށާކަމުގެ ފުރަތަމަ ނިޝާނަކީ ވެސް މީހުންގެ މޫނުމަތިން އަލުން ހިނިތުންވުން ފެންނަން ފެށުމެވެ.

ދިގު އުމުރެއް ހޯދުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާއާއި ކަސްރަތަކީ ކޮންމެހެން ބޭނުންތެރި ކަންކަމެވެ. ދުވާލަކު ވަކި ވަރަކަށް ހިނގުމާއި، ކެއުމުގައި މެދުމިންވަރެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، ފުރިހަމަ ސިއްހަތެއް ލިބޭނީ ދިރިއުޅުމުގައި ގަވާއިދުން ހުނުމާއި އުފާވެރިކަން ވެސް ހިމަނައިގެންނެވެ. ހުނުމަކީ އަބަދުވެސް މަޖާ ކަމެކެވެ. އަދި އެއީ ސިއްހަތަށް ލިބޭ ވަރަށް ބޮޑު ފަރުވާއެކެވެ. ދިރިއުޅުމުގެ ބުރަ މަސައްކަތްތަކުގެ ތެރެއިން ވެސް، އާއިލާއާއި ރައްޓެހިންނާއެކު މަޖާކޮށްލައި، ހިތުގެ އަޑިން ހީލުމަށް ވަގުތު ހޯދުމަކީ އަމިއްލަ ނަފްސަށް ދެވޭ އެންމެ ބޮޑު އެއް ހަދިޔާއެވެ.

comment ކޮމެންޓް