ކުރިއަށް އޮތް ބައިނަލްއަޤުވާމީ ބްރޭކުގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ވާދަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ޗައިނާއަށް ފުރައިފިއެވެ.
ފީފާ ބްރޭކުގެ ތެރޭގައި ރާއްޖެއިން ޖުމްލަ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ފީފާ ރޭންކިންގެ 91 ވަނައިގައި އަދި އޭޝިއާގެ 13 ވަނައިގައި ޗައިނާ އޮތްއިރު، ރާއްޖެ މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 173 ވަނައިގައެވެ. އެއީ އޭޝިއާ ސަރަޙައްދުގެ 33 ވަނައެވެ.
މީގެ ކުރިން މިއިން އެއްވެސް މެޗަކުން ރާއްޖެއަށް މޮޅެއް ހޯދިފައިނުވާ އިރު، މި ދެޓީމު ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ހަ ފަހަރު ބައްދަލުކޮށްފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ޗައިނާއަށް ފުރުމުގެ ކުރިން މާފަންނު ބަސް ޓާމިނަލުގައި-- ފޮޓޯ: އެފްއޭއެމްޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށްފަހު، މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ 106 ވަނަ އަދި އޭޝިއާގެ 19 ވަނައިގައި އޮތް ކިރްގިސްތާނާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ބައްދަލުކުރާނީ ރޭންކިންގެ 107 ވަނައިގައި އޮތް ލުބުނާނާއެވެ.
ޤައުމީ ޓީމުން އެންމެ ފަހުން މެޗުތަކެއް ކުޅެފައިވަނީ ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ޖޫން މަހު ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގައެވެ. އެ މުބާރާތުގައި ޕާކިސްތާނާއި އަފްޣާނިސްތާން އަތުން ބަލިވި ނަމަވެސް، ބަންގްލަދޭޝްއާ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ޗައިނާއަށް ފުރުމުގެ ކުރިން މާފަންނު ބަސް ޓާމިނަލުގައި-- ފޮޓޯ: އެފްއޭއެމްޤައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ނުކުންނައިރު، މި މެޗުތަކަށް އެކުލަވާލި ސްކޮޑަށް ވަނީ ބައެއް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.