އޭޝިއަން ގޭމްސް 2026: ޓޭބަލް ޓެނިހުގައި ވަރުގަދަ ދެކުނު ކޮރެއާ އާއި ޖަޕާން އަތުން ރާއްޖެ ބަލިވެއްޖެ

އޭޝިއަން ގޭމްސް 2026 ގެ ޓޭބަލް ޓެނިސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީޓީ ޓީމު-- ފޮޓޯ އެމްއޯސީ

ޖަޕާނުގެ އައިޗީ ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ފުރަތަމަ ދުވަހު ކުޅުނު މެޗުތަކުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމު ބަލިވެއްޖެއެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވީ ދެކުނު ކޮރެއާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

ސްކައި ހޯލް ޓޮޔޯޓާގައި ކުޅުނު މި މެޗަކީ ގްރޫޕް ސީގެ ފުރަތަމަ މެޗެވެ. ތިން މެޗުގައިވެސް މެޗު ފެށުނީއްސުރެން ނިމެންދެން ދެކުނު ކޮރެއާ ވަނީ ކޮންމެ ސެޓެއްގައިވެސް ލީޑު ނަގާފައެވެ. ޓީޓީގެ އަންހެން ޓީމު އިވެންޓުގައި މިއަދު ކުޅުނީ އައިޝަތު ރަފާ ނާޒިމާއި، ފާތިމަތު ދީމާ ޢަލީ އަދި މިޝްކާ މުޙައްމަދު އިބްރާހީމެވެ.

އޭޝިއަން ގޭމްސް 2026 ގެ ޓޭބަލް ޓެނިސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީޓީ ޓީމުގައި ދީމާ-- ފޮޓޯ އެމްއޯސީ

ޓީޓީގައި ދުނިޔޭގެ އެންމެ ކުރީގައި ގުނާލެވޭ ޓީމުތަކާ ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް މެޗަށްފަހު ޓީމުގެ ކުޅުންތެރިން ވަނީ ބުނެފައެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ދެން އޮތީ ދެކުނު ކޮރެއާގެ އިތުރުން ކަޒަކިސްތާނެވެ. މާދަމާ އަންހެން ޓީޓީ ޓީމު ވާދަކުރަނީ ރާއްޖެ ގަޑިން ހެނދުނު 6:00 ކަޒަކިސްތާނާއެވެ. އަދި އަންހެން ޑަބަލްސްގައި ރާފާ އާއި ދީމާ ވާދަކުރާނީ އިންޑޮނޭޝިއާގެ ކުޅިންތެރިންނާއެވެ. މި މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދުރުފަހު 2:30 ގައެވެ.

އޭޝިއަން ގޭމްސް 2026 ގެ ޓޭބަލް ޓެނިސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ރަފާ-- ފޮޓޯ އެމްއޯސީ

މީގެ އިތުރުން ފިރިހެން ޓީޓީ ޓީމު އިވެންޓުގެ ގްރޫޕް ބީގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން، މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަޕާން އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ޖަޕާނާ ދެކޮޅަށް ދިވެހި ޓީމުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ޓީޓީގެ ފިރިހެން ޓީމު އިވެންޓުގައި މިއަދު ކުޅުނީ މޫސާ މުންސިފް އަޙްމަދާއި، މުޙައްމަދު ޝައްފާން އިސްމާޢީލްގެ އިތުރުން އަރަމުން އަންނަ ކުޅުންތެރިޔާ މުޙައްމަދު ޚަލަފް ރާފިޢުއެވެ.

އޭޝިއަން ގޭމްސް 2026 ގެ ޓޭބަލް ޓެނިސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުގެ މުންސިފް-- ފޮޓޯ އެމްއޯސީ

ރާއްޖެ އާއި ޖަޕާންގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ އުޒްބަކިސްތާނެވެ. ދިވެހި ޓީމުން ވާދަކުރާ ޓީމު އިވެންޓުގައި އުޒްބަކިސްތާނާ ދެކޮޅަށް މާދަމާ ނުކުންނާނީ ރާއްޖެ ގަޑިން ހެނދުނު 8:30 ގައެވެ.

އޭޝިއާ ބައްރުގެ 45 ޤައުމަކުން އެތުލީޓުން ވާދަކުރާ މި ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ސާފިން، އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީބޯޅައިގައެވެ.

comment ކޮމެންޓް