އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ޚާއްސަ އޭއައި ފޯހެއް އުފައްދަވައި، އެ ފޯސްގެ އިސްވެރިޔާ ނުވަތަ "އޭއައި ޒާރު" އައްޔަންކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އޭއައި ސިނާއަތުގެ ކުރިއެރުން ހުއްޓުވުމަށް ނުވަތަ އެ މަސައްކަތަށް ހުރަސްއެޅުމަށް އެމެރިކާ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭއައިގެ ރައްކާތެރިކަން ކަށަވަރުވަންދެން އެ ޓެކްނޮލޮޖީ ތަރައްގީކުރުން މަޑުޖައްސާލުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް ރައްދު ދެއްވަމުން، އެއީ އޮޅުވާލުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
މި އޭއައި ފޯސް އުފެއްދުމާ ގުޅޭގޮތުން ޓްރަމްޕް ވާހަކަފުޅު ދެއްކެވި ނަމަވެސް، އެ މަޝްރޫއު ކުރިއަށްދާނެ ވަކި ތާވަލެއް ނުވަތަ ތަފުސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އޭނާ ފާހަގަކުރެއްވި ގޮތުގައި އޭއައި އަކީ އިންޓަނެޓަށްވުރެ ވެސް ބޮޑު ސިނާއީ އިންގިލާބަކަށް ވެގެންދާނެ ދާއިރާއެކެވެ.
އޭއައިގެ ސިނާއަތަކީ އެމެރިކާގެ ޖީޑީޕީގެ 25 އިންސައްތައާ ގާތްކުރާ މިންވަރެއްގެ ބޮޑު ދާއިރާއަކަށް ވެގެންދާނެ ކަމަށް ލަފާކުރައްވަމުން، ޓްރަމްޕް ވަނީ މި ދާއިރާއިން ޗައިނާއަށްވުރެ ކުރީގައި އެމެރިކާ ދެމިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބާއްވަވާ ބައްދަލުކުރެއްވުމުގައި ވެސް މި މައުޟޫއަށް މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އޭއައި ބޭނުންކޮށްގެން ގާނޫނާ ހިލާފު ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް މިހާރު އޮތް ޖިނާއީ އަދި މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ޓްރަމްޕްގެ މި ނިންމެވުން އައިސްފައިވަނީ އޭއައިގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސައިންސްވެރިން އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ. އެންތްރޮޕިކް، އޯޕަން އޭއައި އަދި ގޫގުލް ފަދަ ކުންފުނިތަކުން އިންސާނުންނަށްވުރެ ބުއްދިވެރި "ސުޕަ އިންޓެލިޖެންސް" އުފެއްދުމަށް ވާދަކުރަމުންދާއިރު، އެންތްރޮޕިކްގެ ވެރިޔާ ދާރިއޯ އަމޯޑޭ ވަނީ އޭއައި ތަރައްގީކުރުން މަޑުޖައްސާލައި، މިނިވަން ފަރާތްތަކުން އެކަން ރެގިއުލޭޓްކުރުމަށް ގޮވާލައްވާފައެވެ.
މި ހުށަހެޅުމަށް އޯޕަން އޭއައިގެ ސޭމް އޮލްޓްމަން އާއި އެކްސް އޭއައިގެ އީލޮން މަސްކް ވެސް ތާއީދުކުރައްވާފައިވާއިރު، ކުއްލި ހާލަތެއްގައި ނިޒާމު ހުއްޓުވޭނެ "ކިލް ސްވިޗް" އެއް އޮތުން މަޖުބޫރުކުރުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އޭއައި ރެގިއުލޭޓްކުރަން މަސައްކަތް ކުރިނަމަވެސް، ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމާ އެއްވަރަށް ގާނޫނުތައް ހެދުމުގައި ދަތިތަކެއް ހުރިކަން އޮލްޓްމަން ވަނީ ފާހަގަކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ވަނީ އޭއައިގެ ސަބަބުން އިންސާނީ ހައްގުތަކަށް ނުރައްކާވެދާނެތީ އާ ގާނޫނެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ.