ދަބަހުގައި ބޮމެއް އޮތް ކަމަށް ސަމާސާއަކަށް ބުނި މިސްރު މީހަކު ވެލާނާ އެއާޕޯޓުން ހައްޔަރުކޮށްފި

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް --- ފޮޓޯ/ އެމްއޭސީއެލް

ދަބަހުގައި ބޮމެއް އޮތް ކަމަށް ސަމާސާއަކަށް ބުނި މިޞްރުގެ ފަތުރުވެރިއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މިޞްރުގެ ރައްޔިތެއް ކަމަށްވާ ޕީޓާ ސަމާން މަރްޒޫޤް ސަމާން (38 އަހަރު) އެވެ.

މި މީހާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވެނީ ބިރުދެއްކުމާއި ދޮގު ޚަބަރު ދިނުމުގެ ތުހުމަތެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ބިރުދެއްކުމާއި ދޮގު މަޢުލޫމާތު ފެތުރުމަކީ ކުށެކެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ހަތަރުވަނަ މާއްދާގެ ދަށުން، މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ނުވަތަ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމަކީ ބޮޑު ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ ހަ މަސްދުވަހާއި 18 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން "ބިރުދެއްކުން" މާނަކުރަނީ މީހަކަށް އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމަށެވެ. މިއީ އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެކެވެ. އަދި ދޮގު ޚަބަރު ފެތުރުން ނުވަތަ ދޮގު މަޢުލޫމާތު ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ އިދާރާއަކަށް ނުވަތަ ރަސްމީ ވާޖިބެއް އަދާކުރާ މީހަކަށް ދޮގު މަޢުލޫމާތު ދިނުމަކީ ކުށެކެވެ.

ބަންދު އަމުރުގައިވާ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ދައްތަގެ ދަބަސްތައް އިތުރަށް ޗެކްކުރަން އުޅުމުން، ދަބަހުގައި ބޮމެއް އޮތް ކަމަށް އޭނާ ބުނެފައިވާ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިންސިޑެންޓް ރިޕޯޓާއި ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ޝަރީޢަތުގެ މަޖިލީހުގައި އޭނާ ބުނެފައިވަނީ އެއީ ސަމާސާއަކަށް ބުނި އެއްޗެއް ކަމަށާއި، އެކަމަށްޓަކައި މާފަށް އެދޭ ކަމަށެވެ. އެއާޕޯޓް ފަދަ ސެކިއުރިޓީ ވަރުގަދަ ތަނެއްގައި މިފަދަ ސަމާސާއެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ބޭރު ގައުމެއްގެ މީހަކަށްވެފައި ބަންދުން ދޫކޮށްލައިފިނަމަ ފިލައިފާނެ ކަމުގެ ބިރު އޮތުމުންނާއި މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

comment ކޮމެންޓް