ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްއަށް ދެވަނަ ކުއްޖަކު ލިބިއްޖެއެވެ. މި ދެމަފިރިންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މި އުފާވެރި ޚަބަރު އެ ދެމަފިރިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.
ދެވަނަ ދަރިފުޅު އުފަންވިކަން ހާމަކޮށް ދީޕިކާ އާއި ރަންވީރު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ހިމަނާފައިވަނީ ކުޑަކުއްޖެއްގެ ފައިތިލަ ދައްކުވައިދޭ ކުރެހުމެކެވެ. މި ޕޯސްޓާ އެކު ދީޕިކާ އާއި ރަންވީރުގެ ދެވަނަ ދަރިފުޅު އުފަންވީ މިއަދުކަން ވަނީ ޔަޤީންވެފައެވެ.
ދީޕިކާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ރަސްމީކޮށް އިއުލާނުކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ލޯބި ފޮޓޯއިން ފެނިގެންދިޔައީ އެމީހުންގެ ދޮށީ ދަރިފުޅު ދުއާ ޕަދުކޯން ސިންގް، 'ޕްރެގްނަންސީ ޓެސްޓް ކިޓެއް' ހިފަހައްޓައިގެން ހުރެ ދައްތައަކަށް ވާން އުޅޭކަމުގެ އުފާ ފާޅުކުރާ މަންޒަރެވެ. މި ޕޯސްޓަށް މަދު ވަގުތުކޮޅެއްގެތެރޭ 5.5 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބި، ގިނަ ބައެއްގެ ތަހުނިޔާގެ މެސެޖުތަކުން ފުރުނެވެ. މިއީ އޭރު ދީޕިކާ ބަނޑުބޮޑުކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުންދިޔަ އަޑުތަކަށް ނިމުމެއް ގެނުވި އިއުލާނެކެވެ.
ރަންވީރުގެ ދެމަފިރިން ދަރިފުޅު ދުއާއާ އެކު، އަދި ދެވަނަ ދަރިފުޅު ލިބުނުކަން އިއުލާނުކުރުމަށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓް--ފޮޓޯ/ފޭސްބުކްގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ރަންވީރާއި ދީޕިކާ ކައިވެނިކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ދެމީހުންގެ ލޯބީގެ ގުޅުން ފެށިގެން އައީ އެކީގައި މަސައްކަތްކުރި ފިލްމު "ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ"ގެ ސެޓުންނެވެ. އޭގެ ފަހުން "ބާޖީރާއޯ މަސްތާނީ" އަދި "ޕަދުމާވަތު" ފަދަ ކާމިޔާބު ފިލްމުތަކުން ދެމަފިރިން އެކީގައިވަނީ ފެނިފައެވެ.
ދީޕިކާ އާއި ރަންވީރަށް އަލަތު ދަރިފުޅު 'ދުއާ' ލިބިފައިވަނީ ކައިވެންޏަށް ހަ އަހަރުވީފަހުންނެވެ. ދެވަނަ ދަރިފުޅަށް ބަލިވެއިން ދުވަސްވަރު ވެސް ދީޕިކާ ވަނީ އޭނާގެ ފިލްމީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި ޑައިރެކްޓަރު އެޓްލީގެ "ރާކާ" އަދި ޝާހްރުކް ޚާންއާއެކު މުހިއްމު ރޯލަކުން ފެންނާނެ ފިލްމު "ކިންގް"ގެ މަސައްކަތްތައް ހިމެނެއެވެ. ޚަބަރުތައް ބުނާ ގޮތުގައި ބަނޑަށް ހަތް މަހުގައި ވެސް ދީޕިކާ ވަނީ "ރާކާ"ގެ ބުރަ އެކްޝަން މަންޒަރުތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ވިހެއުމުގެ ކުރިން ފިލްމުތަކުގެ ޝޫޓިން ނިންމުމަށް ދީޕިކާ ދެއްކި ހިތްވަރާއި ސާބިތުކަމަށް ފިލްމީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.