ނައިކީއާއެކު އޮތް 20 އަހަރުވީ ގުޅުން ކަނޑާލުމަށްފަހު އެމްބާޕޭ ސްވިޒަލޭންޑްގެ ''އޮން'' ބްރޭންޑަށް ސޮއިކޮށްފި

ރެއާލް މެޑްރިޑުގެ ކީލިއަން އެމްބާޕޭ--

ސްޕޯޓްސް ބްރޭންޑް ނައިކީ އާއެކު ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ހަދާފައިވާ 20 އަހަރުގެ ސްޕޮންސަރޝިޕް އެއްބަސްވުން ނިންމާލައި، ސްވިޒަލޭންޑްގެ ސްޕޯޓްސް ބްރޭންޑެއް ކަމަށްވާ "އޮން" އާއެކު ސޮއިކޮށްފިއެވެ.

އެމްބާޕޭގެ އުމުރުން އެންމެ 9 އަހަރުން ފެށިގެން، 2006 ވަނަ އަހަރުން ފެށިގެން އޭނާ ބޭނުންކުރަމުން އައީ ނައިކީގެ ސާމާނު ކަމަށް އޭނާ ބުނެއެވެ. މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމަށްވާ ނައިކީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އެކި ފަރާތްތަކުން ސިފަކުރެއެވެ.

ޓެނިސް ލެޖެންޑް ރޮޖަރ ފެޑަރާގެ ހިއްސާ އޮންނަ އޮން ބްރޭންޑާއެކު އެމްބާޕޭ ހެދި މި އެއްބަސްވުމުގެ ދަށުން އޭނާއަށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އެ ކުންފުނީގެ ހިއްސާވެސް ލިބޭނެއެވެ. މީގެއިތުރުން، އޭނާ ވާނީ އެ ބްރޭންޑްގެ ގްލޯބަލް އެމްބެސެޑަރަށެވެ. އަދި އައު އުފެއްދުންތައް ޑިޒައިން ކުރުމުގައިވެސް އޭނާ އަމަލީގޮތުން ބައިވެރިވާނެއެވެ.

މި ބަދަލާއެކު ރެއާލް މެޑްރިޑް އަދި ފްރާންސް ގައުމީ ޓީމުގެ މެޗުތަކުގައި އެމްބާޕޭ ދެން ކުޅޭނީ "އޮން" ބްރޭންޑްގެ ބޫޓުގައެވެ. ނަމަވެސް، ފްރާންސް ގައުމީ ޓީމުގެ ކިޓް ސްޕޮންސަރަކީ ނައިކީ ކަމަށްވާތީ، ގައުމީ ޓީމުގެ ޖާޒީއާއި އެހެނިހެން ހެދުންތަކުގައި ނައިކީގެ ލޯގޯ ހުންނާނެއެވެ.

ދުވުމާއި ޓެނިސް ކުޅިވަރުގެ ސާމާނު އުފެއްދުމުގައި މަގުބޫލުކަން ހޯދާފައިވާ "އޮން" ބްރޭންޑުން ފުޓްބޯޅައިގެ ތެރެއަށް ވަރަށް ވަނުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ބްރޭންޑްގެ ފުރަތަމަ ފުޓްބޯޅަ ބޫޓުތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުއެވެ.

އެމްބާޕޭގެ އިތުރުން، ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ ވެސް ވަނީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ފުޓްބޯލްގެ މަގާމަށް ހަމަޖައްސާފައެވެ. މިއީ ޒުވާން ތަރި ލަމީން ޔަމާލް ނައިކީ ދޫކޮށް އެޑިޑާސްއަށް ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ނައިކީއަށް ކުރިމަތިވި އަނެއް ގޮންޖެހުމެވެ.




comment ކޮމެންޓް