މުސްލިމުންގެ އެންމެ މުގައްދަސް ބިމަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން ފޮނުވާލި ޑްރޯން ހަމަލާ، މިސްރުގެ ގާހިރާގައި ހުންނަ، އިސްލާމީ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ދީނީ އަދި އިލްމީ މުއައްސަސާ، އަލް އަޒްހަރު އަލް ޝާރިފްއިން ކުށްވެރިކޮށްފިއެވެ.
ސައުދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގައި ހަރަކާތްތެރިވާ ކޯލިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ހޫޘީން ވަނީ މިދިޔަ އަންގާރަ ދުވަހު މައްކާއަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ފޮނުވާފައެވެ. އެގޮތުން އެ ދުވަހު އިރުއޮއްސި 6:50 ހާއިރު މައްކާގެ ދެކުނަށް ފޮނުވާލި އެ ޑްރޯން، މައްކާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލައިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.
އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަލް އަޒްހަރުން ނެރުނު ބަޔާނެއްގައި ވަނީ، މުސްލިމުންގެ މުގައްދަސް ބިންތައް ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއަށް ނުވެއްދުމަށް ގޮވާލައިފައެވެ. އަދި މައްކާގެ ހުރުމަތްތެރިކަން ދެމެހެއްޓުމަކީ އިސްލާމީ އަގީދާގެ އެންމެ އަސާސީ އެއް އުސޫލު ކަމަށާއި، މައްކާއަށް ނުރައްކާވާ ގޮތަށް ކަމެއް ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.
އަލް އަޒްހަރުން ބުނި ގޮތުގައި، މައްކާއަކީ ހަނގުރާމައިގެ މައިދާނަކަށް ނުވަތަ ހަމަލައެއްގެ އަމާޒަކަށް ހެދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި މައްކާއަށް އަމާޒުކޮށް ހަމަލާދިނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ މުސްލިމުންގެ އިހުސާސްތަކާ ކުޅުން ކަމަށް ވެސް އެ ބަޔާނުގައި ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން، ދެ ޙަރަމްފުޅުގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި ސިޔާސީ ނުވަތަ ސަރަހައްދީ މައްސަލައެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ އަގީދާއާ ގުޅިފައިވާ މައްސަލައެއް ކަމަށް އަލް އަޒްހަރުން ބުނެފައިވެއެވެ. އެ މުއައްސަސާއިން ބުނި ގޮތުގައި، މުގައްދަސް ބިންތަކުގެ ހުރުމަތްތެރިކަން ހިފެހެއްޓުމާއި، އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތްކަން ކަށަވަރުކުރުމަކީ ސިޔާސީ އަދި ހަނގުރާމައިގެ ވިސްނުމުން އެއްކިބާވެ، މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް އިޙްތިރާމުކުރަންޖެހޭނެ ޒިންމާއެކެވެ.
މައްކާއަށް އަމާޒުކޮށް ހަމަލާ ދިނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކުށްވެރިކުރައްވައިފައެވެ. އެ މަނިކުފާނު ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އިސްލާމްދީނުގެ އެންމެ މުގައްދަސް ރަށުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތަށް ދެވޭ ވަރަށް ބޮޑު ހިތާމައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާ އެކުގައި ކަމަށް ވިދާޅުވެ، މައްކާގެ ރައްކާތެރިކަމާއި އުމްރާވެރިންނާއި އާންމުން ހިމާޔަތްކުރުމަށް ސައުދީ އަރަބިއްޔާގެ ރޯޔަލް އެއާ ޑިފެންސް ފޯސްއިން ކުރި އަވަސް މަސައްކަތަށް ރައީސް ވަނީ ތައުރީފުކުރައްވާފައެވެ.