ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް 'ޖެމިނައި' ސައިބާ ސެކިއުރިޓީ ގާބިލުކަން ވަޒަންކުރުމަށް ހިންގި ޓެސްޓެއްގެ ތެރޭގައި، އަމިއްލައަށް އިންޓަނެޓަށް ވަދެ އެހެން ކުންފުނިތަކެއްގެ ސިސްޓަމްތަކަށް ވަދެގެންފައިވާކަން ހާމަވެއްޖެއެވެ. މިއީ ގޫގުލްގެ އޭއައި ސިސްޓަމަކުން މިފަދަ ކަމެއް އަމިއްލައަށް ކުރިކަން އެނގުނު ފުރަތަމަ ފަހަރެވެ.
މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައި ސައިބާ ސެކިއުރިޓީ ވަޒަންކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ 'އިރެގިއުލާ' އިން ހިންގި އާންމު ޓެސްޓިން އިވެލުއޭޝަނެއްގެ ތެރޭގައެވެ.
ގޫގުލްގެ ސެކިއުރިޓީ އިންޖިނިއަރިންގެ ރައީސް ހީތާ އެޑްކިންސް ވިދާޅުވި ގޮތުގައި، ޖެމިނައި ވަނީ އިންޓަނެޓުން އާންމުކޮށް ލިބެންހުރި މައުލޫމާތު ހޯދައި، ޓެސްޓުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަށް ގަބޫލުކުރެވުނު ތިން ވެބްސައިޓަކަށް ވަނުމަށް ބޭނުންވާ ލޮގިން މައުލޫމާތު އަންދާޒާކޮށްގެން އެ ސައިޓްތަކަށް ވަދެފައެވެ.
އެޑްކިންސް އިތުރަށް ވިދާޅުވީ، އެކަން ސަމާލުކަމަށް އައުމާއެކު އެ ތިން ކުންފުންޏަށް އެކަން އަންގައި، ޓެސްޓިން ހިންގި ބައިވެރިޔާއާ ގުޅިގެން ޓެސްޓު ކުރުމުގެ މަރުހަލާތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާތަކުން އަންގައިދެނީ ބާރުގަދަ އޭއައި މޮޑެލްތައް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ތަމްރީނުކުރުމުގެ މުހިންމުކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިރެގިއުލާ ކުންފުނީގެ ތަރުޖަމާނަކު މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައަކީ އެހެން އޭއައި ލެބޯޓްރީތަކަށްވެސް ދިމާވި މައްސަލައެކެވެ. އަދި ޖުލައި މަހުގެ ފަހުކޮޅު ކަމާބެހޭ ހުރިހާ ލެބޯޓްރީތަކަކަށް އެކަން އަންގައި، އިރެގިއުލާގެ ފަރާތުން ހައްލުކުރަންޖެހޭ ހުރިހާ މައްސަލައެއް މީގެ ހަފުތާތަކެއް ކުރިން ވަނީ ހައްލުކޮށްފައެވެ.
މިފަދަ ހާދިސާތަކެއް އިރެގިއުލާ މެދުވެރިކޮށް މެޓާ، އެންތުރޯޕިކް އަދި އޯޕަންއޭއައި އަށްވެސް ދިމާވެފައިވާ ކަން ވަނީ ހާމަވެފައެވެ. މެޓާއިން އޮގަސްޓް މަހު ބުނެފައިވަނީ އެ ހާދިސާއަކީ ސޭންޑްބޮކްސް ފަހަނައަޅައި ދިއުމެއް ނޫން ކަމަށާއި، ސޮފިސްޓިކޭޓެޑް ސައިބާ ހަމަލާއެއްވެސް ނޫން ކަމަށެވެ. މީގެ އިތުރުން އިރެގިއުލާ އިން ބުނީ އޭއައި ސެކިއުރިޓީ އިވެލުއޭޝަންތައް ރައްކާތެރިކަމާއެކު ކުރިއަށްގެންދާނެ އެންމެ ރަނގަޅު އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން އެންމެ ފުރަތަމަ ރިޕޯޓްކުރި މި މައްސަލައިގެ ތެރެއިން އެއް ހާދިސާއެއްގައި، ޖެމިނައި ވަނީ ރައްކާތެރިކޮށްފައިވާ ސިސްޓަމަކަށް ވަދެވެންދެން ޕާސްވޯޑްތައް އަންދާޒާކޮށްފައެވެ. އަދި އަނެއް ދެ ހާދިސާގައި، އާންމުކޮށް ހުޅުވާލެވިފައިވާ ރިޕޮޒިޓަރީއަކުން ލޮގިން މައުލޫމާތު ހޯދައިގެން ރައްކާތެރިކުރެވިފައިވާ ސިސްޓަމްތަކަށް ވަދެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެޑްކިންސް ވިދާޅުވި ގޮތުގައި މި ތިން ހާދިސާގައިވެސް، ސިސްޓަމްތަކަށް ވަނުމަށްފަހު މޮޑެލް ވަނީ އަމިއްލައަށް އެ ހެކިންގް ހަރަކާތްތައް ހުއްޓާލާފައެވެ.
އޭއައި އޭޖެންޓުންނަށް އަމިއްލައަށް ނިންމުންތައް ނިންމުމުގެ ބާރާއި އިންޓަނެޓާއި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ވަނުމުގެ ފުރުސަތު ބޮޑުވަމުންދާ ވަރަކަށް، ސެކިއުރިޓީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާ މެދު މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.