ކަލަސް ޓީވީއިން ދައްކަމުން އަންނަ ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ 15"ގެ މެދުތެރެއިން އަމިއްލައަށް ވަކިވާން ނިންމި ހަގީގީ ސަބަބު މަޝްހޫރު ޓެލެވިޒަން އެކްޓަރު ގޯރަވް ކަންނާ ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.
ގޯރަވް ބުނި ގޮތުގައި އޭނާ މި ނިންމުން ނިންމީ އުޅަނބޮއްޓަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ސްޓަންޓްތައް ކުރިއަށްގެންދަން ދަތިވުމުގެ ސަބަބުންނެވެ.
އަމިއްލަ ރަސްމީ ޔޫޓިއުބް ޗެނަލްގައި ހިއްސާކުރި ވީޑިއޯއެއްގައި ގޯރަވް ބުނީ، އެންމެ ފަހުން ކުރި ސްޓަންޓް ކާމިޔާބުކުރި ނަމަވެސް، އިތުރަށް ކުރިއަށް ގޮސްފިނަމަ އަނިޔާ މާ ބޮޑުވެ، ރަނގަޅުވުމަށް ހުރަސްއެޅިދާނެތީ އަމިއްލައަށް ޝޯއިން ވަކިވުމަށް އޭނާ ނިންމީ ކަމަށެވެ.
"އަހަރެން ޝޯއިން ވަކިވީ ސިއްހީ ސަބަބުތަކަށްޓަކައި. ޝޯ ބަލާލުމުންވެސް އެކަން ސާފުވާނެ. އަހަރެން އަހަރެންގެ ސްޓަންޓް ފުރިހަމަކުރިން. ނަމަވެސް، އޭގެ ފަހުން ހުރި ސްޓަންޓްތަކުގައި ކަރަންޓު ޖެއްސުން ފަދަ ކަންކަން ހިމެނޭތީ، އުޅަނބޮއްޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިންތިހާއަށް ތަދުވޭ،" މަޝްހޫރު ޑްރާމާ ސިލްސިލާ "އަނޫޕަމާ"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ބުނެފައިވެއެވެ.
ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ 15"ގެ އެޕިސޯޑެއްގައި ގޯރަވް އެ ޝޯގެ އެހެން ބައިވެރިންނާ އެކު--ފޮޓޯ/އޭއެންއައިގޯރަވް އިތުރަށް ބުނި ގޮތުގައި، އެ ތަދުގެ ސަބަބުން ޖެހިގެން އަންނަ އެއް ދުވަސް ނުވަތަ ދެ ދުވަހު އޭނާގެ ކަނާތުގެ ބާރު އެއްކޮށް ދެރަވެއެވެ. އެއީ ވަރަށް ވޭންދެނިވި ކަމެއް ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑު ހިތްދަތިކަމެއް ލިބުނީ މިފަދަ ދަނޑިވަޅެއްގައި ޝޯ ދޫކޮށްލަން ޖެހުމުން ކަމަށް ގޯރަވް ވަނީ ބުނެފައެވެ.
ބޭސްފަރުވާ ކޮށްގެންނާއި ތަދު ކުޑަކުރާ ބޭސް ބޭނުންކޮށްގެން ޝޯގައި ދެމިހުންނަން މަސައްކަތްކުރި ނަމަވެސް، އަލުން ތަދު ކޮންޓްރޯލުން ނެއްޓުމުން އިތުރަށް ކުރިއަށް ދިއުމަކީ ދާއިމީ އަނިޔާއަކަށް މަގުފަހިވެދާނެ ކަމެއްކަން ވިސްނުނު ކަމަށް ގޯރަވް ބުނެފައިވެއެވެ.
ޝޯގައި ހޭދަކުރި ފަހު ދުވަހުގެ ހަނދާންތައް އާކުރަމުން ގޯރަވް ބުނީ، އެހެން ބައިވެރިން ސްޓަންޓް ހަދަން ދިޔަ ވަގުތު އޭނާ ކޮޓަރީގައި ފޮށިތަންމަތި ބަންނަން ހުންނަންޖެހުމުން ވަރަށް އަސަރުކުރި ކަމަށެވެ. އަދި ޝޯގެ ބައިވެރިންނާ އެކު އެހާ ދުވަހު އެކީއުޅެ އެ މާހައުލާ ވަކިވާން ޖެހުނު ވަގުތަކީ ވަރަށް ފުން އަސަރުތަކެއް ކުރުވި ވަގުތުކޮޅެއްގެ ގޮތުގައި ގޯރަވް ސިފަކުރިއެވެ.
"ޚަތުރޯން ކޭ ކިލާޅީ"ގެ 15 ވަނަ ސީޒަނުން ކުރީގެ ބައިވެރިން ކަމަށްވާ ރުބީނާ ދިލައިކް، ރިތުވިކް ދަންޖާނީ، ކަރަން ވަހީ އަދި ޖަސްމިން ބަސީން ފެނިގެންދާއިރު، މި ސީޒަނުގެ އާ ބައިވެރިންގެ ތެރޭގައި އަވިނާޝް މިޝްރާ، އޮރީ އަދި ރުހާނިކާ ދަވަން ހިމެނެއެވެ.
ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ޝޫޓްކޮށް މި އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަލަސްއިން ދައްކަމުން އަންނަ މި ރިއަލިޓީ ޝޯގެ މި ފަހަރުގެ ހޯސްޓަކީ ވެސް ކުޅަދާނަ ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީއެވެ. މި ޝޯގެ ގްރޭންޑް ފިނާލޭ ރަސްމީކޮށް ޓީވީން ދެއްކުމަށް ތާވަލުކޮށްފައިވަނީ މި އަންނަ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހަށެވެ.