އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ގއ. އަތޮޅުގެ ޗެމްޕިއަންކަން ދެއްވަދޫއަށް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ހޯދި ދެއްވަދޫ ޓީމު-- ފޮޓޯ: ޝެއްގަ އެމްވީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ދެއްވަދޫން ހޯދައިފިއެވެ.

މި މުބާރާތުގެ ގއ. އަތޮޅުގައި ހަތަރު ރަށް ވާދަކުރިއިރު، އެ ރަށްތަކަކީ ދެއްވަދޫ، ވިލިނގިލި، ކޮނޑޭ އަދި ގެމަނަފުއްޓެވެ. މި އަތޮޅުގެ ކުޅުން ދެއްވަދޫގައި ކުރިއަށްދިޔައިރު، މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެންމެ ކުރި ހޯދި ދެއްވަދޫ އާއި ވިލިނގިއްޔެވެ. ރޭ ކުޅުނު ފައިނަލް މެޗު ދެއްވަދޫން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

އެފްއޭއެމްއިން އެކުލަވާލާފައިވާ ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ފުޓްސަލް މުބާރާތްވެސް ކުރިއަށްގެންދާއިރު، އެންމެ ފުރަތަމަ ކުރިއަށްދަނީ އަތޮޅު މުބާރާތެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، ކޮންމެ ޒޯނެއްގެ އެންމެ މޮޅު ދެ ޓީމު އެ ރީޖަނެއްގެ ފުޓްސަލް ރީޖަން ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އަދި ރީޖަން ޗެމްޕިއަންޝިޕަށްފަހު، ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު، އެފްއޭއެމް ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެ ހަތަރު ޓީމު 2027 ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގަށް ޕްރޮމޯޓުވާނެ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ހޯދި ދެއްވަދޫ ޓީމު-- ފޮޓޯ: ޝެއްގަ އެމްވީ

މި މުބާރާތުގެ އަތޮޅު ބުރުގައި 59 ޓީމު ބައިވެރިވިއިރު، އަތޮޅު ބުރުގެ ކުޅުން ކުރިއަށްދާނީ 16 އަތޮޅެއްގައެވެ. އޭގެ ތެރެއިން 15 އަތޮޅެއްގެ ކުޅުން ނިމިފައިވާއިރު، ބާކީ އޮތީ ލ. އަތޮޅުގެ ފައިނަލް މެޗު އެކަންޏެވެ. މި މުބާރާތުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫން ހޯދިއިރު، ބ. އަތޮޅުގެ ޗެމްޕިއަންކަން ޓީމަކީ އޭދަފުއްޓެވެ. ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދިއިރު، ޅ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ ހިންނަވަރެވެ.

ނ. އަތޮޅުގެ ޗެމްޕިއަންކަން މަގޫދޫން ހޯދިއިރު، ހދ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ ހަނިމާދުއެވެ. އަދި އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރިން ހޯދިއިރު، އދ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ ދަނގެއްޗެވެ. ދ. އަތޮޅުގެ ޗެމްޕިއަންކަން މާއެނބޫދޫން ހޯދިއިރު، ކ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ ގާފަރެވެ. މީގެ އިތުރުން ފ. އަތޮޅުގެ ޗެމްޕިއަންކަން ނިލަންދޫން ހޯދިއިރު، މ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ ދިއްގަރެވެ. ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށިން ހޯދިއިރު، ގދ. އަތޮޅުގެ ޗެމްޕިއަން ޓީމަކީ ވާދުއެވެ.

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ހޯދި ދެއްވަދޫ ޓީމު-- ފޮޓޯ: ޝެއްގަ އެމްވީ

މީގެ އިތުރުން ފަސް އަތޮޅަކުން އެންމެ ޓީމެއް ބައިވެރިވުމާއެކު، އެ ޓީމުތައް ވަނީ އަތޮޅު ޗެމްޕިއަނުންގެ ހައިސިއްޔަތުން ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ. އެ ޓީމުތަކަކީ މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދުއެވެ.

comment ކޮމެންޓް