ދެކުނު އިންޑިއާގެ ސިނަމާގެ އެންމެ މަގުބޫލު އަދި ނުފޫޒުގަދަ ޖޯޑު ކަމަށްވާ ސޫރިއާ އާއި ޖޯތިކާގެ ކައިވެންޏަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ދެ ތަރިންގެ ކައިވެނި އަލުން އާކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު އެމީހުންގެ ކައިވެންޏަށް 20 އަހަރު ފުރުމާ ގުޅުވައިގެން ބޭއްވި މި ހަފުލާ ބާއްވާފައިވަނީ ސްކޮޓްލޭންޑްގައެވެ. ހުޅަނގުގެ ސަގާފަތާ އެއްގޮތަށް ބޭއްވި މި ކުލަގަދަ ހަފުލާގައި ސޫރިއާ އާއި ޖޯތިކާގެ އާއިލާގެ މީހުންގެ އިތުރުން ގާތް ރައްޓެހިންނާއި އެ ދެމަފިރިންގެ ބޮޑެތިވެފައިވާ ދެ ކުދިން ވެސް ބައިވެރިވިއެވެ. މި ހަފުލާގެ ހާއްސަ ވީޑިއޯތަކާއި ފޮޓޯތައް އެ މީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުގައި ވަނީ އާންމުންނާ ހިއްސާކޮށްފައެވެ.
ޖޯތިކާ އިންސްޓަގްރާމްގައި ހިއްސާކުރި ކައިވެނީ މަންޒަރުތައް ހިމެނޭވީޑިއޯގެ ޕޯސްޓުގައި ބުނެފައިވަނީ، މިއީ ފުރިހަމަ ކައިވެންޏެއްގެ އުފާ ފާހަގަކުރުން ނޫން ކަމަށާއި، މިއީ އެކަކު އަނެކަކަށް ވި ގުރުބާނީތަކާއި ދެ މީހުންގެ ހުރި އުނިކަންކަމާއެކުވެސް އެކީގައި ދިރިއުޅެން ވި ވަޢުދުތަކާއި ވީ ލޯބީގެ ސިލްސިލާގެ ފާހަގަކުރުމެއް ކަމަށެވެ. އަދި އޭނާ ވަނީ ސޫރިޔާއާއެކު ހޭދަވި 20 އަހަރަށް ޝުކުރުއަދާކޮށް، ސޫރިޔާއަކީ ހަމައެކަނި ފިރިމީހާ ނޫން ކަމަށާއި، އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ދިރިއުޅުމުގައި އެންމެ އިތުބާރުކުރާ ފަރާތްކަމަށް ބުނެފައެވެ.
ޖޯތިކާ އާއި ސޫރިޔާ އެ ދެމަފިރިންގެ ދެ ކުދިންނާ އެކު--ފޮޓޯ/ވަޔޯނިއުސްޖޯތިކާ އަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ނަގްމާގެ ކޮއްކޮއެވެ. ސައުތު ފިލްމުތަކުގެ އިތުރުން މަދުމަދުން ބޮލީވުޑް ފިލްމުތަކުން ވެސް ފެންނަ ޖޯތިކާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ މިދިޔަ މެއި މަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ރިލީޒްކުރި، ސޮނާކްޝީ ސިންހާާއެކު ކުޅެފައިވާ ފިލްމު "ސިސްޓަމް"އެވެ.
އިންޑިއާގެ ނެޝަނަލް ފިލްމް އެވޯޑް ހޯދާފައިވާ ސޫރިއާ އަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ތަރިއެކެވެ. އޭނާގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ހޯދަމުން އަންނަ ފިލްމު "ވިޝްވަނާތު އެންޑް ސަންސް"އިންނެވެ. މިދިޔަ އޮގަސްޓް މަހުގެ 14ގައި ރިލީޒްކުރި މި ފިލްމު މިހާރު ވަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައެވެ.