މެޓާގެ ކެމެރާ ނުހިމެނޭ އެންމެ ފަހުގެ ސްމާޓް އައިނު ނެރެން ތައްޔާރުވަނީ

ކެމެރާ ނުހިމެނޭ އައިނެއް ނެރެން މެޓާއިން ނިންމީ އާންމުންގެ ޝަކުވާތަކާ ހެދި ---

މެޓާ ކުންފުނިން ކެމެރާ ނުހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އާ ސްމާޓް އައިނުތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ނިންމުމަކީ މިހާރު ބޭނުންކުރަމުންދާ ސްމާޓް އައިނުތަކުގައި ކެމެރާ ހުރުމުގެ ސަބަބުން އާންމުންގެ ނުރުހުމާއި ޕްރައިވެސީއާ މެދު އުފެދުނު ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ 'ދި އިންފޮމޭޝަން' އިން ރިޕޯޓްކޮށްފައިވެއެވެ.

'ލޫނާ' ގެ ކޯޑު ނަމުން ނަންދެވިފައިވާ މި އައިނު، މިހިނގާ ސެޕްޓެމްބަރު 23 އިން 24 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މެޓާގެ ކަނެކްޓް ޑިވެލޮޕަރުންގެ ކޮންފަރެންސްގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ ހަރީފު މޫސުމުގެ ތެރޭގައި މި އައިނު ބާޒާރަށް ނެރޭނެ ކަމަށް ބެލެވޭއިރު، މިއީ މެޓާ އިން މޭ މަހު ބޭއްވި އިވެންޓެއްގައި މާކް ޒަކަބާގް އިޝާރާތްކުރެއްވި އައިނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން މި ކޮންފަރެންސްގައި މެޓާގެ އާ ފްލެގްޝިޕް މިކްސްޑް ރިއަލިޓީ އައިނު 'ޕްރޮޖެކްޓް ފީނިކްސް' ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މެޓާ ސްމާޓް ގްލާސްގެ މިހާރުގެ ލައިނަޕް --- ފޮޓޯ: އިމޭޖް ކޯޓްޒީ މެޓާ

ކެމެރާގެ ބަދަލުގައި ލޫނާ އައިނުގައި ހަ މައިކްރޯފޯން ހިމެނޭނެއެވެ. މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް މެޓާ އޭއައި އަދި ކޮންސިއުމާ އޭއައި އޭޖެންޓް 'މިއުޒް' އާއެކު ފަސޭހަކަމާއެކު މުއާމަލާތު ކުރެވޭނެއެވެ. އަދި އައިނުގެ އަރިމަތީގައި މެޓާ އޭއައި އަވަހަށް އެކްޓިވޭޓް ކޮށްލެވޭނެ ކުއިކް އެކްޝަން ބަޓަނެއް ހުންނައިރު، އައިނުގެ އޮނިގަނޑު ކުރީގެ މޮޑެލްތަކަށްވުރެ ހީނަރުކޮށް، އައިނުގެ އަރިމަތީ ދުނިގަނޑުގައި ސްޕީކަރުތައް ހިމެނޭނެއެވެ.

މެޓާއިން މިހާރުވެސް އެސިލޯލުކްސޮޓިކާއާ ގުޅިގެން ރޭ-ބޭން އަދި އޯކްލީ ބްރޭންޑްގެ އިތުރުން މެޓާގެ އަމިއްލަ ބްރޭންޑްގެ ސްމާޓް އައިނުތައް ވިއްކަމުންދެއެވެ. މީގެ ތެރޭގައި ކޮންމެ އައިނެއްގައިވެސް ބޭރަށް އެނގޭ ގޮތަށް ކެމެރާ ހަރުކޮށްފައިވާ އިރު، ރޭ-ބޭން ޑިސްޕްލޭ މޮޑެލްގައި ކުލަ ހެޑްސް-އަޕް ޑިސްޕްލޭއެއްވެސް ހިމެނެއެވެ.

ނަމަވެސް އާންމުންގެ ތެރޭގައި ސިއްރުން ވީޑިއޯ ރެކޯޑްކުރާ ކަމުގެ ކަންބޮޑުވުން ބޮޑުވެ، އައިނުގެ ރެކޯޑިން އެލްއީޑީ ލައިޓް ހަލާކުކޮށްލައިގެން ސިއްރުން ރެކޯޑްކުރާ މައްސަލައަށް ހައްލެއްގެ ގޮތުން މެޓާއިން ވަނީ ވާޝަން 26 ގެ އަޕްޑޭޓާއެކު އެލްއީޑީއަށް ގެއްލުމެއް ލިބިއްޖެނަމަ ކެމެރާ މަސައްކަތް ނުކުރާގޮތް ހަދާފައެވެ. މި މައްސަލައިގައި އެމެރިކާގެ ނިއުޔޯކާއި ފިލަޑެލްފިއާ ފަދަ ސިޓީތަކުގައި އާ ގާނޫނުތައް ހަދަމުންދާއިރު، އޭއައި ތަމްރީނުކުރުމަށް ސިއްރުން ރެކޯޑްކުރެވޭ ވީޑިއޯތައް ކެންޔާގެ ސަބްކޮންޓްރެކްޓަރަކަށް ފޮނުވި ކަމަށް ބުނެ މެޓާއާ ދެކޮޅަށް ކޯޓު މައްސަލައެއްވެސް ވަނީ ހުށަހެޅިފައެވެ.

މެޓާގެ އިތުރުން ގޫގުލްގެ އެންޑްރޮއިޑް އެކްސްއާރް ބައިވެރިން ކަމަށްވާ ޖެންޓްލް މޮންސްޓާ އަދި ވާބީ ޕާކާ ފަދަ ކުންފުނިތަކުންވެސް ދަނީ ސްމާޓް އައިނުގެ ވާދަވެރި މާކެޓަށް ވަންނަމުންނެވެ.

މާހިރުން ދެކޭގޮތުގައި ކެމެރާ ނެތް އައިނެއް ނެރުމަކީ މެޓާއިން ޕްރައިވެސީގެ މައްސަލަތަކުން މުޅިން ރެކެން ކުރާ ކަމެއް ނޫނެވެ. މެޓާގެ އޭއައި ސިސްޓމްތައް ތަރައްގީކުރުމަށާއި ކުރިމަގުގެ އޭއާރު (އޯގްމެންޓެޑް ރިއަލިޓީ) ޕްލެޓްފޯމަށް ބޭރު ފެންނަ ސެންސަރުތަކާއި ކެމެރާ މުހިންމުވާނެއެވެ. އެހެންކަމުން މިއީ ކެމެރާއާ މެދު ކަންބޮޑުވާ ކަސްޓަމަރުންނަށް ފުރުސަތު ދިނުމާއެކު، އައިނު އުފެއްދުމުގެ ހަރަދު ކުޑަކުރުމަށް މެޓާއިން ނެގި ސްޓްރެޓީޖިކް ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

comment ކޮމެންޓް