ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރި ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނައީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އެ ބޯޓުގައި ހަރަކާތްތެރިވި ހަ މީހުންނާއެކު، އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެނައީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުންނެވެ. އެމްއެންޑީއެފުން ބުނީ، އެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހިފެހެއްޓި މަސްބޯޓު --- ފޮޓޯ/ އެމްއެންޑީއެފް
އެއީ، ކޮން ގައުމެއްގެ ބޯޓެއްތޯ 'ސަން'އިން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ، މިހާތަނަށް އެ މައުލޫމާތު އެނގިފައިނުވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ބޭރު ގައުމުތަކުގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ. އެ ފަދަ ބޯޓުތައް ބޮޑެތި އަދަދުތައް ޖޫރިމަނާ ވެސް ކޮށްފައި އެބަ ހުއްޓެވެ.
މީގެ އިތުރުން މި ބޯޓު ހިފަހައްޓައިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަދެ ގިނަ ދުވަސްތަކެއްވީ ފަހުން ފެނުނު ދެ ބޯޓެއް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި، މާލޭގެ ކައިރީގައި އަޅައިފައި ވަނިކޮށް އޮޔާ ދިޔަ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އޭގެ ތެރެއިން އެއް ބޯޓު ސިނަމާލެ ބުރިޖުގައި ޖެހުނުއިރު އަނެއް ބޯޓު ވަނީ ފަރަށް އަރައިފައެވެ.
މާލޭ ސިޓީ ކައުންސިލުން އެ ދެ އުޅަނދަކީ މިދިޔަ އޭޕްރިލް މަހުގެ 26ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަދެފާ ދެ އުޅަނދު ކަމަށާއި ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު ކަމަށް ބުނެފައެވެ. އެ ކައުންސިލުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ދެ ބޯޓުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަނީ ގޮވާލައިފައެވެ.
އެ ދެ ބޯޓު ފަހުން ސިނަމާލެ ބުރިޖު ދަށުން ގޮސް، ރާއްޖޭގެ ސަރަހައްދުން ބޭރަށް ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.