ބޭރު ފައިސާގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިގްތިޞާދަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭރު ފައިސާގެ މައްސަލައިގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ މި އިސްލާހުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަން ޖެހޭނެ ކަމަށެވެ.
"ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭގޮތަށް މިގެނެވުނު އިސްލާޙާއެކު އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް. ގާނޫނުގައި އޮތްގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައި މިއޮތީ. އެހެންކަމުން އަންނަ މަހުގެ އެއްކަކުން ފެށިގެން މާރުކުރަންޖެހޭނެ،" އޭޖީ އުޝާމް ވިދާޅުވިއެވެ.
އޭޖީ އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. އެހެންކަމުން، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ވެސް ބަންޑާރަ ނައިބު ވަނީ ދެއްވާފައެވެ.
ރާއްޖޭގައި ބޭރު ފައިސާގެ އަގު ރަސްމީ ރޭޓާ ޚިލާފަށް ބޮޑުކޮށް ކަޅު ބާޒާރުގައި ވިއްކަމުންދާ މައްސަލަ ހުއްޓުވުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މިހާރު ވެސް ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާޙުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ބަންޑާރަ ނައިބު ވަނީ، ރާއްޖޭގައި ބޭރު ފައިސާގެ އެންމެހައި މުއާމަލާތުތައް ކުރުމުގައި ބޭރު ފައިސާއާ ބެހޭ ގާނޫނާއި، އެމްއެމްއޭގެ ގާނޫނު އަދި ބޭންކިން ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 31ގައެވެ.
އެ އިސްލާހުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15 މިލިއަނުން 25 މިލިއަން ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް، ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު އެ ގާނޫނުން ވަނީ އުނިކޮށްފައެވެ.
ގެސްޓްހައުސް ހިމެނޭ ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ.
މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.