ސާފިން ފެޑެރޭޝަން އޮފް ސްރީ ލަންކާ (އެސްއެފްއެސްއެލް) އިން އިންތިޒާމުކޮށްގެން ބޭއްވި އެސްއެފްއެސްއެލް ސާފް ޗެމްޕިއަންޝިޕްސް 2026 - އާރުގަމް ބޭ ސީރީޒްގެ އޯޕަން އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ އުމުރުން 9 އަހަރުގެ އާލިޔާ ލަތީފް ހޯދައިފިއެވެ.
މުބާރާތުގައި ލަންކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރާޅާއެޅުންތެރިން ވާދަކުރި މި މުބާރާތުގައި އާލިޔާ ހޯދީ ބޮޑު ކާމިޔާބީއެކެވެ. އާލިޔާއަކީ ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިން ހިމެނޭ ގައުމީ ޓީމުގެ އެތުލީޓެކެވެ.
އޯޕަން ބައިގެ ދެވަނަ ހޯދާފައިވަނީ ލަންކާގެ މިދިޔަ އަހަރުގެ ޖޫނިއާ އަންހެން ޗެމްޕިއަން ސަޔުނީ އަންޖަނާއެވެ.
އޭނާއަކީ އާލިޔާއަށްވުރެ ދޮށީ ރާޅާއެޅުންތެރިއެކެވެ.
ތިންވަނަ ހޯދީ ސްވިޒަލެންޑުގެ ކެމީލް އެޓާއެވެ. ކެމީލް އަކީ ސްވިޒަލެންޑުގެ އެސޯސިއޭޝަން ރާޅާއެޅުމުގެ މުބާރާތުގައި ދާދިފަހުން ބޮޑު ކުރިއެރުމެއް ހޯދި ރާޅާއެޅުންތެރިއެކެވެ.
ލަންކާގެ ސާފިން މުބާރާތުގެ އޯޕަން އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ އާލިޔާ (މެދުގައި) -- ފޮޓޯ: ލަންކާ ސާފިން އެސޯސިއޭޝަންވާދަވެރި ހީޓުތަކަކަށްފަހު ފައިނަލްގައި މޮޅު ކުޅުމެއް ދައްކައި އާލިޔާ އެއްވަނަ ހޯދިއިރު، މިއީ އާލިޔާގެ ރާޅާއެޅުމުގެ ކެރިއަރުގައި ބައިނަލްއަގްވާމީ މައިދާނުގައި ހޯދި މިފަދަ ފުރަތަމަ ކާމިޔާބީއެވެ.
މީގެ ކުރިން، 2025 ވަނަ އަހަރު ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބޭއްވި ފުރަތަމަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ 18 އަހަރުން ދަށުގެ އަންހެންބައިގެ ފައިނަލް ހީޓުގައި ވާދަކޮށް 10.23 ޕޮއިންޓް ހޯދައިގެން، އުމުރުން އެންމެ 8 އަހަރުގައި އާލިޔާ ވަނީ އެ ކެޓަގަރީގެ ޗެމްޕިއަންކަމާއެކު ރާއްޖޭގެ އަންހެން ރާޅާއެޅުމުގެ ތާރީޚުގައި އާ ޞަފްޙާއެއް ހުޅުވާލާފައެވެ.
އުމުރުން އެންމެ 9 އަހަރުގައި ބައިނަލްއަގުވާމީ މުބާރާތެއްގެ އޯޕަން ބައިން އެއްވަނަ ހޯދައި، އާލިޔާ މިވަނީ ރާއްޖޭގެ ރާޅާއެޅުމުގެ މުސްތަގުބަލު އުޖާލާކަން ސާބިތުކޮށްދީފައެވެ.