ސިނަމާލެ ބުރިޖުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި، އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޖުމުލަ ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ހިނގި މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 19:20 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުމުގެ ސަބަބުންނެވެ. އެއަށްފަހު އެ ސައިކަލު ވަނީ އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ އިތުރު ސައިކަލަކާއި ކާރެއްގައި ޖެހިފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާއަށެވެ.
މީގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާ ގުޅޭ މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރޭ ބްރިޖުގައި ވަނީ އިތުރު އެކްސިޑެންޓެއް ވެސް ހިނގައިފައެވެ.
ބްރިޖާއި ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް އާއްމުވެފައެވެ. މިފަދަ ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލުމުގެ އިތުރުން ބޮޑެތި އަނިޔާތައް ވެސް ލިބިފައިވެއެވެ.