ކެބިނެޓުން ވަކިވެވަޑައިގެންނެވި މާރިޔާއަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްކަން ދީފި

ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: -- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މި މަހުގެ ކުރީކޮޅު އައްޔަނުކުރައްވައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މާރިޔާ އައްޔަންކުރެއްވުމާ އެކު، އޭނާ މިހާރު ފޮރިން މިނިސްޓްރީގެ ވަޒީފާއަށް ރަސްމީކޮށް ނިކުންނަވައެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވި ޑރ. މާރިޔާ، މި ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭނާ އެގްރިކަލްޗާ މިނިސްޓްރީގެ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިގެން، ޑރ. މާރިޔާ ހިމެނިވަޑައިގަންނަވާހެން 10 މިނިސްޓަރަކު މިދިޔަ އެޕްރީލް މަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެ ފަހަރު ކެބިނެޓުން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިހާރު ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން ފެނިވަޑައިނުގަންނަވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މަައުމޫނާއި ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ވެސް މިހާރު ސިޔާސީ އެއްވެސް ކަމަކުން ނުފެނެއެވެ.

ނަމަވެސް، އޭރު ކެބިނެޓުން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރަށާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމަށް ވެސް ވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމު ދެއްވާފައެވެ.

އަދި އާދަމް ޝަރީފް ޤަޠަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް، އަދި ޠާރިޤު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް މިހާރު ވަނީ ހަމަޖައްސަވާފައެވެ.

comment ކޮމެންޓް