މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިޓަލީގެ ގައުމީ ޓީމުގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ އާއި އޭނާގެ އަންހެނުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓަށް ވަދެ، ދެމަފިރިންނަށް އަނިޔާކޮށް ވައްކަންކުރި މައްސަލައިގައި ދެ މީހަކު ޖަލަށްލުމަށް ޕެރިހުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޕެރިސް ކްރިމިނަލް ކޯޓުން މި މައްސަލައިގެ މޭސްތިރިއެއް ކަމަށް ބެލެވޭ އުމުރުން 21 އަހަރުގެ އިލިޔާސް ޚަރްބޫޝް ނުވަ އަހަރަށް ޖަލަށްލުމާއެކު 80،000 ޔޫރޯއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ މޮކްތާރު ޑީ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، އޭގެ ތެރެއިން ދެ އަހަރު ވަނީ ޕްރޮބޭޝަނާއެކު ސަސްޕެންޑް ކޮށްފައެވެ.
މި ހާދިސާ ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވުނު ތިންވަނަ މީހާ، ޚިޔާން އެމް ވަނީ ކުށް ސާބިތުނުވާ ކަމަށް ނިންމައި މިނިވަންކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ޖުލައި 2023 ގައި ޑޮނަރޫމާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން ދިޔައިރު، ޕެރިހުގެ އެވެނިއު މޮންޓައިންގައި ހުންނަ އެ ދެމަފިރިންގެ ލަގްޒަރީ އެޕާޓްމަންޓުގައެވެ. މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ފުރާޅުމަތިން އެޕާޓްމަންޓަށް ވަދެ، ދެމަފިރިން އެނދުން ވައްޓާލައިގެން، ދަމައި ބޭރަށް ނެރެ ބަނދެފައިވެއެވެ.
ހަމަލާދިން ވަގުތު ޑޮނަރޫމާގެ ގައިގައި، ހަރު އަންގި އަޅައިގެން ތިބެ ލޭ އަންނަންދެން ތަޅައި އަނިޔާކުރިއެވެ. އޭރު ބަލިވެއިން އޭނާގެ ލޯބިވެރިޔާ އަދި މިހާރުގެ އަނބިމީހާ އެލެސިއާ އެލެފަންޓޭގެ ކަރުގައި ވަޔަރެއް އޮޅައި ނޭވާ ހާސްކޮށްފައިވެއެވެ.
މި ހާދިސާގައި ލިބުނު ބޮޑު ސިހުމާއި ނަފްސާނީ އަސަރުގެ ސަބަބުން ފަހުން އެލެސިއާގެ ބަނޑުގައި އޮތް ދަރިފުޅު ވަނީ ބައިގެން ގޮސްފައެވެ.
ހަތް މީހުންގެ ގޭންގަކުން ވަނީ އެޕާޓްމަންޓުން ގާތްގަނޑަކަށް އެއް މިލިއަން ޔޫރޯގެ އަގުހުރި ފައިސާ އާއި ގަހަނާ، އަގުބޮޑު ގަޑި އަދި ދަބަސް ފޭރިގަނެގެން ފިލާފައެވެ.
ޕްރޮސެކިއުޓަރުން ފާހަގަކުރި ގޮތުގައި މި ސަރަހައްދަކީ ޒުވާން ކުށްވެރިންގެ ގޭންގުތަކުން މަޝްހޫރު ފަރާތްތަކަށް އަމާޒުކޮށް އަނިޔާވެރި ވައްކަންތައް ހިންގަމުންދާ ސަރަހައްދެކެވެ.