ކުރީގެ ލޯބިވެރިޔާއާ އެކު އުޅުނު ދުވަސްވަރު އޭނާއަށް ކުރި އެތައް ލައްކަ ޑޮލަރެއްގެ ޚަރަދު އަނބުރާ ހޯދުމަށް ސިންގަޕޫރުގެ ވިޔަފާރިވެރިޔަކު ކުރި ދަޢުވާ ނާކާމިޔާބުވެއްޖެ ކަމަށް ބީބީސީން ރިޕޯޓުކޮށްފިއެވެ.
ސިންގަޕޫރުގެ ހައިކޯޓުން ނިންމާފައިވަނީ ލޮޖިސްޓިކްސް ކުންފުންޏެއްގެ ސީއީއޯއެއް ކަމަށްވާ ޗަންދަރު އަގަރްވާލް، އޭނާގެ ކުރީގެ ލޯބިވެރިޔާ ފެލީޝިއާ ލީގެ އަތުން ހޯދަން އެދުނު 468،000 ސިންގަޕޫރު ޑޮލަރު (ގާތްގަނޑަކަށް 369،200 އެމެރިކާ ޑޮލަރު) އަކީ އޭނާ އަމިއްލަ ރުހުމުގައި ހެޔޮހިތުން ކޮށްފައިވާ ޚަރަދުތަކެއް ކަމަށެވެ.
މައްސަލަ ބެއްލެވި ސީނިއާ ޖަޖު ލީ ސިއު ކިން ފާހަގަކުރެއްވި ގޮތުގައި، ދެ މީހުންގެ ގުޅުން ފެށުމުގެ ކުރިން ވެސް އަގަރްވާލް ވަނީ އަގުބޮޑެތި ހަދިޔާތައް ލީއަށް ދީފައެވެ. އަދި އެއީ އަނބުރާ ދައްކަންޖެހޭނެ އެއްޗެއް ނޫންކަމުގެ ޔަގީންކަން ވެސް އޭނާ ދީފައިވެއެވެ.
ކުރީގެ ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ ލީ އާއި އަގަރްވާލް ފުރަތަމަ ބައްދަލުވީ 2019 ވަނަ އަހަރު ފްލައިޓެއްގެ ތެރެއިންނެވެ. އެއަށްފަހު، ސެޕްޓެމްބަރު 2022 އިން ޑިސެމްބަރު 2023 އަށް އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ނަމަވެސް، ލީ އެހެން މީހަކާ ގުޅުމެއް އޮތް ކަމަށް އަގަރްވާލަށް ޝައްކުކުރެވުމާ ގުޅިގެން އެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ.
މި މައްސަލައިގައި އަގަރްވާލް ކޯޓުގައި ދަޢުވާކުރީ މާރިޗު 2024 ގައެވެ. އޭނާ ބުނެފައިވަނީ ލީ އެކި ފަހަރު މަތިން އިންޓްރެސްޓާ ނުލައި ލޯނުގެ ގޮތުގައި ފައިސާ ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކްރެޑިޓް ކާޑު ޚަރަދުތަކަށް 206،000 ޑޮލަރު، ގައުމުން ބޭރަށް ކުރި ދަތުރުތަކަށް 129،000 ޑޮލަރު، އެޕާޓްމަންޓްގެ ފެންގްޝުއީ މާސްޓަރަކަށް 17،000 ޑޮލަރު އަދި ލައިފް އިންޝުއަރެންސް ޕްރީމިއަމްތަކަށް 20،000 ޑޮލަރު ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ލީ ކޯޓުގައި ބުނީ މިއީ ލޯބިން ދީފައިވާ ހަދިޔާތަކެއް ކަމަށާއި، ލޯނެއް ނޫން ކަމަށެވެ. ފަނޑިޔާރުވެސް ވަނީ ލީގެ ވާހަކަތަކަށް ތާޢީދުކުރައްވައި، އަގަރްވާލްގެ ދަޢުވާއަށް ބާރުދޭނެ އެއްވެސް ލިޔެކިޔުމެއް ހުށަހެޅިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ގުޅުން ކެނޑުމުން އުފެދުނު ރުޅިވެރިކަމެއްގެ ސަބަބުން ބަދަލުހިފުމުގެ ގޮތުން ކޮށްފައިވާ ދަޢުވާއެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ ކުރިން 2023 ވަނަ އަހަރުގެ ކުރީކޮޅުވެސް ސިންގަޕޫރުގައި މިފަދަ މައްސަލައެއް ފެންމަތިވިއެވެ. އެ ފަހަރު ފިރިހެނަކު ވަނީ އޭނާގެ ލޯބި ޤަބޫލުނުކުރި އަންހެނަކާ ދެކޮޅަށް، އަގުވެއްޓި ނަފްސާނީ ގެއްލުން ލިބުނު ކަމަށް ބުނެ 3 މިލިއަން ޑޮލަރު ހޯދަން ދަޢުވާކޮށްފައެވެ. ނަމަވެސް ސިންގަޕޫރުގެ ކޯޓުތަކުން އެ ދަޢުވާވެސް ވަނީ ބޭރުކޮށްލާފައެވެ.