"ބައްޕަ އެހާ އަވަހަށް މަސައްކަތް ފެށީތަ؟ ބުނީމެއްނު މިއަދު އަވަހަށް މަސައްކަތް ފަށާނަމޭ...،" ޒަރޫންއަށް ބުނެވުނެވެ. "އަނެއްކާ ވެސް ކޮނޑަށް ތަދުވެދާނެ. މަންމައަށް, ބޮކި ހަރުކޮށްލަދީފަ މި އަންނަނީ..."
އެހެން ބުނެލުމާ އެކު ޒަރޫން އެރީ މައްޗަށެވެ. އެއަށްފަހު އަނދާފައިވާ ބޮކި ނައްޓައިލުމަށް ފަހު އައު ބޮކި ހަރުކޮށްލަދިނެވެ. ދެން ތިރިއަށް އައިސް އޭނާ އަސްވެގަތީ ބައްޕައަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެއްފަރާތުގައި ހުރި ސްޓޭންޑުގައި އަޅުވާފައި ހުރި ބޮއިލަރު ސޫޓު ނަގައި އެ ލަމުން، ތައްޔާރުވެލިއެވެ. ޒަރޫންއަކީ އަމިއްލައަށް ފެނިގެން އަބަދު ވެސް ޒިންމާނަގާ ޒުވާނެކެވެ. ޢާއިލާއަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. އުމުރުން 28 އަހަރުވެފައިވާ ޒަރޫން، އަމިއްލަ ހުވަފެންތަކަށް ދެކެމުން އައި ނަމަވެސް، އަދި އެ ހުވަފެންތަކުގައި ކުލަ ޖައްސަން ބޭނުންވި ނަމަވެސް، އެ ހުވަފެންތަކަށް ވުރެ އަބަދު ވެސް ޢާއިލާއަށް އިސްކަން ދެއެވެ. ޢާއިލާގެ އުފާތަކަކީ އޭނާގެ އުފާތައް ކަމުގައި އަބަދުވެސް ދެކެއެވެ. މުޅި ޢާއިލާގެ ތެރޭގައި ޒަރޫންއަކީ އެންމެ މުހިންމު އަދި އެންމެންގެ ލޯބި އެންމެ ފުރިހަމައަށް ލިބޭ މީހަކަށް ވެފައިވަނީ ވެސް ޒަރޫންގެ މިޒާޖުގައި ހުންނަ އެ ގޮތުގެ ސަބަބުން ކަންނޭނގެއެވެ. ޒަރޫންގެ ދޮންތަ، އަދި ތައިމޫރުމެން ދެމަފިރިންގެ ދޮށި އަންހެން ދަރިފުޅު ތަސާމާ މީހަކާ އިނދެގެން ދިޔަ ނަމަވެސް އަދި ވެސް އޭނާއާ އެންމެ ގާތް ގުޅުމެއް އޮންނަނީ ޒަރޫންއާއެވެ. ޒަރޫންއަށް ކިތަންމެ ކުޑަ ބަދަލެއް އައި ނަމަވެސް، އެންމެ ފުރަތަމަ އެ ކަން ފާހަގަވާނީ ވެސް ތަސާމާއަށެވެ. ކޮއްކޮ ޒަލަފް އަކީ އެންމެ ހަގު މީހާއަށްވާތީ، ކޮންމެވެސް ވަރަކަށް ގޮތް ދޫނުކުރުމުގެ ސިފަ ހުރި ނަމަވެސް، ޒަރޫން އެ ކަމަށް ނޫނެކޭ ބުނެފިނަމަ ޒަލަފްއަށް ވެސް ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވެއެވެ. އަނެއްކޮޅުން، ޒައިނަބުގެ ދުލު ކުރީގައި އަބަދުމެ އޮންނަ ނަމަކީ ޒަރޫންއެވެ. ގޭގައި ގެންގުޅޭ އެއްޗެއް ހަލާކުވިޔަސް، ކިތަންމެ އަވަހަށް ކަމެއް ކުރަން ޖެހުނަސް، އޭނާއަށް އެންމެ ފުރަތަމަ ގޮވައިލެވެނީ ޒަރޫންއަށެވެ. ދުވާލަކު އެތަކެއް ފަހަރަކު ޒަރޫންގެ ފޯނަށް ޒައިނަބު ގުޅާނެއެވެ. އެކިއެކި ކަންކަމުގައެވެ. ސަބަބަކީ އެއްވެސް ޝަކުވާއެއްނެތި އެ ކަމެއް އެ ބުނާ ގޮތަކަށް ،އެންމެ އަވަހަށް ކޮށްދޭނީ ޒަރޫންއަށް ވާތީއެވެ. ތައިމޫރު ވެސް ގަރާޖުގައި ކުޑަ ކަމެއް ދިމާވިޔަސް، އެންމެ ފުރަތަމަ ގޮވައިލާނީ ޒަރޫންއަށެވެ.
ޒަރޫންއަކީ މީހަކު ނުބުނި ނަމަވެސް، އެހެން މީހުންގެ އިޙްސާސްތައް ދެނެގަތުމުގެ ޤާބިލުކަން ވަރަށް ފުރިހަމައަށް ލިބިފައިވާ ޒުވާނެކެވެ. މަންމަ ބަލިވުމުން، އެންމެ ފުރަތަމަ އެކަން ފާހަގަވާނީ ޒަރޫންއަށެވެ. ބައްޕަގެ ވަރުބަލިކަން ވެސް އެންމެ ފުރަތަމަ ދެނެގަންނާނީ ޒަރޫންއެވެ. މުޅި އާއިލާގެ ތަނބެއްކަމުގައި ޒަރޫން ވެފައިވަނީ އެފަދަ އެތަކެއް ސަބަބުތަކަކާ ހެދިއެވެ. އަމިއްލަ އުފާތަކާއި އަމިއްލަ ހުވަފެންތައް ޤުރުބާންކޮށްފައި ޢާއިލާއަށް ޚިދުމަތްކުރުމަކީ އޭނާއަށް ލިބޭ އުފަލެއްކަމުގައި ޒަރޫން ދެކެއެވެ. އެއީ ކޮންމެކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫންކަމުގައި އޭނާ ޤަބޫލުކުރެއެވެ. މަންމައާއި ބައްޕައަށް އެ ވަރަށް އެހީވަމުން މާލީ ގޮތުން ވެސް ޒަރޫން ދަނީ ވީ ވަރަކުން އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން މިހާރު ވެސް ޒަލަފްގެ ޔުނިވަރސިޓީގެ ފީ ދައްކައިދެނީ ޒަރޫންއެވެ. އޭނާގެ ކޮއްކޮ ކިޔަވައިގެން މޮޅުވުމަކީ ޒަރޫންގެ އެންމެ ބޮޑު އެދުމެވެ. ވަޒީފާއަކަށް ނުގޮސް ހަމަ އެކަނި ކިޔަވަން ބަހައްޓާފައި ހުންނަ ސަބަބަކީ ވެސް އެއީއެވެ.
"ދީ ބައްޕާ. ތިކަންތައް ކޮށްލަފާނަން." ޒަރޫން އޭނާގެ ބައްޕަގެ އަތުގައި އޮތް ކަށިގަނޑު އަތުލިއެވެ. މި ދުވަސްކޮޅު ބައްޕަ އުޅެނީ އަތުގެ ކުޑަހުޅަށާއި ކޮނޑަށް ތަދުވާތީއެވެ. އެހެންކަމުން ބައްޕަ ލައްވާ ގަރާޖުގައި ބުރަ މަސައްކަތްތައް ނުކުރުވާ ވޭތޯ ޒަރޫން ވީ ވަރަކުން ބަލައެވެ. މީގެ ކުރިން އެ ތަނުގައި ދިވެހި ޒުވާނަކާއި ބިދޭސީއަކު ވެސް ބައްޕަ ގެންގުޅުނެވެ. އެހެން ނަމަވެސް، މީގެ މަސްތަކެއް ކުރިން ކުއްލިއަކަށް ޖެހުނު، ރޯގާއެއްގައި ތައިމޫރު ބަލިވެގެން އެޑްމިޓްކުރަން ޖެހުނެވެ. ހޮސްޕިޓަލުގައި އެ ތަކެއް ދުވަހަކު އޮންނަން ޖެހުނެވެ. ދޫކޮށްލި ފަހުން ވެސް މަސައްކަތެއް ކުރެވޭ ގޮތެއް ނުވިއެވެ. ގަރާޖު އެ ދެމީހުންގެ އަތް މައްޗަށް އެކަނި ދޫކޮށްލުމުން، ބޮޑެތި ގެއްލުންތައް ލިބުނެވެ. އެންމެފަހުން ދިވެހި ޒުވާނާ ވަޒީފާއިން ވަކި ވެސް ވީއެވެ. ތައިމޫރުގެ ވެސް ބަލި ޙާލަތު ހުރި ގޮތުންނާ އިތުރު މީހަކު ގެނެވޭނެ މާލީ ތަނަވަސްކަން އެ ވަގުތު ނެތުމުން، އެނާއަށް ޖެހުނީ ބިދޭސީ މީހާ ވެސް ފޮނުވައިލާށެވެ. ބައްޕަ އުމުރު ދުވަހު ކުރި މަސައްކަތް ބީވެގެން ދާތަން ބަލަން ހުންނާކަށް ޒަރޫންއަކަށް ކުޅަދާނައެއް ނުވިއެވެ. އެހެންކަމުން، އޭނާ އެ މަސައްކަތް ފެށީ ބައްޕައަށް އެހީތެރިވުމުގެ ގޮތުންނެވެ. ކުޑައިރުން ފެށިގެން ބައްޕައާ އެކު އުޅޭތީ ގަރާޖުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް ޒަރޫންއަށް އެނގެއެވެ. އަމިއްލަ ހުވަފެންތައް އެއްފަރާތްކޮށްފައި ޒަރޫން އެ ފަހަރު ވެސް އިސްކުރީ ޢާއިލާއެވެ.
"ދަރިފުޅު މިއަދު ވާނެ ބައްޕައަށް ތި އޮންލައިންކޮށް ލާރި ފޮނުވާގޮތް ދަސްކޮށްދޭން." ތައިމޫރު ބުނެލިއެވެ. އެއާއެކު ޒަރޫން ހީނލިއެވެ.
"އެއީ އެހާ އުނދަގޫކަމެއް ނޫނޭ..." ސައިކަލުގެ ފުރޮޅު ނައްޓަމުން ދިޔަ ޒަރޫން ބުނެލިއެވެ.
"ދަރިފުޅުމެންނަށް އުނދަގޫ ނުވިޔަސް ބައްޕަމެންނަކަށް ތިއެއް ނޭނގޭނެ. ބާލީސް ދަށުގަ ފައިސާ ފޮރުވައިގެން އުޅުނު ޒަމާން މާ ފަސޭހަ." ތައިމޫރު ބުނެލިއެވެ. ޒަރޫން މަސައްކަތްކުރަމުން ދިޔައިރު، ތައިމޫރު ވެސް ޒަރޫންގެ މަސައްކަތް ފަރުވާތެރިކަމާ އެކު ބަލަމުން ދިޔައެވެ. އޭނާ ޒަރޫންގެ މަސައްކަތަށް ތަޢުރީފްކޮށްލިއެވެ.
"މި ނިމުނީ. ދެން އާ ޓަޔަރެއް އަޅުވަންވީ." ޒަރޫން ހިންދެމިލިއެވެ.
މަސައްކަތް ކޮށް ނިންމާފައި، ޒަރޫން ހިންދެމިލިއެވެ. އޭނާ މައްޗަށް އެރީ ފެންވަރައިލުމުގެ ބޭނުމުގައެވެ. އޭރު މެންދުރު ނަމާދަށް ބަންގި ގޮވަނީއެވެ. ފެންވަރައިލައިގެން ތާޒާވެލައިގެން ދެން ދިޔައީ މިސްކިތަށެވެ. އައި ތަނާހެން އަނެއްކާ ޒަލަފް ގޮވައިގެން އޭނާ ކޮލެޖަށް ލާންދާން ޖެހިއްޖެއެވެ. މައްޗަށް އެރި އިރު، ސޯފާގައި އިން މަންމަގެ މޫނުމަތިން ކުޑަ ނުތަނަވަސްކަމެއް ޒަރޫންއަށް ފާހަގަވިއެވެ.
“މަންމާ... ކިހިނެއްތަވީ؟ ކީއްވެތަ މޫޑީވެފަ ތީނީ؟ ގައިމު ބޮކި ވެސް ހަރުކޮށްދީފިން." މަންމަ ކަންބޮޑުވެފައިވާ ކަންތައް އެނގެން ބޭނުންވި ނަމަވެސް، ޒަރޫން ފުރަތަމަ ވާހަކަ ދެއްކީ ސަމާސާ ގޮތަކަށެވެ. އެއީ އޭނާގެ މިޒާޖެވެ. އެއްފަރާތުން ޒައިނަބު ގައިގައި ކުޑަކޮށް ބައްދައިލުމާ އެކު، ޒައިނަބު ލޯތްބާއެކު ޒަރޫންގެ އިސްތަށިގަނޑާ ކުޅެލިއެވެ. އޭރު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ކިތަންމެ ކުޑަކުޑަ ކަމަކާ އޭނާ ކަންބޮޑުވެފައި އިނަސް ޒަރޫން އެކަންތައް ނަގައިގަންނަލެއް ފަސޭހަކަމުން ބައެއް ފަހަރު އޭނާ ވެސް ހައިރާންވެއެވެ. އޭނާ ކަންބޮޑުވެފައިވާ މިންވަރާއި، ސަމާސާކުރަން އެކަށީގެންވާ ޙާލަތްތަކާއި ނުޖެހޭ ޙާލަތްތައް ވެސް ޒަރޫން ދެނެގަންނާނެއެވެ.
"ކެފޭއަށް އެއްޗެހި ލައިދޭ މީހާ ބުނީ ދެން ނާދެވޭނެޔޯ. އެހެންވީމަ އިތުރު މީހަކު ހޯދަންވެގެން މި އުޅެނީ..." ޒައިނަބު ބުނެލިއެވެ.
"އޭނަ ކިހިނެއްވީ؟ މިހާރު މުސާރަ ދޭ ވަރު މަދުވީތަ؟" ޒަރޫން ސުވާލުކޮށްލިއެވެ.
"ނޫން. އެހެންނެއް ނުބުނޭ. ހަމަ ހުރެ ހުރެފަ ދެން މި ކަންކޮށްދެވޭކަށް ނެތޭ ބުނީ.. ކުރީ ފަހަރު ފޭސްބުކުގަ ޕޯސްޓެއް ޖެހީމެއްނު. އަޅެ އެ ގޮތަށް އަނެއްކާ ވެސް ޖަހައިދީބަލަ. އޭރުން މީހަކު ލިބިދާނެއެއްނު." ޒައިނަބު ބުނެލިއެވެ.
"އޯކޭ! ތީ އެ ވަރު ކަމެއް ނޫނެއްނު. މިއަދު ޕޯސްޓް ޖަހައިދޭންނަން.،" ޒަރޫން ބުނެލިއެވެ. "ދެން އެހާ ހާސްނުވޭ."
"ހާސްވާނެއެއްނު. ކުރިން ފަހަރު ވެސް ރަނގަޅު އަގަކަށް މީހަކު ލިބުނީ އެހާ އުނދަގުލުން.،" ޒައިނަބު ބުނެލިއެވެ. "މާދަމާއަށް މީހަކު ލިބޭނެތަ؟"
"މާދަމާއަށް ހިޔެއްނުވޭ. އެކަމަކު ބަލާނަން.،" ޒަރޫން ބުނެލިއެވެ. އޭނާ މަންމަގެ އެދުމަށް ފޭސްބުކުގައި ޕޯސްޓެއް ވެސް އެ ވަގުތު ޖެހިއެވެ. "ދެން މާދަމާއަށް މީހަކު ނުވިއްޔާ އެ އެއްޗެހި ގެންގޮސްދީފާނަމޭ... ބޮޑުވެފަ ހުރި މަންމަގެ ފިރިހެން ދަރިއަކު އެބަ ހުއްޓޭ! ކޮންކަމަކާތަ ހާސްވަނީ؟"
ޒައިނަބުގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އޭނާ ޒަރޫންއަށްޓަކައި ފަޚުރުވެރިވެއެވެ. އެ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެއެވެ. ޒަރޫން އުފަލާއެކު އޭނާ ބުނާ ކޮންމެ ކަމެއް ކޮށްދޭނެކަން އެނގެއެވެ. އެހެންނަމަވެސް، ޒަރޫން އެހާ ބުރަކޮށް އުޅޭ އިރު އިތުރު ތަކުލީފެއް ޖައްސަން އޭނާ ބޭނުންނުވަނީއެވެ. މީހަކު ހޯދި ސަބަބަކީ ވެސް އެއީއެވެ.
"އަބަދަކު ދަރިފުޅަކަށް ވެސް ނުވާނެއެއްނު. މިހާރު ވެސް އެހާ ބުރަކޮށް ތި އުޅެނީ." ޒައިނަބު ބުނެލިއެވެ.
"މަންމަ ބޭނުމިއްޔާ ތިކަން ކޮށްދީފާނަމޭ.،" ޒަރޫން ބުނެލިއެވެ. "އެ ވަރުކަމެއް ނޫނެއްނު އެއީ..."
"އެކަމަކު ވެސް ހެޔޮ. މީހަކު ހޯދާނީ... ހަމަ އެ އަގުގަ މީހަކު ލިބިދާނެއެއްނު." ޒައިނަބު ބުނެލިއެވެ.
"ބަލާނީ ދޯ!..." ޒަރޫން ވެސް އާނ ބަސްދިނެވެ.
ދެމީހުން ވާހަކައިގައި ތިއްބާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ، ޒަރޫންގެ ދޮންތަ ތަސާމާއެވެ.
"މަންމައާ ޒަރޫއާ ދެމީހުން ވާހަކަ ދައްކަން ނުތިބޭ އިރެއްގަ މި ގެއަކަށް ނުވަދެވޭނެ." ސަމާސާ ރާގަކަށް ތަސާމާ ބުނެލިއެވެ.
"ކޮން ޒަރޫއެއް. އެހެން ކީމަ ހީވަނީ އަންހެނެއް ހެން." ޒަރޫން ލޯ އަޅައިލިއެވެ. ކުޑައިރު އެންމެ ފުރަތަމަ އެންމެން ވެސް އޭނާއަށް ވަނަމަކަށް ކީ "ރެން"އެވެ. އެހެންނަމަވެސް، އޭނާއަށް ޖެއްސުމަށް، ތަސާމާ ޒަރޫ އޭ ކިޔަން ފެށި ގޮތަށް ތަސާމާ އަދި ވެސް ގޮވަނީ އެހެން ކިޔާފައެވެ. ބައެއްފަހަރު މަންމަވެސް މަޖަލަކަށް އެހެން ކިޔާފައި ގޮވައިލާ ސަމާސާކޮށްލައެވެ.
ތަސާމާގެ އުމުރުން މިހާރު 30 އަހަރުވެފައިވާ އިރު، އޭނާ ފެންނަނީ އުމުރަށް ވުރެ ޒުވާންކޮށެވެ. ބުރުގާ އަޅާފައި އަބާޔާ ހެދުމެއް ލާފައި ހުރިއިރު ވެސް އޭނާގެ އަންހެންވަންތަކަން ފަނޑެއްނުވެއެވެ. ޒަރޫންއާއި ޒަލަފްއަށް ވުރެ ވެސް ތަސާމާގެ ހަންގަނޑުގެ ކުލަ އަނދިރިއެވެ. އެހެންނަމަވެސް، އޭނާ އަކީ ހަޑި އަންހެނެކޭ ނުބުނެވޭނެއެވެ. މީހެއްގެ ކުލައަކީ، މީހެއްގެ ރީތިކަން މިނެ ކިރާ، ވަޒަންކުރާ އެއްޗެއް ނޫނެވެ. ކަޅު މީހުންނަކީ ހުތުރު ބައެއްގެ ގޮތުގައި މީހުން ސިފަކުރަނީ ޒަމާނުއްސުރެ ވާރުތަވަމުން އައި ބޯދާ ވިސްނުމުގެ ސަބަބުންނެވެ.
"ބައްޕައާ ދިމާވި ދޯ ތިރިން؟" ޒައިނަބު އަހައިލިއެވެ.
"އާނ. ބައްޕަ އަދި ވެސް ހަމަ އެހާ ބުރަކޮށް ދޯ އުޅެނީ.،" ތަސާމާ ސޯފާގައި އިށީނދެލިއެވެ. "މިހާރު ވެސް އެބައުޅޭ ކޮންމެ ވެސް އެއްޗެއް ރޫޅުމުގަ." ތަސާމާ ބުނެލިއެވެ.
"ކީއްކުރާނީ. އެ ކަމުގަ އުޅެއުޅެ މަސައްކަތަށް މާ ބޮޑަށް ހިތްޖެހިފަ. މަންމަ ބުނީމޭ ބުރަކޮށް ނޫޅޭށޭ. ރެން ވެސް އެހީވެއެއް ނޫންހޭ." ޒައިނަބު ބުނެލިއެވެ. އޭނާ ސޯފާއިން ތެދުވެގެން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.
"ބައްޕަ އަބަދު އެހެން އުޅެއުޅެފަ ކަމެއްނުކޮށް ހުންނަންވީމަ ހީވާނެ މާ ބަލިވާހެން. ބައްޕައަށް ވަރަށް ބަލަމޭ އަހަރެން." ޒަރޫން ތަސާމާއަށް ބަލައިލަމުން ބުނެލިއެވެ. އިތުރު ވާހަކައެއް ނުދެކެވި އުޅެނިކޮށް، ޒައިނަބު ތަސާމާއަށް ގޮވައިލިއެވެ.
"ދަރިފުޅު މިއަދު އަންނާނަމޭ ބުނީމަ މަންމަ ހުންނާނެ މިއަދު ހެދި ފޮނި އެއްޗެހިން އެތިކޮޅެއް ނަގާފަ." ޒައިނަބު ބުނެލިއެވެ. ތަސާމާއަކީ އަބަދުވެސް ވަރަށް ފޮނި އެއްޗެއްސަށް ލޯބިކުރާ ކުއްޖެކެވެ. ވަކިން ޚާއްޞަކޮށް އޭނާގެ އަތުން ތައްޔާރުކުރާ އެއްޗެއް ވިއްޔާ ކޮންމެ އެއްޗެއް ވެސް މީރުވާނެއެވެ.
"ގޭ އެންމެން ރަނގަޅުތަ؟ އަޔާ ވެސް ރަނގަޅު ދޯ!،" އޭނާގެ ގާތަށް އައިސް ހުއްޓުނު ތަސާމާއަށް ބަލައިލަމުން ޒައިނަބު ސުވާލުކޮށްލީ ތަސާމާގެ ފިރިމީހާ އަޔާދުއާ ބެހޭގޮތުންނެވެ. "މަންމަ ހީ ކުރީ ދެކުދިންކަމަށް އަންނާނީ."
"އަޔާ ކުޑަކަމެއްގަ ބިޒީވީ. ހިތަށް އެރި މާދަމާއޭ އަންނަންވީއޭ ވެސް. އެކަމަކު އަޔާ ކިޔައިފި މަންމަ ކައިރީ ބުނެވިފަ އޮތީމަ ދެން ގޮސްލާށޭ. މިއަދު ދިޔަޔަސް މާދަން ވެސް ދެވިދާނެއެއް ނޫންހޭ." ތަސާމާ ބުނެލިއެވެ. ޒައިނަބު ހީނލިއެވެ.
ތަސާމާ ޗީޒް ކޭކު ކޮޅެއް ތައްޓަކަށް ލީތަން ފެނުމާއެކު، ޒަރޫން އައެވެ. އެ އައި ގޮތަށް އައިސް އެ ތަށި ތަސާމާ އަތުން އަތުލިއެވެ. ޒަރޫން އަކީ އިސްކޮޅުން ދިގު ޒުވާނެއްކަމުން އޭނާ އަތް އުފުއްލައިލައިފިނަމަ، ތަސާމާގެ އަތް އެ ހިސާބަށް ނުފޯރާނެކަން އެނގޭތީ ޒަރޫން އެ ގޮތަށް ކަންތައްކުރިއެވެ. ދޮންތަ ނުފެނި ދުވަސްކޮޅެއް ވުމުން ސަމާސާކޮށްލަން ބޭނުންވީއެވެ.
"އަދި ވެސް ޒަރޫ ކިޔާފަ ދިމާކުރާތި." ޒަރޫން ހިނިގަނޑެއް ޖަހައިލަމުން ދުރަށް ހިނގައިގަތުމުން، ތަސާމާ ލޯ އަޅައިލުމަށް ފަހު، ޒަރޫންގެ ފަހަތުން ހިނގައިގަތެވެ. އެ މަންޒަރު ބަލަން ހުރި ޒައިނަބަށް ހެވުނެވެ.
*****
ޖެހިގެން އައި ދުވަސް އައި އިރު ވެސް، މީހަކު ލިބޭ ގޮތެއްނުވިއެވެ. ކޮންމެ މީހަކު ވެސް އެ މަސައްކަތްކޮށްދޭން ކިޔާ އަގު މާ ބޮޑުވަނީއެވެ. އެހެންކަމުން އެ ދުވަހު ޒައިނަބު ތައްޔާރުކުރި އެއްޗެހި ހިފައިގެން ކެފޭއަށް ގެންގޮސްދޭނެކަމުގައި ޒަރޫން ބުނެލިއެވެ.
ޒައިނަބު އެއްޗެހި ތައްޔާރުކުރަން އުޅުނު އިރު، ޒަރޫން އިނީ ސޯފާގައި އިށީނދެގެންނެވެ. އޭނާ ފޯނުން ނަޒަރު ވަކިކޮށްލަމުން ޒައިނަބަށް ބަލައިލިއެވެ.
"މަންމާ... ކޮންތާކު ހުންނަ ކެފޭއެއްތަ އެއީ؟" ޒަރޫން ސުވާލުކޮށްލިއެވެ.
"އެއީ... މިތާ އާޓްފިޝަލް ބީޗު ކައިރީގަ. ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް ހުންނާނީ." ޒައިނަބު ބުނެލިއެވެ. "ވަރަށް ފަހުން ހުޅުވި ތަނެއް. އަދި ތިން މަސް ކަންނޭނގެ ވިޔަސް ވާނީ..."
"ކުރިމައްޗަށް ވާ ގޮތަށް ހުންނަ ކެފޭއެއް؟" ޒަރޫން ވިސްނައިލިއެވެ. އެހެން ދުއްވާ އިރު، އެ ދިމާލުން ފެންނަ ކެފޭތައް އޭނާ ހަނދާންކުރަން ފެށިއެވެ.
"އާނ. ކެފޭގެ ނަން ބޯޑު ހުންނާނީ އުރުދޫއިން ލިޔެފަ. ދިވެހިން ވެސް ހުންނާނެ ދޮރުގެ އެއްފަރާތުގަ ނަން ލިޔެފަ. ނަމެއް އެހާ ރަނގަޅަކަށް ހަނދާނަކަށް ނާދެ. އެކަމަކު ވަރަށް ރީތިކޮށް ހަދާފަ ހުންނަ ކެފޭއެއް އެއީ. ބޯގަންވިލާ ވެޔޮގަނޑެއް ވެސް އޮންނާނެ ބޭރުގަ ހުންނަ ގޮނޑިތަކާ ދިމާ މައްޗަށް އަރުވާފަ...." ޒައިނަބު އެ ތަން ހުންނަ ގޮތް ޒަރޫންއަށް ސިފަކޮށްދޭން ފެށިއެވެ.
"އާނ! އެނގިއްޖެ ކަންނޭނގެ." ޒަރޫން ބުނެލިއެވެ.
"އަން! މިހުރީ މިހާރު ނިމިފަ." ޑިސްޕޯސަބަލް ތަށިތައް ކޮތަޅަކަށް ލާ ގޮށްޖަހަމުން ޒައިނަބު ބުނެލިއެވެ. ޒަރޫން ސޯފާއިން ތެދުވިއެވެ. އަދި އައިސް މޭޒުމަތީގައި ޒައިނަބު ބެހެއްޓި ކޮތަޅުތައް ނެގިއެވެ.
"އެމީހުން ބޭނުންވޭ ހަމަ ކެފޭ ހުޅުވާ ގަޑިއަށް މި އެއްޗެހި ގެންދަން. ވަރަށް ޑިމާންޑް ރަނގަޅުކަމަށް ވަނީ. ކޮންމެ ދުވަހަކު ވެސް ގެންދާ އެއްޗެހި ވިކި ހުސްވެސް ވާކަމަށް ވަނީ." ޒައިނަބު ހުންނަނީ އޭނާގެ ވިޔަފާރިޔާ މެދު ހިތްހަމަޖެހިފައެވެ. އެ މަސައްކަތްކޮށްގެން ވެސް ރަނގަޅު އާމްދަނީއެއް އޭނާއަށް ލިބެއެވެ.
ކޮތަޅުތައް ހިފައިގެން ޒަރޫން ގެއިން ނުކުތެވެ. އެއަށް ފަހު އޭނާ ގޮސް ސައިކަލަށް އަރާ ދުއްވައިލިއެވެ. އާދައިގެ ވަރެއްގައި ދުވެލި ބަހައްޓައިގެން ގޮސް ބޮޑުތަކުރުފާނު މަގަށް ޒަރޫން ނުކުތެވެ. އާރޓްފިޝަލް ބީޗު ވެސް ގެއާ މާ ދުރެއް ނޫނެވެ. އޭނާ އެ ބުނާ ކެފޭ ހޯދަމުން ގޮސް މަޑުޖެހިލީ މަންމަ އެ ބުނި ބޯގަންވިލާ ވެޔޮގަނޑު ފެނުމުންނެވެ. ކަންމައްޗަކަށް ހުރި އެ ކެފޭގެ ބޭރުގައި ހާމައަށް އޮތް ބައިގައި ވެސް ގޮނޑި ޖަހައިފައި މީހުންނަށް އިށީނދެލެވޭ ގޮތަށް ހުއްޓެވެ. ބިއްލޫރި ޖަހާފައި އެތެރެ ފެންނަ ގޮތަށް ހުރި ކެފޭގެ ބޭރުގެ ފަރުމާ ވަރަށް ހިތްގައިމެވެ. ބޮޑަށް ވައްތަރީ ތުރުކީ ސަރަހައްދުގައި ހުންނަ ކަހަލަ ސައިޑް ވޯކް ކެފޭއަކާއެވެ. ސައިކަލު އަނބުރައިލާފައި، ގޮސް އެ ދިމާ މަގުގައި ޕާކުކޮށްލާފައި، ޒަރޫން ކޮތަޅުތައް ހިފައިގެން ފޭބިއެވެ. އެއަށް ފަހު، އޭނާ ގޮސް ކެފޭއަށް ވަންނަ ދޮރު ކައިރީގައި މަޑުކޮށްލަމުން ކެފޭގެ ނަން ބޯޑަށް ބަލައިލިއެވެ. ރީތި ފޮންޓަކުން އުރުދޫއިން ޑިޒައިންކޮށްފައި ވިޔެއްކަމަކު ލިޔެފައިވި އެއްޗެއް ކިޔައިލާކަށް އުނދަގުލެއް ނުވިއެވެ.
"ތަސްކީން...." ޒަރޫންއަށް ކެފޭގެ ނަން ކިޔައިލެވުނެވެ.
(ނުނިމޭ)