މާލޭ މަގުމަތިން މީހެއްގެ އަތުން ސައިކަލަކާއި، އައިފޯނަކާއި 5,300 ޑޮލަރުގެ ޗެކެއް އަތުލި މައްސަލައިގައި ކުށްވެރިވި ތިން މީހުން ޖުމްލަ ދޮޅު ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ސ. ހިތަދޫ، އެބީވިލާ، ޢަލީ އަކުރަމް އާއި، ސ. ހިތަދޫ، ފާނަވިލާގެ، ޙަސަން ޢަލީމް ޒުހުރީގެ އިތުރުން ސ. ހިތަދޫ، ގުލްބަކާގެ، މުޙައްމަދު ނާޒިޝް ނާޒިމްގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ އޮގަސްޓް 8، 2024ވީ ދުވަހުގެ ހަވީރު 18:20 ހާއިރެވެ. އެ ވަގުތު، ސައިކަލުގައި ރަށްދެބައިމަގު ހޮބީސްޓް ފިހާރަ ކައިރިން ދުއްވާފައި ދިޔަ މީހަކު ސައިކަލު މަޑުކޮށްލި ވަގުތު، އަކުރަމް ވަނީ އެ ސައިކަލުގެ ފަހަތަށް އަރާފައެވެ. އަދި ނާޒިޝް އާއި ޒުހުރީ އިތުރު ދެ ސައިކަލުގައި ފަހަތުން އައިސް، އެ މީހާގެ އަތުގައި އޮތް 5,300 ޑޮލަރުގެ ޗެކެއް އަތުލައި، ގ. ބްލޫގެ ކައިރިއަށް ސައިކަލު މަޑުކުރުމުން އެ މީހާ ދުއްވި ސައިކަލާއި، އެ ސައިކަލުގެ ތަޅުދަނޑިއާއި އައިފޯން 15 ޕްރޯ މެކްސް ފޯނު ވަނީ އަތުލައިގެން ގޮސްފައެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ތުހުމަތުކުރެވޭ ތިން މީހުން ވެސް ވަނީ އަމިއްލަ އިޚްތިޔާރުގައި ކުށަށް އިއުތިރާފުވެފައެވެ. އަދި އަތުލައިގަތް މުދާ އަނބުރާ ވެރިފަރާތަށް ރައްދުކޮށްދީފައިވާތީ، ގާނޫނުލްޢުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ވަނީ އެއް ދަރަޖަ ދަށްކޮށްފައެވެ.
ގާޟީ އިބްރާހީމް އިޙްސާން ބެއްލެވި މި މައްސަލައިގައި އަކުރަމް އެއް އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ. ނަމަވެސް ތަހުގީގުގައި ބަންދުގައި ހޭދަކުރި 46 ދުވަސް އުނިކުރުމަށްފަހު، ބާކީ އޮތް 11 މަހާއި އެއް ދުވަހުގެ އަދަބު ވަނީ 66,200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. މި ފައިސާ 18 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާފައެވެ.
ޒުހުރީގެ މައްޗަށް އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި 46 ދުވަސް އުނިކުރުމަށްފަހު، ބާކީ އޮތް އަށް މަހާއި ދެ ދުވަހުގެ އަދަބު ވަނީ 48,400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. މި ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާފައެވެ.
ނާޒިޝް ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ. އޭނާ ބަންދުގައި ހޭދަކުރި 65 ދުވަސް އުނިކުރުމަށްފަހު، ބާކީ އޮތް ހަތް މަހާއި 13 ދުވަހުގެ އަދަބު ވަނީ 44,600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. މި ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާފައެވެ.
އެހެންކަމުން އެ ތިން މީހުން ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު 159،200 ރުފިޔާއަށް އަރައެވެ.
ޖަލު ޙުކުމުގެ ބާކީ ބައި ޖޫރިމަނާއަށް ބަދަލުކޮށް، ބަންދުގެ މުއްދަތު އުނިކުރުމުން، މި ތިން މީހުންގެ މައްޗަށް ވެސް މިހާރު ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނެތްކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ހިމެނޭ ނާޝިޒަކީ، ރެކޯޑްތައް ދައްކާ ގޮތުން ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރުގެ މައްސަލައިގައި ކުށް ސާބިތުނުވެ ދޫކޮށްލި މީހެކެވެ. އޭނާގެ މައްޗަށް ކުރިން މަސްތުވާތަކެތީގެ ބައެއް މައްސަލަތައް ސާބިތުވެފައި ވެސް އެބަހުއްޓެވެ.