ދިވެހި ޕްރިމިއާ ލީގުގެ ތާރީޚީ ދުވަހެއް: ފުރަތަމަ ފަހަރަށް އެއް ދުވަހެއްގައި 3 މެޗު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫއާ ދެކޮޅަށް އެ ރަށުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އެ ރަށުގައި ތަމްރީނު ފުރިހަމަކުރަނީ--

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދަކީ (12 ސެޕްޓެމްބަރު 2026) ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައިވެސް ރަން އަކުރުން ފަވައިލެވޭނެ ޚާއްޞަ ދުވަހެކެވެ. މިއީ ލީގުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެއް ދުވަހެއްގެ ތެރޭގައި ލީގުގެ ތިން މެޗު ކުޅެވިގެންދާ ފުރަތަމަ ފަހަރެވެ. އަދި އެއް ދުވަހެއްގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައި ލީގުގެ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗުތަކަށް ބަލާއިރު، ދުވަހުގެ ފުރަތަމަ މެޗު ހަވީރު 15:30 ގައި ފެށުމަށް ހަމަޖެހިފައިވަނީ ގދ. ގައްދޫ ސްޓޭޑިއަމްގައެވެ. އަމިއްލަ ދަނޑުގައި ގދ. ގައްދޫ ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެވެ.

ދެވަނަ މެޗު ހަވީރު 16:00 ގައި މާލޭގެ ގަލޮޅު ރަސްމީ ދަނޑުގައި ފެށޭއިރު، ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ބިސް ބުރު ސްޕޯޓްސް ކުލަބެވެ. އަދި މިއަދުގެ ފަހު މެޗުގައި މިރޭ 21:00 ގައި ގަލޮޅު ދަނޑުގައި ވާދަކުރާނީ ބިސް ބުރު ސްޕޯޓްސް ކްލަބާއި، ގައުމީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗުގެ ތަފްސީލު--

މިއީ ދިވެހި ޕްރިމިއާ ލީގުގެ ތާރީޚުގައި ވެސް އެއް ދުވަހެއްގައި ތިން މެޗު ކުޅޭ ފުރަތަމަ ފަހަރެވެ. މީގެކުރިން އެއް ދުވަހެއްގައި އެންމެ ގިނައިންވެސް ކުޅުނީ ދެ މެޗެވެ. މިފަހަރުގެ ލީގު ތަފާތުވާ އެއް ކަމަކީ ހޯމް އެންޑް އަވޭ ފޯމެޓަށް ލީގު ބައްޓަންކޮށްފައި އޮތުމެވެ. އެއާއެކު ގަލޮޅު ދަނޑަށް ހަމައެކަނި ބަރޯސާވެގެން މީގެކުރިން ކުޅުނު ލީގު މެޗުތައް އަތޮޅުތެރޭގެ ދަނޑުގައި ކުޅެވިގެންދާނެ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ޖުމްލަ ދެ މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން އޮޑި ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް އެންމެ ފަހުން ފަސްް ސީޒަނުގައި ވެސް ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަނުން ވަނީ މޮޅަކާއެކު ލީގު ފަށާފައެވެ. އަދި ޓީސީ ސްޕޯޓްސް ކްލަބް 5-1 ގެ ނަތީޖާއަކުން ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބު ވަނީ ބޮޑު މޮޅަކާއެކު ލީގު ފަށާފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ 2026-27 ސީޒަނުގައި ވާދަކުރާ 10 ކްލަބަކީ:

  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް
  • ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް
  • ކްލަބް އީގަލްސް
  • ވިކްޓަރީ ސްޕޯޓްސް ކްލަބް
  • އޮޑި ސްޕޯޓްސް ކްލަބް
  • ބުރު ސްޕޯޓްސް ކްލަބް
  • ޓީސީ ސްޕޯޓްސް ކްލަބް
  • ބިސް ބުރު ސްޕޯޓްސް ކްލަބް
  • ގދ. ގައްދޫ ރެކްރިއޭޝަން ކްލަބް
  • ހއ. ދިއްދޫ ސްޕޯޓްސް ކްލަބް

ދިވެހި ޕްރިމިއާ ލީގުގެ އާ އޮނިގަނޑު ރޭވިފައިވަނީ މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކޮށް، މުބާރާތުގެ ވާދަވެރިކަން ބޮޑުކުރެވޭނެ ގޮތަށެވެ. މީގެ ކުރިން 8 ޓީމު ވާދަކުރި ލީގުގައި މިހާރު ޖުމްލަ 10 ޓީމު ކުޅޭއިރު، މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ހޯމް އެންޑް އަވޭ އުސޫލުން މާލޭގެ ގަލޮޅު ރަސްމީ ދަނޑުގެ އިތުރުން އަތޮޅުތެރޭގެ ދަނޑުތަކުގައެވެ.

ލީގުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ޓީމެއް އަނެއް ޓީމަކާ ދެ ފަހަރު ބައްދަލުކުރާ ގޮތަށެވެ. މުޅި ލީގުގައި ކޮންމެ ކްލަބަކުންވެސް 18 މެޗު ކުޅޭނެއެވެ. ލީގުގެ ބުރުތައް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގު ޗެމްޕިއަންކަން ލިބޭއިރު، އެ ޓީމަކަށް އޭއެފްސީ ޗެލެންޖް ލީގުން ޖާގަ ލިބިގެންދާނެއެވެ. މީގެ އިތުރުން ލީގު ތާވަލުގެ ކުރީގައި ނިންމާ ގަދަ ޓީމުތަކަށް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭނެއެވެ.

comment ކޮމެންޓް