އޯޕަންއޭއައި އޭޖެންޓުން ރޫބީޖެމްސްއަށް ވެސް ހަމަލާދިންކަން އެނގިއްޖެ

ދިރާސާވެރިން ބުނި ގޮތުގައި ރޫބީޖެމްސް އަށް ސައިބާ ހަމަލާދީފައި ވަނީ އޯޕަންއޭއައިގެ އޭޖެންޓުން ---

އޯޕަންއޭއައި ކުންފުނިން ޓެސްޓުކުރަމުން ދިޔަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޭޖެންޓުތަކެއް، އޯޕަން ސޯސް ޕްލެޓްފޯމެއް ކަމަށްވާ ހަގިންގ ފޭސް ހެކްކުރުމުގެ ކުރިން، ސޮފްޓްވެއާ ޚިދުމަތެއް ކަމަށްވާ ރޫބީޖެމްސްއަށް ވެސް ހަމަލާދީފައިވާކަން ދިރާސާކުރާ ފަރާތްތަކުން ހޯދި ހޯދުންތަކުން އެނގިއްޖެއެވެ.

ދިރާސާވެރިން ބުނި ގޮތުގައި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ރޫބީޖެމްސްއަށް ސައިބާ ހަމަލާދީ އެތައް ސަތޭކަ ގެއްލުންދެނިވި ޕެކޭޖުތަކެއް އަޕްލޯޑްކޮށްފައި ވަނީ އޯޕަންއޭއައިގެ އޭޖެންޓުންނެވެ. މިފަދަ ހާދިސާތައް ފެންމަތިވަމުން އަންނާތީ، އޭއައި ސިސްޓަމްތައް ކޮންޓްރޯލް ކުރުމުގެ ގާބިލުކަމާމެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، އޭއައިއަށް ހަރުކަށި އުސޫލުތަކެއް ކަނޑައެޅުމަށް ގޮވާލާ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

މި ހާދިސާ ހާމަވެފައި މިވަނީ، ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ އޭއައި ސިސްޓަމްތަކުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅު ނެތިގެން ހިނގައިދާނެ ކަމަށް ބުނެ އެންތްރޮޕިކްގެ ދެ ރިސާޗަރަކު އިންޒާރު ދިނުމާ ގުޅިގެން، އޭއައި ކޮންޓްރޯލް ކުރާނެ އައު ގަވާއިދުތަކެއް އެކުލަވައިލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

https://sun.mv/226983

އޯޕަންއޭއައި އިން ވަނީ މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދީފައެވެ. އެ ކުންފުނީގެ ތަރުޖަމާނަކު ބުނި ގޮތުގައި އެ ކުންފުނީގެ އޭޖެންޓުތައް ރޫބީޖެމްސް ބޭނުންކޮށްފައިވަނީ އާންމުކޮށް ލިބެން ހުންނަ މައުލޫމާތު ހޯދުމަށާއި އާދައިގެ މަސައްކަތްތަކެއް ކުރުމަށް އިންޓަނެޓަށް ވަނުމަށެވެ. އަދި އޭއައި މޮޑެލްތައް ތަމްރީނުކުރުމާއި ވަޒަންކުރުމުގެ މަރުހަލާގައި ހިނގާ ކަންކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިކަމާ ގުޅޭގޮތުން ރޫބީޖެމްސްއާ ވާހަކަދައްކަމުން އަންނަ ކަމަށްވެސް އޯޕަންއޭއައި އިން ބުނެފައިވެއެވެ.

އާންމުކޮށް ރިޕޯޓު ތައްޔާރުކުރުމާއި ސްޕްރެޑްޝީޓް ފުރުން ފަދަ ކަންކަން ހަވާލުކުރާ މި އޭޖެންޓުން، ރޫބީޖެމްސް ބޭނުންކޮށްފައިވަނީ ތަމްރީނު ދިނުމުގެ ތެރޭގައި ޑޭޓާ އެއްކުރުމަށް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ހިއްސާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ އޯޕަންއޭއައިގެ ވާދަވެރި އެންތްރޮޕިކް ކުންފުނިންވެސް ވަނީ އެ ކުންފުނީގެ އޭއައި މޮޑެލްތަކުން ބޭރުގެ ސިސްޓަމްތަކަށް ހަމަލާދިން ހަތަރު ހާދިސާއެއް މިދިޔަ ބުދަ ދުވަހު ހާމަކޮށްފައެވެ. އޯޕަންއޭއައިއަށް ބަލާއިރު މިއީ އެ ކުންފުނީގެ އޭޖެންޓުން ބޭރުގެ އިންފްރާސްޓްރަކްޗާއަކަށް ހަމަލާދިން މިފަދަ ތިންވަނަ ބޮޑު ހާދިސާއެވެ. މީގެ ކުރިން އޯޕަންއޭއައިގެ އޭޖެންޓުތަކެއް ވަނީ ޖަރުމަނު ބަހުގެ ވިކީ ސައިޓެއް ކޮންޓްރޯލްކޮށް، ޓެސްޓުތަކުން މަކަރު ހެދުމަށްޓަކައި އެ ސައިޓް މެސެޖިން ޕްލެޓްފޯމަކަށް ބަދަލުކޮށްލާފައެވެ. ޖުލައި މަހު ހަގިން ފޭސް ހެކްކުރި މައްސަލަ ހައްލުކުރުމުގެ ތެރޭގައި އެ މައްސަލަ އޯޕަންއޭއައިއިން ބޭއްވީ ސިއްރުކޮށްފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މެއި މަހު ރޫބީޖެމްސްއަށް ދިން ހަމަލާގައި، އެ ސައިޓުގެ ސާވަރުތަކުގައި ކުރިން އެނގިފައިނުވާ ސެކިއުރިޓީ ބަލިކަށިކަމެއްގެ ބޭނުން ހިފައިގެން ޔޫޒަރުންގެ ލޮގިން މައުލޫމާތު ވަގަށް ނަގަން އޭއައި އޭޖެންޓުން މަސައްކަތްކޮށްފައިވެއެވެ. މީގެ އިތުރުން ކޯޑު ޑޮކިއުމެންޓޭޝަން ހަދާ ސައިޓެއް ކަމަށްވާ ރޫބީޑޮކް.އިންފޯގެ ބޭނުން ހިފައި، އެ ސައިޓުގެ ސާވަރުތަކުގައި އަމިއްލަ ކޯޑު ރަންކުރަންވެސް މަސައްކަތްކޮށްފައިވެއެވެ.

އޭއައި ރިސާޗަރުން ކަމަށްވާ ސްޕެންސާ ކިޓްސް، ތޯމަސް ލާސަން އަދި ސިޑްނީ ވޮން އާކްސް ބުނެފައިވަނީ، އޭއައި އޭޖެންޓުން މިފަދަ ގޮތަކަށް އަމަލުކުރަން ނިންމީ ކީއްވެގެން ކަމެއް އަދި އެކަން އެމީހުންނަށް ކާމިޔާބުވި ކަމެއް ސާފުނުވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ރޫބީޖެމްސްއިން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ، ހިންގި ތަހުގީގުން އެއްވެސް ޔޫޒަރެއްގެ މައުލޫމާތު ވަގަށް ނެގިފައިވާކަމުގެ ހެއްކެއް ފެނިފައިނުވާ ކަމަށެވެ. އަދި ޝާއިއުކުރި ޕެކޭޖުތަކަކީ އޭއައި އޭޖެންޓުން އުފައްދައި ނުވަތަ އަޕްލޯޑްކުރި އެއްޗެއްކަން ކަށަވަރު ނުކުރެވޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެ ދުވަސްވަރު ރޫބީޖެމްސްގެ ސެކިއުރިޓީ ޓީމުން ވަނީ އެއީ ނުރައްކާތެރި ބޮޑު ހަމަލާއެއް ކަމަށް ސިފަކޮށް، އައު އެކައުންޓް ހެދުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މި ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ވޯލް ސްޓްރީޓް ޖާނަލްގައެވެ.

comment ކޮމެންޓް