ދުނިޔޭގެ ފެޝަންގެ ތާރީޚު ބަދަލުކޮށްލި، ޕްރިންސަސް ޑަޔާނާގެ ތާރީޚީ "ރިވެންޖް ޑްރެސް" ގާތްގަނޑަކަށް 30 އަހަރަށްފަހު އަނެއްކާވެސް ނީލަމުގައި ވިއްކާލުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ތެރޭގައި ހިނގައިދިޔަ ހަލަބޮލި ހާދިސާތަކާ ގުޅިފައިވާ ކަޅު ކުލައިގެ މި ސިލްކް ހެދުމަކީ، ފެޝަން ދުނިޔޭގައި އަމިއްލަ ނަފްސުގެ އިތުބާރާއި ވަރުގަދަކަން ދައްކުވައިދިން އެންމެ މަޝްހޫރު އެއް ރަމްޒެވެ.
މަޝްހޫރު އޮކްޝަން ހައުސް ސަދަބީޒްއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ނިއުޔޯކުގައި އޮންނަ ނީލަމެއްގައި މި ހެދުން ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ގްރީކްގެ ފެޝަން ޑިޒައިނަރު ކްރިސްޓީނާ ސްޓެމްބޯލިއަން ފަރުމާކުރި މި ހެދުން 150،000 އާއި 300,000 އެމެރިކާ ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ 1997 ވަނަ އަހަރުގެ ފަހުން މި ހެދުން ނީލަމަށް ހުށަހެޅޭ ފުރަތަމަ ފަހަރެވެ.
މި ހެދުމުގެ ތާރީޚަށް ބަލާއިރު، 1994 ވަނަ އަހަރުގެ ޖޫން 29ގައި ލަންޑަނުގެ ސާޕެންޓައިން ގެލެރީގައި އޮތް ހަފުލާއަކަށް ޑަޔާނާ މި ހެދުމުގައި ވަޑައިގެންނެވީ، ޕްރިންސް ޗާލްސް އެކަމަނާއަށް ބޭވަފާތެރިވިކަމަށް ޓީވީ މެދުވެރިކޮށް ފުރަތަމަ ފަހަރަށް އިޢުތިރާފުވި ރޭގައެވެ. މީޑިއާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނިކޮށް، ކުރިން ތުރުކުރެއްވުމަށް ހަމަޖެއްސެވި ވެލެންޓީނޯގެ ހެދުން ބަދަލުކުރައްވައި، ކޮނޑުކެނޑި މި ކަޅު ކުލައިގެ ހެދުމުގައި ވަޑައިގަތުމުން އެ ހެދުމަށް "ރިވެންޖް ޑްރެސް"ގެ ނަމުން ނަންދެވުނެވެ. މި ހެދުމާއެކު ޑަޔާނާ ބޭނުންކުރެއްވި ގަހަނާތަކަކީވެސް މާނަފުން މެސެޖެއް ދިން ތަކެއްޗެވެ. ޚާއްސަކޮށް، ރާނީގެ މަންމާފުޅު (ކުއީން މަދާ) އެކަމަނާއަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދެއްވި އަލިމަހާއި ނީލަން ގަލުގެ ބްރޯޗް ބޭނުންކޮށްގެން ހަދާފައިވާ ފަށާއި، ކަޅު އުސް ބޫޓު އަދި ކުޑަ ދަބަހުން އެކަމަނާގެ ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.
ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި "ރިވެންޖް ޑްރެސް"--ފޮޓޯ/ފެޝަންނެޓްވޯކްސަދަބީޒްގެ ފެޝަން އެންޑް ހޭންޑްބޭގްސްގެ އިސްވެރިޔާ މޯގަން ހަލީމީ ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ރީތިވުމުގެ ބަދަލުގައި، އަންހެނުންނަށް އަމިއްލަ ނަފްސުގެ އިތުބާރު ދިފާއުކުރުމަށް ފެޝަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަން ދައްކުވައިދިން ތާރީޚީ ހެއްކެކެވެ. މާ ބޮޑަށް ހާމަކަން ބޮޑު ހެދުމެއް ކަމަށް ފެނިވަޑައިގަތުމުން ތިން އަހަރު ވަންދެން އަލަމާރީގައި ބޭއްވުމަށްފަހު، ޑަޔާނާގެ ސްޓައިލިސްޓް އޭން ހާވޭ ފަހުން ހާމަކުރިގޮތުގައި އެރޭ އެކަމަނާ ބޭނުންފުޅުވީ "އިންތިހާއަށް ފުރިހަމައަށް" ފެންނާށެވެ.
މި ހެދުން އެންމެ ފަހުން ވިއްކާލާފައިވަނީ 1997ގައި ކެންސަރާއި އެއިޑްސް ބައްޔަށް ފަރުވާކުރާ ޗެރިޓީތަކަށް ފައިސާ ހޯދުމަށް ޑަޔާނާ އަމިއްލަފުޅަށް އިސްނަންގަވައިގެން ބޭއްވި ނީލަމެއްގައެވެ. މިފަހަރުގެ ނީލަމުން ލިބޭ ފައިސާގެ ބައެއް އެޑިންބަރާގެ ރޯޔަލް ހޮސްޕިޓަލުގެ 'އެންއެޗްއެސް ލޯތިއަން ޗެރިޓީ'އަށް ހަދިޔާކުރަން ހަމަޖެހިފައިވާއިރު، 90ގެ އަހަރުތަކުގެ ފަހުކޮޅު ޕޭސްލީ މިއުޒިއަމްގައި ދައްކާލިތާ ގާތްގަނޑަކަށް 30 އަހަރު ފަހުން މި ހެދުން އަނެއްކާވެސް އާންމުންނަށް ފެންނާނެހެން ދައްކާލެވޭނެއެވެ.
ޕްރިންސަސް ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު، ފްރާންސްގެ ޕެރިސްގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ. ނޫސްވެރިންނާއި ފޮޓޯގްރާފަރުން (ޕަޕަރާޒީން) ތަންކޮޅެއް ކައިރިން ފޮޓޯނަގަން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާގައި، އެކަމަނާގެ އުމުރުން އެންމެ 36 އަހަރުގައި އަވަހާރަވުމަކީ މުޅި ދުނިޔެއަށް ބޮޑު ސިހުމެއް ލިބިގެންދިޔަ ހިތާމަވެރި ހާދިސާއެކެވެ.
އަވަހާރަވިތާ ދިގު މުއްދަތެއް ވެފައިވީ ނަމަވެސް، "ރައްޔިތުންގެ ޕްރިންސަސް"ގެ ނަމުން މަޝްހޫރުވި ޑަޔާނާގެ މަޤްބޫލުކަމަށް މިއަދުވެސް އެއްވެސް އުނިކަމެއް ނާދެއެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އެކަމަނާ ދެއްކެވި އާދަޔާޚިލާފު އޯގާތެރިކަމާއި، ޝާހީ އާއިލާގެ އާދަކާދަތަކުގެ ތެރެއިން އާންމު ރައްޔިތުންނާ ބެހެއްޓެވި ގާތްގުޅުމުގެ ސަބަބުން އެކަމަނާ ވަނީ މުޅި ދުނިޔޭގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައެވެ. މިއަދުވެސް ފެޝަންގެ ދުނިޔެއާއި، އިޖުތިމާއީ ޚިދުމަތްތަކުގައި ޑަޔާނާގެ ނަންފުޅަކީ ނަމޫނާއެއްގެ ގޮތުގައި ދެމިއޮތް ތާރީޚީ ޝަޚްސިއްޔަތެކެވެ.