އައިފޯނުގެ އާ އޭއައި ފީޗާތަކާއެކު ޒާތީ މިނިވަންކަމަށް ބޮޑެތި ސުވާލުތަކެއް

ޔޫޒަރުންގެ އަޑު ރެކޯޑުކޮށް ރައްކާނުކުރާ ކަމަށާއި އަސްލު އޯޑިއޯއަށް އެއްވެސް ބަޔަކަށް ވަދެވި ބޭނުން ނުކުރެވޭނެ ކަމަށް މީގެކުރިން އެޕަލްއިންވަނީ ބުނެފައި ---

އެޕަލް ކުންފުނިން އަބަދުވެސް ބާރުއަޅަނީ ޔޫޒަރުންގެ ޒާތީ މައުލޫމާތާއި ޕްރައިވަސީ ރައްކާތެރިކުރުމަށް ކަމަށް ބުނަމުން އައި ނަމަވެސް، އެ ކުންފުނިން އެންމެ ފަހުން ތައާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީތަކާއެކު، މިއީ ފަސޭހައަކަށް ކުރާ ކަމެއްތޯ ނުވަތަ ފާރަލުމެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

އެޕަލްގެ އެންމެ ފަހުގެ ހަރަކާތުގައި ތައާރަފުކުރި "ސިރީ އޯޑިއޯ އިންޓެލިޖެންސް" އަކީ ޑިވައިސްތަކުން މީހުން ދައްކާ ވާހަކަތައް އަބަދުވެސް އަޑުއަހައި، އެ ވާހަކަތައް ޕްރޮސެސްކޮށް، ދުވަހުން ދުވަހަށް ކުރެވޭ މުއާމަލާތްތައް ފަސޭހައިން ސާޗްކުރެވޭނެ ގޮތަށް ހުލާސާކޮށްދޭ ފީޗާއެކެވެ. މިއީ މަސައްކަތްތައް ހަލުވިކޮށް ލުއިފަސޭހަކޮށްދޭ ވަސީލަތެއްގެ ގޮތުގައި އެޕަލްއިން ވަނީ ސިފަކޮށްފައެވެ.

މި ނިޒާމުގެ ތެރޭގައި ހިމެނޭ "ސިރީ ރީކެޕް" މެދުވެރިކޮށް ދުވާލުގެ އެކި ވަގުތުތަކުގައި ދެކެވޭ ވާހަކަތަކުގެ ނޯޓްސް ނަގައި، އެޕަލް އިންޓެލިޖެންސް ބޭނުންކޮށްގެން އޭގެ ސަމަރީ ހަދައިދެއެވެ. އަދި "ލައިވް ރީވައިންޑް" ފީޗާގެ ސަބަބުން ދެކެވުނު ވާހަކައެއްގެ އެންމެ ފަހު 15 ސިކުންތު ސޭވްކޮށްދީ، އަޑުނީވި ދިޔަ ވާހަކައެއް އަލުން އަޑުއަހާލުމުގެ ފުރުސަތު ލިބެއެވެ. މީގެއިތުރުން މިގޮތަށް ރެކޯޑުކުރެވޭ ވާހަކަތައް ހަތް ދުވަހުގެ މުއްދަތަކަށް، ނުވަތަ ސިރީ އެޕާއި އައިކްލައުޑް މެދުވެރިކޮށް މުއްދަތެއް ނެތި ރައްކާކޮށްފައި ބެހެއްޓުމުގެ އިހުތިޔާރުވެސް ލިބިގެންދެއެވެ.

މޫނު ދެނެގަންނަ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާއި މެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުން ---

ޔޫޒަރުންގެ އަޑު ރެކޯޑުކޮށް ރައްކާނުކުރާ ކަމަށާއި އަސްލު އޯޑިއޯއަށް އެއްވެސް ބަޔަކަށް ވަދެވި ބޭނުން ނުކުރެވޭނެ ކަމަށް ބުނެ ޕްރައިވަސީ ރައްކާތެރިކޮށްދޭ ކަމަށް އެޕަލްއިން ދަައުވާކުރެއެވެ. ނަމަވެސް އެ ބަޔާނުގައި ޔޫޒަރުންނަށް އެމީހުން ދެއްކި ވާހަކަތަކާ ބެހޭގޮތުން ސިރީއާ ސުވާލުކުރެވޭނެ ކަމަށާއި، ޓްރާންސްކްރިޕްޓްތައް ހިއްސާކޮށް އައިކްލައުޑަށް ސޭވްކުރެވޭނެ ކަމަށް ބުނެފައިވުމުން، އަޑު ރައްކާނުކުރާ ކަމަށް ބުނަމުން ދެއްކި ވާހަކަތައް ހަނދާނުގައި ބަހައްޓާ ނިޒާމެއް ގާއިމުކުރުމަކީ ފުށުއެރުމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެއެވެ.

މި އާ ފީޗާތައް ނެރުމުގެ މަދު މަސްތަކެއް ކުރިން، އެޕަލްއިން ވަނީ އަޑު ޕްރޮސެސްކުރުމާއި މޫނުމަތީގެ ހަރަކާތްތައް ދެނެގަތުމަށް ހާއްސަ އިސްރާއީލުގެ އޭއައި ސްޓާޓަޕެއް ކަމަށްވާ "ކިއު ޑޮޓް އޭއައި" ގަނެފައެވެ. މި ކުންފުންޏަކީ މީހުން ވާހަކަދައްކާ ގޮތާއި، އެމީހުންގެ އިހުސާސްތަކާއި، ހިތުގެ ވިންދާއި ނޭވާލުމުގެ ނިޒާމު ފަދަ ޖިސްމާނީ ސިގްނަލްތައް މޫނުމަތީގެ ކުދި ހަރަކާތްތަކުން ދެނެގަންނަ ޓެކްނޮލޮޖީ އުފައްދާ ފަރާތެކެވެ. އެޕަލްގެ ފޭސް އައިޑީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރި ޕްރައިމްސެންސް ކުންފުނީގެ ފަހަތުގައިވެސް ހުރި އަދި ކިއު ޑޮޓް އޭއައިގެ ބާނީ އަވިއާދް މައިޒެލްސް ވަނީ، އެޕަލްއާ އެކު ވެވުނު މި އެއްބަސްވުމަކީ އާދަޔާޚިލާފު ގިނަ ފުރުސަތުތަކެއް ހުޅުވިގެންދިޔަ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މޫނު ދެނެގަންނަ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާއި، ލޮކޭޝަން ޑޭޓާ އަދި އުޅުމާއި ގުޅުންހުރި މައުލޫމާތު އެއްކޮށްލުމުގެ ބާރު ސަރުކާރުތަކަށް ލިބިގެންދިއުމަކީ ހަމައެކަނި ސަލާމަތީ ކަމެއް ނޫން ކަމަށާއި، މިއީ އަމިއްލަ ފަރުދުންގެ ދިރިއުޅުމުގެ މައްޗަށް ބާރުވެރިކަން ފޯރުވުމަށް ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.

comment ކޮމެންޓް