ދަތުރުތަކަށް ބުރޫ އެރުމުން، ރާއްޖެއަށް އަންނަން އުޅުނު އިނގިރޭސި ދެމަފިރިއެއްގެ ހަނީމޫން ދަތުރު މަޑުޖެހިއްޖެ

ރާއްޖެއަށް ހަނީމޫނަށް އަންނަން އުޅުނު ދެމަފިރިން އެއާޕޯޓް ތަޅުމުގައި މެޓް އަޅައިގެން ނިދަނީ--

ރާއްޖެއަށް ހަނީމޫނަށް އަންނަން އުޅުނު އިނގިރޭސި ދެމަފިރިއަކު، އިނގިރޭސިވިލާތުގެ ވައިގެ ދަތުރުފަތުރު ކޮންޓްރޯލްކުރާ ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ލަންޑަންގެ ސްޓޭންސްޓެޑް އެއާޕޯޓުގައި ތާށިވެއްޖެއެވެ.

ލިންކަންއަށް ނިސްބަތްވާ ސޭމް ސްޓޭންސްފީލްޑް އަދި އޭނާގެ ފިރިމީހާ ޑޭން ރާއްޖެއަށް ފުރަން ހަމަޖެހިފައި އޮތީ އަންގާރަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ގަޑިން 21:45 ގައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ސާވިސް (ނެޓްސް) އަށް ދިމާވި މައްސަލައަކާ ގުޅިގެން ފްލައިޓްތައް ޑިލޭވުމުގެ ސަބަބުން، އެ މީހުންނަށް ޖެހުނީ އެއާޕޯޓުގެ ތަޅުމުގައި މެޓް އަޅައިގެން ނިދާށެވެ.

https://www.sun.mv/227173

މި މައްސަލައިގެ ސަބަބުން އިނގިރޭސިވިލާތުގެ އެކި އެއާޕޯޓުތަކުގައި އެތައް ހާސް ބަޔަކު ވަނީ ތާށިވެފައެވެ. ސޭމް ބުނި ގޮތުގައި އެއާޕޯޓުން މެޓްތައް ގެނެސްދިނީ ރޭގަނޑު 1:00 ހާއިރުއެވެ. އަދި އެއީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށާއި، އެއާޕޯޓުގައި މީހުން ގިނަވެގެން ގޮސް ހިނގާބިނގާވެ އުޅެން ވެސް ދަތިވި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ބީބީސީ ނިއުސް ވެބްސައިޓުން ހީތުރޯ އަދި ގެޓްވިކް އެއާޕޯޓުގެ ހާލަތު ބެލުމަށް ފަހު، މި މައްސަލަ ގޯސްވެފައިވާ މިންވަރު އެނގުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އެއް އަހަރު ދުވަހު އިންތިޒާރުކުރުމަށް ފަހު ރާއްޖެއަށް ކުރާ މި ދަތުރަކީ އެންމެ ހަތަރު ދުވަހުގެ ދަތުރެކެވެ. ސޭމް ބުނި ގޮތުގައި ދަތުރު ކުރުކޮށްލަން ޖެހުނީ ކުދިންނާ ދުރުގައި ގިނަ ދުވަހު ހުންނަން ބޭނުން ނުވާތީއާއި، އޭނާއަކީ ކުދިން ބަލަހައްޓާ މީހަކަށް ވުމުން އެހެން މީހުންނަށް ދަތިވާން ބޭނުން ނުވާތީއެވެ. ބުދަ ދުވަހުގެ ހަވީރު 17:30 ގައި ފުރާ ފްލައިޓަކުން އެ މީހުންނަށް ޖާގަ ހަމަޖެހިފައިވާ ކަމަށް އީމެއިލް މެދުވެރިކޮށް އަންގާފައިވީ ނަމަވެސް، މި ލަސްވުމުގެ ސަބަބުން އަބޫދާބީން ނަގަންޖެހޭ ކަނެކްޓިން ފްލައިޓް ވަނީ ގެއްލިފައެވެ. އެހެންކަމުން އަބޫދާބީގައި އިތުރު ހަ ގަޑިއިރާއި ބައި ވަންދެން އެ މީހުން މަޑުކުރަން ޖެހޭނެއެވެ.

ކައިވެނީގެ ފޮޓޯ ޖަހާފައިވާ ހުޑީއެއް ލައިގެން ހުރި ސޭމް ބުނީ، މިކަމާ ގުޅިގެން އޭނާއަށް ރޮވުނު ކަމަށެވެ. ނަމަވެސް ސްކެގްނެސްއަށް ދިއުމަށް ވުރެ ރާއްޖެއަށް ދިއުން މާ ރަނގަޅުވާނެ ކަމަށާއި، ފަހުން މިކަމާ މެދު ހީނލެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ނެޓްސްގެ ވެރިޔާ މާޓިން ރޯލްފް ވަނީ މާފަށް އެދިފައެވެ. އޭނާ ބުނި ގޮތުގައި މި މައްސަލަ ހައްލުކުރަން އުންމީދުކުރި ވަރަށް ވުރެ ގިނަ ވަގުތު ނެގިއެވެ. އަދި މިކަން ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ހައިޑީ އެލެގްޒެންޑާ ވަނީ ބުދަ ދުވަހު ބާއްވާ ބައްދަލުވުމަކަށް ރޯލްފް ހާޒިރުކުރައްވަން ނިންމަވާފައެވެ. މި ބައްދަލުވުމުގައި، ދިމާވި މައްސަލައާއި އެކަމަށް އިޖާބަދިން ގޮތާ ގުޅޭގޮތުން ސުވާލުކުރައްވާނެއެވެ. މީގެ އިތުރުން، މިއީ ސައިބާ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވައި، އެކަން ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ހައިޑީ އަންގަވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް