މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި އިމާރާތްކުރުމަށް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
އެމްއެމްއޭ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮޖެކްޓުގައި 8،064 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ އިމާރާތުގައި އޮފީސް އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައިގެ އިތުރުން، ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ބޭނުންވާ ޚާއްސަ ތަންތަނާއި، ޓްރެއިނިން އަދި ކޮންފަރެންސް ހޯލެއް ވެސް ހިމެނެއެވެ. އޭގެ އިތުރުން މާލީ އިދާރާތަކަށް ޚާއްސަ އޮފީސް ޔުނިޓްތަކެއް ވެސް ހިމެނެއެވެ.
އެމްއެމްއޭއިން ވަނީ ހުޅުމާލޭގައި އާ އިމާރާތެއް އެޅުމަށް ނިންމާފައި ވަނީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި، ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމުކުރުމަށް އެކަށީގެންވާ ޖާގައެއް ހޯދުމުގެ ބޭނުމުގައި ކަމަށް ބުނެފައެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ 85-90 އިންސައްތައާ ދެމެދު ފައިނޭންސް ހަމަޖައްސަން ޖެހެނީ ކޮންޓްރެކްޓަރެވެ. އަދި ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ފައިސާ އެމްއެމްއޭ އިން ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' އަންނަ މަހުގެ ހަވަނަ ދުވަހުގެ 11:00ގެ ކުރިން އެމްއެމްއޭއަށް ހުށަހަޅަންވާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.