ތެހެރާން (9 ސެޕްޓެމްބަރު 2026): އީރާނަށް ހަމަލާދީ އުދުވާން ހިންގުމުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް ހަމަލާދީ އެ ދެ މަނަވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައިވާ ގޮތުން މި ދެ މަނަވަރުގެ އިތުރުން ހުރުމުޒު ކަނޑުއޮޅީގައި ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދުން ދަތުރުކުރި އަށް ޓޭންކަރަކަށް ވެސް ހަމަލާތައް ވަނީ ދީފައެވެ. މިއީ އެމެރިކާއިން އީރާނުގެ ފަސް ޓޭންކަރަކަށް ހަމަލާދިނުމުން އެކަމަށް ދިން ރައްދެއްކަމަށްވެސް އީރާނުގެ ބަޔާން ބުނެއެވެ.
އެމެރިކާގެ އުދުވާނީ ހަމަލާތަކުގެ ރައްދުގައި، އުރުދުންގައިވާ އެމެރިކާގެ އަސްކަރީ ދެ ބޭސްއަކަށް ވެސް ބަލިސްޓިކް މިސައިލުން ރޭގެ ވަގުތެއްގައި އީރާނުން ހަމަލާދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން އެއް ބޭސްއަކީ އެމެރިކާއިން ސިފައިން ތަމްރީން ކުރުމަށް ބޭނުންކުރާ ތަނެއް ކަމަށާއި އަނެއް ބޭސްއަކީ ހަތިޔާރު ރައްކާކުރުމަށް ބޭނުންކުރާ ތަނެއް ކަމަށް ޚަބަރު ލިބެއެވެ.
މީގެ އިތުރުން ރޭގައި އީރާންވަނީ ހުރުމުޒު ކަނޑުއޮޅި ކައިރިން ދަތުރުކުރި އެމެރިކާގެ ވަރަށް އެޑްވާންސް ސަބްމެރިން އެއްވެސް އަތުލައިގެންފައެވެ. މިއީ މީހުންނާ ނުލައި ދަތުރުކުރާ "އަންމޭންޑް ސަބްމެރިން" އެކެވެ. މި ސަބްމެރިންގެ ޓެކްނޮލޮޖީ އެމެރިކާ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރެވެ. އީރާނުން މި ސަބްމެރިން އަތުލައިގެންފައިވަނީ ސައިބާ ހަމަލާއެއްދީ އޭގެ ކޯޑު ހޯދައި ޓްރެޕްކޮށްގެން ކަމަށް ވެއެވެ.
އީރާނުން އަތުލައިގަތް އެމެރިކާގެ ސަބްމެރިން އެމެރިކާ ވަނީ އީރާނުން މި ސަބްމެރިން އަތުލައިގަތްކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް އެމެރިކާ އަސްކަރީ މަސްއޫލުވެރިއަކު ވަނީ އެ ބާވަތުގެ ސަބްމެރިންގައި ހިމެނޭ އެންމެ އެޑްވާންސް އާލާތްތައް އޭގައި ނުހުންނާނެކަމަށް ބުނެ އެމެރިކާއަށް ޓެކްނޮލޮޖީ ގޮތުން މި ލިބުނު ގެއްލުން ކުޑަވެ އަދި އެމެރިކާ ލަދުން ސަލާމަތްވާފަދަ ގޮތަކަށް ބަޔާނެއް ދެއްވާފައެވެ. މިއީ ކަނޑުއަޑީގައި ރެކޮނައިސެންސް ސަވައިލެންސްކުރުމާއި ސީފްލޯ ޗާޓު ކުރެހުމާއި މައިން ހޯދުމާއި ސަބްމެރިން ކޭބަލްތައް މަރާމާތު ކުރުމާއި ކަނޑުގެ އަޑީގައި އަޅާފައިވާ ހޮޅިތައް ބަލައި މަރާމާތު ކުރުން ފަދަ ހުރިހާ ކަމެއްގައި ހަރަކާތްތެރިވާ ސަބްމެރިންއެއްކަމަށް އެމެރިކާ އެއްބަސްވެއެވެ. މިއީ އެފަދަ ސަބްމެރިންއަކަށްވާއިރު އެކަމަށް ބޭނުންވާ އިލޮކްޓްރޯނިކް ސިސްޓަމްތަކާއި ސާމާނުތައް އޭގައި ނުހުންނާނެކަމަށް އެމެރިކާ ބުނާ ވާހަކަތަކުގެ ހަގީގަތާމެދު ސުވާލު އުފެދޭކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އީރާނުން އެމެރިކާގެ އަގުބޮޑު އަދި ޓެކްނޮލޮޖީގެ ގޮތުން އެޑްވާންސް މި ސަބްމެރިންގެ ރިވާސް އިންޖިނިއަރިންގް ހަދައި އޭގެ ވާޝަންތައް އުފައްދާނެކަމަށާއި އީރާނަކީ ރިވާސް އިންޖިނިއަރިންގްގައި ވަރަށް ކުރިއަރާފައިވާ ގައުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.