ގިނަ އަދަދެއްގެ ޑައިމޯފިން (މަސްތުވާތަކެތި) ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި ރ. މަޑުއްވަރި، ފެހިމާގެ، ޙަސަން ސަފީރުގެ މައްޗަށް ކުށް ސާބިތުވެ، 14 އަހަރާއި ހަ މަސްދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މިއީ 22 ޖަނަވަރީ 2025 ގައި ހުޅުމާލޭގެ ގެސްޓްހައުސްއަކުން ޙަސަން ސަފީރު ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ގ. އަލްމާސްގޭ 4C އެޕާޓްމަންޓާއި ހ. ސްޕޭންވިލާގެ ކޮޓަރިއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ޑައިމޯފިން ފެނުނު މައްސަލައެވެ.
މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާގެ ކުރިން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޙަސަން ސަފީރު ވަނީ އިޢުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައި ކުށަށް އިއުތިރާފުވެފައެވެ. އިއުތިރާފު އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު އަސާސީ އަދަބަކީ 16 އަހަރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. މި ޖޫރިމަނާ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރަންޖެހެއެވެ.
މި މައްސަލައިގައި ދައުވާ ލިބުނު މީހާ، ޙުކުމް ކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި އެއް އަހަރާއި ހަ މަސްދުވަސް ޖަލު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ ސާފު ޖަލު އަދަބަކީ 14 އަހަރާއި ހަ މަސްދުވަސް ކަމަށް ޤާޟީ ޢަލީ ނަދީމް ވަނީ ކަނޑައަޅުއްވާފައެވެ.