ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ސައިޓަކަށް ހުއްދަނެތި ވަދެ، އެ ތަނުގައި ހުރި ކަރަންޓު ނަރު ރޯލުތަކެއް ވަގަށް ނަގަން އުޅުނު މީހެއްގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވެ އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލު ހުކުމް އައިސްފައިވަނީ ޅ. ހިންނަވަރު، ހަވާސާ، ޢަލީ ޙަސީންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ "އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ" އާއި "އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ" އެވެ.
ކޯޓު ހުކުމުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ސައިޓެއްގެ ފެންސް ކަނޑައިގެން، އެތަނުގެ ސެކިއުރިޓީއަށް ނޭނގި ވަދެއެވެ. އަދި އެ ސައިޓުގައި ހުރި ކަރަންޓު ނަރު ރޯލުތަކެއް ވަގަށް ނަގައިގެން ގެންދަން އުޅެނިކޮށް އޭނާ ވަނީ އަތުލައިގެންފައެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޢަލީ ޙަސީން ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަށް ވެސް އިއުތިރާފުވެފައެވެ. އޭނާ އިއުތިރާފުވީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީ، މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ މައްޗަށް ދެ ކުށްވެސް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. އަދަބު ކަނޑައެޅުމުގައި، އޭނާ ކުށަށް އިއުތިރާފުވެފައިވާތީ ޤާނޫނުގައިވާ ގޮތުގެ މަތިން އަދަބުގެ ދަރަޖަ ވަނީ ދަށްކޮށްފައެވެ.
މި ކޭސްގައި، ކޯޓުން ހުކުމް ކުރެއްވީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަށް 27 ދުވަހުގެ ޖަލު ހުކުމެއް އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. މި ދެ ދައުވާއަށް ކަނޑައެޅުނު އަދަބާއެކު، އަލީ ޙަސީން ތަންފީޒު ކުރަންޖެހޭ ޖުމްލަ އަދަބަކީ ދެ މަހާއި 21 ދުވަހުގެ ޖަލު މުއްދަތެކެވެ.