އައިފޯން 18 ޕްރޯ އިވެންޓުން ޓިމް ކުކް ނުފެނިދާނެ: ރިޕޯޓް

ސީއީއޯގެ މަގާމުން ވަކިވި ޓިމް ކުކް އާއި އައު ސީއޯ ޖޯން ޓާނަސް ---

އެޕަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުން ޓިމް ކުކް ވަކިވެވަޑައިގަތުމާ ގުޅިގެން، ސެޕްޓެމްބަރު މަހުގެ ކުރިއަށް އޮތް އައިފޯން 18 ޕްރޯ އިވެންޓުގެ ރަސްމީ ވީޑިއޯއިން އޭނާ ނުފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގްގެ މާކް ގާމަންގެ "ޕަވާ އޮން" ނިއުސްލެޓާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނީގެ ސީއީއޯގެ މަގާމު ޖޯން ޓާނަސްއާ ހަވާލުކުރެވިފައިވާތީ، މިފަހަރުގެ އާންމު އިވެންޓުތަކުގެ އިސް މޫނެއްގެ ގޮތުގައި ފެންނާނީ އައު ސީއީއޯ ޓާނަސް އެކަންޏެވެ. އަދި އައު ސީއީއޯ މަގާމާ ހަވާލުވިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބާއްވާ މި އިވެންޓުގެ ވީޑިއޯއިން ކުކް ފެނިއްޖެނަމަ، އެއީ އައު ލީޑަޝިޕަށް އެޅޭ ހިޔަންޏަކަށް ވެދާނެ ކަމަށް ބެލެވެއެވެ.

https://sun.mv/226781

ނަމަވެސް، ޓިމް ކުކް އެޕަލް މުޅިން ދޫކޮށްލައްވައި ވަޑައިނުގަންނަވާނެ ކަމަށާއި، މި އިވެންޓް ކުރިއަށްދާއިރު އެޕަލް ޕާކުގައި ބާއްވާ ސްކްރީނިންގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

ކުކް ވަނީ މީގެ ކުރިން ބޭއްވި އެޕަލްގެ އެންމެ ފަހުގެ އާމްދަނީ ބަޔާންކުރާ ކޯލުގައްޔާއި، މުވައްޒަފުންނަށް ފޮނުވި ހާއްސަ މެމޯއެއްގެ އިތުރުން ޑަބްލިއުޑަބްލިއުޑީސީ ކީނޯޓުގައި ވެސް ކުންފުނީގެ ހިންގުމުން ވަކިވެވަޑައިގަންނަވާކަން ރަސްމީކޮށް އިއުލާނުކުރައްވައި އަލްވަދާއު ވިދާޅުވެފައެވެ. އެހެންކަމުން، މި އިވެންޓުން އަނެއްކާވެސް ފެނިވަޑައިގަތުމަކީ ދިގުދެމިގެންދާ ވަދާއީ ސިލްސިލާއެއްގެ ގޮތުގައި ފެނިދާނެ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ބަދަލާއެކު ޓިމް ކުކް ދެން އަދާކުރައްވާނީ އެޕަލްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއާމަންގެ މަގާމެވެ. މިއީ ކުރިން ނޮން-އެގްޒެކެޓިވް ޗެއާމަންގެ ގޮތުގައި ހުންނެވި އާޓް ލެވިންސަންގެ ބަދަލުގައި އޭނާއަށް ހަމަޖެހުނު މަގާމެކެވެ.

ފަރުދާގެ ފުރަގަހުން ވެސް މި ބަދަލާ ގުޅޭ ގިނަ ކަންތައްތަކެއް ވަނީ ހިނގާފައެވެ. އެގޮތުން، އެޕަލް ޕާކުގެ ސެކްޝަން ހަތެއްގައި ހުންނަ ސީއީއޯގެ އޮފީސް ކުކް ދޫކޮށްލައްވައި އައު އޮފީހަކަށް ބަދަލުވެވަޑައިގެންފައިވާއިރު، ހާޑްވެއާ އިންޖިނިއަރިން ޓީމުތަކާ ކައިރީގައި ކުރިން މަސައްކަތްކުރެއްވި ޖޯން ޓާނަސް ވަނީ އެގްޒެކެޓިވް ސުއީޓުގައި ހުންނަ ސީއީއޯގެ އޮފީހާ ހަވާލުވެވަޑައިގެންފައެވެ. އަދި ކުކް އާއި ޓާނަސް އާންމު ބައްދަލުވުންތަކުގައްޔާއި ކުންފުނީގެ އެތެރޭގެ މުއާމަލާތްތަކުގައި އެކަކު އަނެކަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެޕަލްގެ ކެމްޕަސްތަކުން މުވައްޒަފުންނާ އަދިވެސް ބައްދަލުވާނެ ކަމަށް ކުކް ވަނީ ވިދާޅުވެފައެވެ.

ޗެއާމަންގެ މަގާމުގައި ކުކް ހުންނަވާނީ ވަރަށް ބޮޑު މުސާރައަކާއި އިނާޔަތްތަކަކާ އެކުގައެވެ. އެގޮތުން އަހަރަކު 2 މިލިއަން އެމެރިކާ ޑޮލަރުގެ އަސާސީ މުސާރައެއްގެ އިތުރުން، 2027 ވަނަ އަހަރު ލިބޭނެ ކަމަށް ބެލެވޭ 45 މިލިއަން ޑޮލަރުގެ ރެސްޓްރިކްޓަޑް ސްޓޮކް ޔުނިޓްތައް އޭނާއަށް ހަމަޖެހިފައިވެއެވެ. މިއީ ކުރީގެ ޗެއާމަން އާޓް ލެވިންސަންއަށް މިދިޔަ އަހަރު މުސާރައާއި ސްޓޮކް ހިމެނޭހެން ލިބިވަޑައިގެންނެވި 560،000 ޑޮލަރަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.

މިފަހަރުގެ އިވެންޓުގައި އެޕަލްގެ އައު ސީއީއޯ ޖޯން ޓާނަސް އެންމެ އިސްކަމެއް ދެއްވާނީ ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ނުވަތަ ފޯލްޑިން އައިފޯންގެ އައު ދައުރު ތައާރަފުކޮށްދެއްވުމަށެވެ.

comment ކޮމެންޓް