3 މިނިސްޓްރީ އެނދުން: ޔާމީންގެ ތުހުމަތުތައް ތަހުގީގުކުރަން އިހުސާން އެދިވަޑައިގެންފި

އަލިފާން ރޯވި ގްރީން ބިލްޑިން: އެ ހާދިސާއާ ގުޅޭ ތުހުމަތުތަކެއް ޔާމީން ކުރައްވައިފައިވޭ --- ސަން ފޮޓޯ/ އިބްޜާހިމް ނާއިޝް

ދެހާސް ސައުވީސް ވަނަ އަހަރުގެ ޑިސެންބަރު 12ވަނަ ދުވަހު، ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތައް ތަހުގީގުކުރަން އެދިވަޑައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި، އެކުވެރި ގައުމުތަކުގެ އެފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށެވެ. އަދި އެއްވެސް މީހަކަށް އެ މައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުންވަނީ މައުލޫމާތު ދީފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އިއްޔެ ޔާމީން ވަނީ، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން މިމައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފައެވެ." އިހުސާން ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންގެ މައްޗަށް ޔާމީން ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އެދިވަޑައިގަތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީން ޕީއެންއެފް ޖަލްސާއެއްގައި: މީގެ ކުރިން ވެސް ޔާމީން ވަނީ ގްރީން ބިލްޑިންގުގައި ރޯވުމާ ގުޅޭ ގޮތުން ތުހުމަތުތަކެއް ކުރައްވައިފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

ޑިސެންބަރު 12، 2024ގައި ހިނގި ހާދިސާގައި ވަނީ ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިން ކޮމްޕްލެކްސްއަށް ބޮޑެތި ގެއްލުންތަކެއްވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އިމާރާތުގައި ހުރި ގިނަ ލިޔެކިއުންތަކެއް ވެސް އަނދައިފައިވެއެވެ. އެ އިމާރާތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާއެއް ވެސް ހިންގައިފައިވެއެވެ.

މިއީ ދިވެހި ދައުލަތުގެ އިމާރާތެއް މިހެން ރޯވެ ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.

އެ ހާދިސާގެ އެއްވެސް މައުލޫމާތެއް އޭރު ހާމަނުކުރާތީ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން މީގެ ކުރިން ވެސް ޔާމީން ވަނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ބައިވަރު ސުވާލުތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެ ހާދިސާގައި ގެއްލުނީ ކޮންކޮން ލިޔެކިޔުންތަކެއްކަން އަދިވެސް ރަނގަޅަށް ސާފުނުވާކަމަށް ވިދާޅުވެ، އެއްވެސް ބަޔަކު، ގެއްލިގެން އުޅެނީ ކޮން އެއްޗެއްކަން ބުނެދޭކަށް ވެސް ބޭނުންނުވާ ކަމަށް އެ މަނިކުފާނު އޭރު ތުހުމަތުކުރެއްވިއެވެ.

comment ކޮމެންޓް