އެލްނީނޯގެ އަސަރު ރާއްޖެއަށް އެންމެ ގަދަވާނީ ނޮވެންބަރުގައި، ފެބުރުވަރީއާ ހަމައަށް މި ހާލަތު ދެމިގެންދާނެ: މެޓް

ކަނޑުގަދަ ދުވަހެއްގައި ބަޔަކު މޫދު ކައިރި: އެލްނީނޯގެ އަސަރު ރާއްޖެއަށް އެންމެ ގަދަވާނީ ނޮވެންބަރުގައި ކަމަށް މެޓުން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެލްނީނޯގެ އަސަރު ރާއްޖެއަށް އެންމެ ގަދައަށް ކުރާނީ، އަންނަ ނޮވެންބަރު މަހު ކަމަށް ލަފާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު މެޓުން ވަނީ، އެލްނީނޯގެ ބާރު ގަދަވަމުން އަންނަ ކަމަށާއި އެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަށް ކިޔާ ނަމެކެވެ.

https://www.sun.mv/224018

އެއީ ވަކި ތަރުތީބަކުން ނޫން ނަމަވެސް، ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތުގައި ކުރިމަތިވާ ހާލަތެކެވެ. އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަށް ވެސް ދެމިގެންދެއެވެ.

އުދަ އެރި ދުވަހެއްގައި ބަޔަކު ރަސްފަނުގައި މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެފަހުން ދައުލަތުގެ މީޑިއާއަށް މެޓުން ދިން އިންޓަވިއުއެއްގައި ބުނީ، ރާއްޖެއަށް އެލްނީނޯގެ އަސަރު އެންމެ ބޮޑަށް ކުރާނީ، އަންނަ ނޮވެންބަރުގައި ކަމަށެވެ.

މި ހާލަތު އަންނަ ފެބުރުވަރީއާ ހަމައަށް ދިގުލައިގެން ދާނެ ކަމަށާއި އެ މުއްދަތުގައި ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މެޓާ ހަވާލާދީ، ޕީއެސްއެމްގައިވެއެވެ.

މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މަސްވެރިންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެ ދުވަސްވަރުގައި ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް މެޓުން ވަނީ ބުނެފައެވެ.

އެހެންވެ، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް