އިންޑިއާގެ ދިއްލީގައި މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި، ގާތްގަނޑަކަށް 50 މީހުން އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމުގެ ބިރު އޮތް ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
މަންޒަރު ދުށް މީހުން އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ފަސް ފަންގިފިލާގެ އިމާރާތް ވެއްޓިފައިވަނީ މިއަދު 13:30ހާއިރެވެ. އެއީ ދިއްލީ ޔުނިވާސިޓީ ކެމްޕަހާ ކައިރީ ހުންނަ އިމާރާތެއް ކަމަށްވާއިރު، އެ އިމާރާތުގައި ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މަންޒަރު ދުށް މީހުން ވަނީ، އިމާރާތް ވެއްޓުނު ވަގުތު ގާތްގަނޑަކަށް 50 މީހުން އެ އިމާރާތުގައި ތިބި ކަމަށް ލަފާކޮށްފައެވެ.
އިމާރާތް ވެއްޓުނު ސަރަހައްދު: އެ ހާދިސާގައި ފަސް މީހުން މަރުވެފައިވޭ -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސްއެ އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މިހާތަނަށް މަރުވެފައިވާ ފަސް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ނޫސްތަކުގައިވެއެވެ. އެގޮތުން ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ވަނީ، އިމާރާތުގެ ބައިތަކުގެ ދަށުން މިހާތަނަށް 11 މީހަކު ހޯދައިފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ ތެރޭގައި ވެސް އެކަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ދިއްލީގެ ފުލުހުން ވަނީ ބުނެފައެވެ.
ދިއްލީގެ މަޖިލިސް މެންބަރަކު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށާއި، އެ މައްސަލައިގައި އިހުމާލުވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.