ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވާން އެޗްޕީއޭގެ އިލްތިމާސެއް

ބަލިމީހަކު ބަލަނީ: ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން ވަނީ އިލްތިމާސެއް ކޮށްފައި --- ފޮޓޯ/ ހުޅުމާލެ ހޮސްޕިޓަލް

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ، ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އެކްސްގައި ކުރި ކުރު ޕޯސްޓެއްގައި ވަނީ، މި ދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވަމުން އަންނަ ކަމަށެވެ. އެހެންވެ، އެ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުން އިތުރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މާ ބޮޑަށް ވަރުދެރަވެ، ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވުމާއި އާދަޔާ ޚިލާފަށް ކަރުހިއްކުމާއި ބޮލަށް އެނބުރުން އެރުމާއި ގިނަގިނައިން ހޮޑުލެވޭނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ބޭރަށް ހިންގާނަމަ ކުރެވިދާނެ ބައެއް ކަންކަން:

  • ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުން
  • ފާޚާނާ ކުރުމަށްފަހު ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
  • ފާޚާނާ ބޭނުންކުރުމަށް ފަހު ރަނގަޅަށް ސެނިޓައިޒް ކުރުން
  • އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިވަރުން ސުކޫލަށް ނުފޮނުވުމާއި މަސައްކަތްތައް ނުނިކުމެ، ގޭގައި އަރާމުކުރުން
comment ކޮމެންޓް