ސްކޫލް ދަބަހެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފި

ލ. އިސްދޫ، ގުލްފާމުގެ، ނާހިދު ޔޫސުފް

ޕާކްކޮށްފައި އިން ސައިކަލެއްގައި އަޅުވާފައި އޮތް ކުޑަކުއްޖެއްގެ ސްކޫލް ދަބަހެއް، އޭގެ ވެރިފަރާތުގެ ހުއްދައެއް ނެތި ނެގި މައްސަލައެއްގައި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލު ޙުކުމެއް އައިސްފައިވަނީ ލ. އިސްދޫ، ގުލްފާމުގެ، ނާހިދު ޔޫސުފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން، ނާހިދު ވަނީ 23 ޖުލައި 2025 ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ޗާންދަނީމަގު ކަޅުވަކަރު މިސްކިތް ކައިރި ޕާކިންގ ޒޯންގައި ޕާކްކޮށްފައިހުރި ސައިކަލެއްގައި އަޅުވާފައި އިން "ސްމިގްލް" ބްރޭންޑްގެ ދަބަހެއް ނަގައިގެން ގޮސްފައެވެ. އެ ދަބަހުގައި ސްކޫލް ފޮތްތަކާއި، ފެންފުޅިއާއި ޕެންސިލް ކޭހެއް އޮތްކަމަށް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމާއި އަވަސްނިޔާގެ އަޑުއެހުމުގައިވެސް ނާހިދު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އޭނާ އިއުތިރާފުވީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށް ބުނެފައިވާތީ، މައްސަލަ ބައްލެވި ގާޒީ ވަނީ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

މި ކުށަށް ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު މުއްދަތެކެވެ. މީގެކުރިން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މިބާވަތުގެ ކުށެއް ނާހިދުގެ މައްޗަށް ސާބިތުވެފައިވާތީ އަދަބުގެ ދަރަޖަ މަތިވި ނަމަވެސް، ކޯޓުގައި ކުށަށް އިއުތިރާފުވެފައިވާތީ އަދަބުގެ ދަރަޖަ ވަނީ ދަށްކޮށްފައެވެ.

އެހެންކަމުން، ކޯޓުން ނިންމެވީ ނާހިދު ޔޫސުފް ހަތަރު މަހާއި 24 (ސައުވިސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. ކްރިމިނަލް ކޯޓުން މި ހުކުމް ކުރެއްވީ ގާޒީ އަލީ އާދަމެވެ.

comment ކޮމެންޓް