އެޗްޑީސީން ޝަހީރު ވަކިކޮށްފި، އެހެން ކުންފުންޏަކަށް ބަދަލުކުރަނީ

މީގެ ކުރިން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ކުރެއްވި އަހްމަދު ޝަހީރު "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ކަމުގެ މަގާމުން އަހުމަދު ޝަހީރު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް މުޙައްމަދު ނިޒާރު "ސަން" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ޝަހީރު އެޗްޑީސީގެ ޗެއާމަން ކަމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރީ އެހެން ކުންފުންޏަކަށް އޭނާ ބަދަލުކުރުމުގެ ގޮތުންނެވެ.

އެގޮތުން "ސަން" އަށް އެނގިފައިވާ ގޮތުގައި ޝަހީރު ދެން އައްޔަންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ޗެއާމަންކަމުގެ މަގާމަކަށް މައުލޫމާތު ލިބެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ޝަހީރެވެ. މެއި 29، 2025 ގައި އެ މަގާމަށް އައްޔަންކުރި ޝަހީރު މަގާމުން މި ވަކިކުރީ އަހަރަކާއި ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ފަހުގައެވެ.

ޝަހީރަކީ މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަން ކަމުން ވަކިކުރި ތިން ވަނަ ބޭފުޅާއެވެ. މީގެކުރިން އެ މަގާމު ފުރުއްވާފައިވަނީ:

  • އަހުމަދު ޒުހޫރު: ފެބްރުއަރީ 20، 2024 އިން މެއި 23، 2024 އަށް (ތިން މަސް ދުވަސް)
  • އަހުމަދު ނާސިފު: ނޮވެމްބަރު 6، 2024 އިން މާޗު 5، 2025 އަށް (ހަތަރު މަސް ދުވަސް)

މި ސަރުކާރުގައި އެޗްޑީސީގެ ފުރަތަމަ ޗެއާމަން ޒުހޫރުގެ ފަހުން އެ މަގާމަށް އައްޔަންކުރި ނާސިފް ވެސް ހަތަރު މަސް ދުވަހަށް ފަހު ވަނީ ވެމްކޯގެ ބޯޑަށް ބަދަލުކޮށްފައެވެ.

އަދި އޭގެ ފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި ޝަހީރު މިހާރު މިވަނީ އެމްއައިޓީޑީސީއަށް ބަދަލުކުރުމަށް ނިންމާފައެވެ.

comment ކޮމެންޓް