"ހިތަށްވެސް ނާރާފަދަ ގޮތަކަށް އަބަދަށްޓަކާ ވަކިވެގެން ހިނގައިދާނެކަމަކަށް ހިޔެއް ނުކުރަމެވެ. ރަގަޅަށް ވަދާއީ ސަލާމެއްވެސް ނުކުރެވުނެވެ. ހުރިހާ އުއްމީދުތަކާއި ރޭވުމެއް އޮތްވާ ވަކިވެގެން ދިޔައީއެވެ. އަދި އެކަން އެހެން ވީ ކީއްވެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲތައާލާ އެވެ. އަބަދަށްޓަކާ ކައިރީގައި ހުންނަން އެދެމެވެ. އެތައްފަހަރު ލޮލުން ކަރުނަ އޮހޮރިއްޖެއެވެ. ހަމައެކަނި ލޯތްބަކީ ސަލާމަތް ކުރެވޭނެ ވަސީލަތަކަށްވީނަމަ ދުނިޔޭގައި ހުރީހެވެ. ދިރިހުރިއިރުވެސް ވަކިވެގެން ދިޔުމަށްފަހުވެސް އިންތިހާއަށް ލޯބިވަމެވެ. އެހެން އެއްވެސް މީހަކަށް ނުދެވޭފަދަ ޚާއްސަ މަގާމެއް ހިތުގައިވެއެވެ. އެއްވެސް މީހަކަށް އެ ޖާގައެއް ނުފުރޭނެއެވެ. ވަކިވެދިޔުމުން ހިތްތައް ކުދިކުދިވިއެވެ. ނަމަވެސް ދިޔައީ އެކަންޏެއް ނޫނެވެ. ދިޔައީ އަޅުގަނޑުމެންގެ ހިތުގެ ބައެއްވެސް ހިފައިގެންނެވެ."

***

"އެތާ ކުޑަ އަންހެން ކުއްޖެއް ހުރި."އަޅުގަނޑަށް އޭނާ ސިޓިންގ ރޫމުންވެސް ފެނުނު....އަދި ބަދިގެއިންވެސް ފެނުނު. ހީކުރީ އޭނާ ފަހަތުން އައީކަމަށް. ނަމަވެސް..."

އޭނާ ވާހަކަ ހުއްޓައިލިއެވެ. ކޮންމެވެސް އެއްޗެއް އޭނާގެ ހެދުމުގެ ފަހަތުގައި މަޑުމަޑުން ހިފާ ދަމައިލިފަދަ އިހުސާސެއް ކުރެވުނެވެ.

މިލްހާ އެނބުރިބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ކުއްލިއަކަށް ކުޑަ ކުޑަ އަޑެއް ކަންފަތުގައި ޖެހުނެވެ. " ތިއުޅެނީ އަޅުގަނޑު ނުފެނިގެން؟"

އޭނަ ތަންކޮޅެއް ތިރިއަށް ބަލައިލިއިރު އެ ކުޑަ އަންހެންކުއްޖާ ފެނުމާއެކު އަތުން ފޮތް ދޫވިއެވެ. ކަންފަތް ހަލާކުވާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އެ އަންހެން ކުއްޖާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. މީހަކު ހިތްހުއްޓޭވަރަށް ބިރުގަންނަވައިލެވުމުން މަޖާވީކަން ނޭގެއެވެ. މިލްހާ އެއް އަތުން މެޔާއި ދިމާލުން ހިފަހައްޓައިގެން ހުރެ އެކުއްޖާގެ މޫނަށް ބަލަން ހުރީ ހައިރާންކަމާއެކު ނުތަނަވަސްކަން އެކުލެވޭ ނަޒަރަކުންނެވެ.

އެކުއްޖާ ހުނުން މަތަނުކުރެވިގެން އަނގަމަތީގައި އަތްއެޅިއެވެ.

ނަސްރީން ފަސްއެނބުރި ބަލައިލިއެވެ. "ކުދިންނޭ..އެހާ ބާރަށް ހުނުމަކީ ރަނގަޅު ކަމެއް ނޫން....."

ފަރުދާގެ ފުރަގަހުން އެހެން ކުއްޖެއްގެ ހިނިގަނޑެއްގެ އަޑުއިވުނެވެ.

މިލްހާ ސިހިފައި އެދިމާލަށް ބަލައިލުމާއެކު އެހެން ކުއްޖަކު ބޮދަމުން ކަހަލަގޮތަކަށް ނުކުމެލިއެވެ. އޭނަގެ ހިތްތެޅިގަތްގޮތަށް ލޯ ބޮޑުވިއެވެ. މި ދެކުދިންގެ ސިފަ ހަމަ އެއްގޮތެވެ. ދެބައި ކޮށްފައިވާ މުށިކުލައިގެ އިސްތަށިގަނޑެވެ. ހަމަ އެ ނޫ ކުލައިގެ ހެދުމެވެ. އެ ކުޑަ މޫނެވެ. ބަދިގެއިން އެ ސޫރަ ފެނުމުން "ޖިންނި"އެއް ކަމަށް ގާތްގަނޑަކަށް ޔަގީންކުރެވިފައިވަނިކޮށް އެ ސުވާލުގެ ޖަވާބު ލިބުނީ ހިތަށް ނާރާފަދަ ގޮތަކަށެވެ. އޭނައަށް އެ ޚިޔާލު ނައީ ކީއްވެހެއްޔެވެ؟

އެ ދެ ކުދިން އެކަކު އަނެކަކަށް ބަލާފައި މަޑުމަޑުން ހޭންފެށިއެވެ.

މިލްހާ ހަށިގަނޑު ސީދާކޮށްލުމަށްފަހު ހެދުން ކުޑަކޮށް ރަނގަޅުކޮށްލީ އޭނާއަށް ގެއްލުނު ހައިބަތު އަނބުރާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެކުދިން އޭނަ ފިނޑިމީހަކަށް ހަދާ ލަދުގަންނަވާލައިފިވިއްޔާއެވެ.

ނަސްރީން ކަންބޮޑުވުމާއެކު އޭނާއަށް ބަލައިލިއެވެ. "މިލްހާ.... ރަނގަޅުތަ؟"

"ލައްބަ......" އޭނަ އަވަސްއަވަހަށް ބުނެލަމުން އެ ކުދިންނަށް ނަޒަރު ހުއްޓައިލިއެވެ. "އަޅުގަނޑު ހީކުރީ ފައިދިގު މަކުނެއް ކަމަށް..........."

އެ ކުދިން ހިމޭންވިއެވެ. އެއާއެކު އެކުއްޖަކު ނޭފަތް ގުރުޑުކޮށްލިއެވެ. އަނެއް ކުއްޖާ ހިނިގަނޑު ހިފެހެއްޓުމަށްޓަކައި އަނގަމަތީގައި އަތްއެޅިއެވެ. މިލްހާ ބިރުގަތީ އެކުދިންގެ ސަބަބުންކަން ވަރަށް ސާފުކޮށް އެނގެއެވެ.

ނަސްރީން އެކުދިންނަށް ބަލައިލަމުން ހިނިތުންވެލިއެވެ. "އޯ....މިދަރިންކޮޅުގެ ކަންތައް ދޯ..."

އެ ކުދިން ވަގުތުން އަދަބުވެރިގޮތަކަށް ހުއްޓުނެވެ.

"އޭނާ ހަޅޭއްލަވައިގަންނާނެކަން ނުވަތަ ނޫންކަން ދެނެގެންނަން އަޅުގަނޑުމެން އުޅުނީ....."އެއްކުއްޖަކު ބުނެލިއެވެ.

މިލްހާ ތަޅުންމައްޗަށް ވެއްޓުނު ފޮތާއި ދިމާލަށް ބަލާކަމަށް ހަދަމުން ނަޒަރު ތިރިކޮށްލިއެވެ.

"މި ދެ ކުދިން އަބަދުވެސް ބަލާނީ މީހަކަށް ގޯނާއެއްކޮށްލާނެ ފުރުސަތެއް ހޯދަން.... ލޯބި ލިބުނުވަރުން ހަލާކުވެފައިވަނީ....." ނަސްރީން ބުނެލިއެވެ.

ފުރަތަމަ ކުއްޖާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. "އަޅުގަނޑުގެ ނަމަކީ ސާރާ."

"އަޅުގަނޑަކީ ރާހާ....." އަނެއް ކުއްޖާ ބުނެލިއެވެ.

މިލްހާ އެކުދިންނަށް ފުޅާ ހިނިތުންވުމެއް ދިނެވެ. "ތިޔަ ދެ ކުދިންނާ ބައްދަލުވުމުން ވަރަށް އުފާވެއްޖެ. އަޅުގަނޑަކީ މިލްހާ ދައްތަ......."

އެކުދިން މިލްހާއަށް ބަލަހައްޓައިގެން ތިބީ ލާނެތް ފާޑަކަށް ހިނިއައިސްފައެވެ. "އަސްލުވެސް އަޅުގަނޑު ވައްތަރީ ސްޕައިޑާއަކާއިތަ؟"

މިލްހާ ވިސްނާލުމުންވެސް ބުނާނެ އެއްޗެއް ނޭގުނެވެ. ޖިންނިކުދިންކަމަށް ހީކުރެވުނު ވާހަކަ ބުނަން އަދި މާ އަވަހެވެ.

"އެހެނެއްނޫން..........."

"އެވަރަށް ހަޅޭއްލަވައިގަތީމަ ދެން މަޖާވެއްޖެ....."

ނަސްރީން ބޯ ހޫރައިލިއެވެ."މިއީ ކޮއްކޮ ނާއިލާގެ ދެ ކުދިން.... އަދި ކިރިޔާ ހަ އަހަރު ފުރުނީ....."

މިލްހާ ގެ ޝައުގުވެރިކަން އިތުރުވިއެވެ. "އެއްމާބަނޑު ދެކުދިން ދޯ....އެހެންވެ އެހާ ވައްތަރީ...ތަފާތެއްނެތް.."

"ދެކުދިން އެހާ އެއްގޮތްކަމުން ބައެއްފަހަރު އަހަރެމެންނަށްވެސް އޮޅޭ....." ނަސްރީން ބުނެލިއެވެ.

"އަޅުގަނޑުމެން ވައްތަރެއްނޫން....." ސާރާ ދެކޮޅު ހެދިއެވެ.

ރާހާ ސާރާއަށް އިޝާރާތްކުރިއެވެ. "ފެނޭތަ؟ އޭނާގެ ކަންފަތް ވަނީ ތޮރުފާފައި....."

ނަސްރީން އިތުރު އެއްޗެއް ބުނުމުގެ ކުރިން ކޮރިޑޯއިން އިވުނު ފިޔަވަޅުތަކެއްގެ އަޑު ކައިރިވިއެވެ. ދޮރުމައްޗަށް އެރި އަންހެންމީހާގެ އިސްކޮޅުން ދިގުވެފައި ޝާހީގޮތެއް ހުއްޓެވެ. އިސްތަށިގަނޑު މައްޗަށް އޮމާންކޮށް ހުޅިއެއްޖަހާފައެވެ. މިލްހާއަށް ފާހަގަވީ އެންމެންގެ މޫނުވެސް އިންތިހާއަށް ހުދުކަމެވެ. އަދި އަވީގައި ނޫޅޭތާ އެތައް އަހަރެއް ވެފައިވާފަދަ ގޮތަކަށެވެ. އެ އަންހެންމީހާއަށް މިލްހާ ފެނުމުން ހުއްޓުން އެރިގޮތަށް މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

ކަޅި ޖަހައިލަން ނޭގި ބަލަން ހުރުމުން މިލްހާވެސް ލަދުން އަވަދިވާވަރުވިއެވެ. ބިންގަނޑު ފަޅާލާފައި އަޑިއަށް ވަދެވޭނެނަމައެވެ. ނޫނީ އާތްވަށް ވެގެން ވައިގެ ތެރެއަށް އަރައިގެން ދާނެނަމައެވެ. އެހާވެސް ތޫނު ނަޒަރެކެވެ. ދިރާސާ ނަޒަރެކެވެ. ސިކުންތުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. އެންމެން އޭނައަށް އެ ބަލާ އާދަޔާ ޚިލާފު ނަޒަރުގައި ސިއްރެއްވަނީހެއްޔެވެ؟

އަންހެންމީހާ ނަސްރީނަށް ބަލައިލިއެވެ. "މިއީ...؟"

ނަސްރީން ބޯޖަހައިލިއެވެ. "އާނ. މިއީ މިލްހާ އަކީ......"

އެ އަންހެންމީހާ މަޑު ފިޔަވަޅުތަކެއްގައި ލައިބްރަރީގެ އެތެރެއަށް ވަދެގެން އައެވެ.

ނާއިލާ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. " އަހަންނަކީ ސިފްރާންގެ ބޮޑުދައިތަ."

މިލްހާ ހިނިތުންވެލިއެވެ. "މި ކުދިން ނާއިލާދައްތައާއި ވަރަށް ވައްތަރު....."

ނާއިލާ ހިނިތުންވެލަމުން ދުރަށް ބަލަން ފެށިއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ފެންނަން ހުއްޓެވެ.

ނާއިލާ އިތުރު ވަގުތުކޮޅަކަށް އޭނާއަށް ބެލުމަށްފަހު ލަދުން ފާޑަކަށް ހީލިއެވެ. "މާފުކުރާތި...ހަމަ ބޭއިޚުތިޔާރުގައި ބަލަން ހުރެވުނީ......"

"އެއީ ހަމައެކަނި..." ނާއިލާގެ އަޑު މަޑުވިއެވެ. އޭނާއަށް ހުރެވުނީ ކޮންތަނެއްގައިކަން ހަނދާންނެތުނު ކަހަލަ ގޮތަކަށް ބުނެލިއެވެ." ތަންކޮޅެއް ކުރީ....އެހެންނޫންނަމަ ހަމަ.."

ނަސްރީންގެ ލޯ ބޮޑުވިއެވެ. "ނާއިލާ......."

ނާއިލާގެ މޫނުމަތިން ކަންބޮޑުވުމާއެކު ނުތަނަވަސްކަން ފެނިލިއެވެ.

"އަސް؛ލު ބުނަން އުޅުނީ.........." ނާއިލާ ޖުމްލަ މެދުކަނޑައިލިއެވެ. އޭނާ ބުނި އެއްޗަކުން ސަލާމަތްވާނެ ރަނގަޅު އެއްވެސް ބަހަނާއެއް ނެތްކަން އޭނާއަށް ވިސްނުނު ކަހަލައެވެ.

"އަސްލު އެއީ މައްސަލައެއް ނޫން........"މިލްހާ ރާހާއާއި ސާރާއަށް ބަލައިލިއެވެ. އެކުދިންް ތިބީ ނުހޭންވެގެން ވަރަށް ބޮޑަށް ހިފަހައްޓައިގެންނެވެ.

"މިލްހާ...ދަމާ ހިނގާ.....މި ކުދިން އިތުރު މައްސަލައެއް ނުޖައްސަނީސް ކުދިން ގޮވައިގެންދާން ނާއިލާއަށް ފުރުސަތު ދެމާ."

އެ ދެ ކުދިން ވަގުތުން ދެކޮޅު ހެދިއެވެ. "އަޅުގަނޑުމެން އެއްވެސް އުދަގުލެއް ނުކުރަން......."

"ފަރުދާ ފުރަގަހުގައި ފިލައިގެން ތިބީ........."

"އެއީ މައްސަލައެއް ނޫން." ސާރާ ބުމަ އަރުވައިލިއެވެ.

ނާއިލާ ހަށަން ބަދެލިއެވެ. "ދޫނި........މީހުން ބިރުގަންނަވަންޏާ އެއީ މައްސަލައެއް."

މިލްހާ މަޑުމަޑުން ހީނލިއެވެ. "އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ވިސްނުންތޫނު ކުދިންހެން."

ސާރާގެ މޫނު އަލިވެގެންދިޔައެވެ. ރާހާ ހިނިތުންވެލިއެވެ.

އެ ވަގުތު ކޮރިޑޯއިން ފިޔަވަޅުތަކެއްގެ އަޑުއިވުނެވެ. ލަސް އަދި ފިޔަވަޅުތައް ގުނަމުން އަންނަ ފަދައެވެ. މިނިޓެއްނުވަނީސް ސިފްރާން ދޮރުމައްޗަށް އެރިއެވެ.

އޭނާ ހުއްޓުން އެރިއެވެ.

އޭނާގެ ލޯ މިލްހާއިން ފެށިގެން ނާއިލާއަށް ދަތުރުކުރިއެވެ.

"ކިހިނެއްވީ؟" ސިފްރާން ސުވާލުކޮށްލިއެވެ.

"އެކަކުވެސް އެއްވެސް ކަމެއް ނުކުރޭ....." ސާރާ ހުރީ ފާޑަކަށެވެ. ރާހާ އަދި ސާރާ ދެ ކުދިންގެ ތުންފަތުގަިއވި ހިނިތުންވުން ފޭދި ސީރިޔަސްވީތަން މިލްހާއަށް ފެނި ހިތުގައި އެތައް ސުވާލެއް އެނބުރިގަތެވެ.

ސިފްރާން އެއްބުމަ އަރުވައިލިއެވެ. "ތީގެ މާނަައަކީ ކޮންމެވެސް ކުއްޖަކު ކަމެއްކުރީއޭ؟"

ނާއިލާގެ ނަޒަރު ސިފްރާންގެ މޫނަށް ހުއްޓުނެވެ."ސިފްރާން. ކުދިންނަށް ބިރު ނުދައްކަބަލަ.. މަންމަގެ ލޯބި ކުދިންކޮޅު އަަވަހަށް ކާން ހިނގާ.."

ސިފްރާން ގެ ނަޒަރުގައި ވީ ސުވާލު މާކެވެ. އެކުދިން ބިރުގަންނަވަން އޭނަ ކުރީ ކީއްހެއްޔޭ އަހާފަދައެވެ. ނާއިލާއާއި ކުދިންނަށް ދެވޭގޮތަށް އޭނާ ކުޑަކޮށް އެއްފަރާތަކަށް ޖެހިލިއެވެ. ދެކުދިން ތިބީ މަންމަގެ ހެދުމުގައި ދެ އަތުން ހިފަހައްޓައިގެންނެވެ.

ނަސްރީން ފޮތް ހަރުގަނޑާ ދިމާލަށް އެނބުރުނެވެ. "ނާއިލާ އެ ދެ ކުދިންދެކެ ވަރަށް ލޯބިވާނެ.."

މިލްހާ ހިނިތުންވެލިއެވެ. " އާނ ނާއިލާ އާންޓް އެ ކުދިންނާ ވަރަށް ގާތްހެން ހީވަނީ."

ނަސްރީން އިހުގެ ފޮތެއްގެ ބަނޑޭރިގަނޑުގައިއި މަޑުމަޑުން އަތް ހާކައިލިއެވެ. "މިހާރު އެ ކުދިން ބަލަހައްޓަނީ އޭނަ އެކަނިމާއެކަނި...... އެއީ..."

"އެކަނި؟"

ނަސްރީން އޭނާއަށް ބަލައިލިއެވެ. "އާނ."

ކުޑަ ހިމޭންކަމެއް ވެރިވިއެވެ. އޭނަ ޖެހިލުންވެފައި ހުރެވެސް ކެތްނުކުރެވިގެން ސުވާލުކުރިއެވެ. "އެ ކުދިންގެ ބައްޕައަށްވީ ކިހިނެއް؟"

"އޭނާ ނިޔާވީ........" ނަސްރީން ޖަވާބުދިނެވެ. މިލްހާ އެއްޗެކޭ ބުނަން އަނގަހުޅުވުމުގެ ކުރިން ސިފްރާން ވާހަކައިގެ ތެރެއަށް ވަނެވެ.

"އެއީ ސްކޮޓްލެންޑުގެ ކާފިރެއް...." ސިފްރާން ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

މިލްހާއަށް އަވަސް އަވަހަށް އެސްފިޔަ ޖަހައިލެވުނެވެ. މުސްލިމް އަންހެންކުއްޖަކަށް ކާފަރަކާއި ކައިވެނިކުރެވޭހެއްޔެވެ؟

ނަސްރީން ސިފްރާނާ ދިމާލަށް އެނބުރުނީ ނުތަނަވަސްވެފައިވާފަދަ ގޮތަކަށެވެ. "ސިފްރާން." މަންމަގެ އަޑުގައިވި އިންޒާރަށް ސިފްރާން ސަމާލުކަންދިންހެނެއް ހިއެއް ނުވެއެވެ.

"ކިހިނެއްވީ؟" ސިފްރާން ސުވާލުކުރިއެވެ. މޫނުމަތިން ފެނުނީ ހަމަޖެހުމުގެ ކުލަވަރެވެ. "އަޅުގަނޑު ބުނީ ދޮގެއްނޫނެއްނު.....ހާމަކުރީ ހަގީގަތް.."

ނަސްރީން އަވަސްއަވަހަށް ދޮރުމައްޗަށް ބަލައިލީ ނާއިލާއާއި ކުދިން އަދިވެސް އެތާ ތިބެދާނެ ކަމުގެ ބިރަށެވެ. އެއާއިލާގެ ހިލަމެއްނުވުމުން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. "ސިފްރާން ތަންކޮޅެއް ރީތިކޮށްވެސް އެވާހަކަ ބުނެވިދާނެއްނު..."

"ކީއްވެ؟" ސިފްރާން ސުވާލުކުރިއެވެ.

މިލްހާ ދެމީހުންގެ މޫނަށް ނަޒަރު ހުއްޓައިލުމާއެކު އިހުސާސްކުރެވުނީ ބައިވެރިވާން ނުޖެހޭ ވާހަކައެއްގެ ތެރެއަށް ވަދެވިއްޖެކަމެވެ.

ސިފްރާން ފޮތް ހަރުގަނޑެއްގެ އަރިމަތީގައި ލެނގިލައިގެން ދެ އަތް ހުރަސްކޮށްލައިގެން ހުއްޓެވެ. "ނާއިލާ ދައްތަ މުސްލިމެއްކަން އެނގިހުރެވެސް އޭނާ ކައިވެނިކުރީ. ދައްތަ ދީން ދޫކޮށްލަން ބޭނުންނުވުމުން އޭނަ އެކަމާއިވެސް މައްސަލަޖެއްސި....އެންމެފަހުން ދީނާއި ބެހޭގޮތުން ވާހަކަދެއްކުން އެމީހުން ހުއްޓައިލީ....."

އޭނާގެ އަޑުގައިވަނީ އެއްވެސް އަސަރެއް ނެތް ހަމަޖެހޭ ގޮތެކެވެ.

"އެއީ ނާއިލާދައްތައަށް ވަރަށް އުނދަގޫ ކަމަކަށްވާނެ....."މިލްހާ ކުޑަކޮށް ބުމަ އަރުވައިލިއެވެ.

ސިފްރާން ލުއިގޮތަކަށް ކޮނޑު އަރުވައިލިއެވެ.

"އޭނާގެ އަންހެނުން ޤަބޫލުކުރާ ހުރިހާ އުސޫލުތަކާއި ދީނީ ވިސްނުންތަކާއި ހުކުމްތަކަށް މަލާމާތްކުރުމުގައި މުޅި ހަޔާތް ހޭދަކުރީ. އޭނާއަށް ވީގޮތާއިމެދު ހިތާމަކުރާކަމަށް ދެއްކުމަކީ ޔަގީނުންވެސް އަހަރެން ބޭނުންވާގޮތެއްނޫން....އޭނާއަށް ހައްގުވާ ގޮތަށް ކަންތައްވީ ކަމަށްވެސް ވެދާނެ......" ސިފްރާން ގެ ޖުމްލައާއެކު ނަސްރީން އޭނާގެ ދަރިފުޅުގެ އަތުގައި ހިފައި ދަމައިލިއެވެ.

"ޕްލީސް ދަރިފުޅު..... ތިވަރުން ފުދިއްޖެ." ނަސްރީން ކަންބޮޑުވެފައި މިލްހާއަށް ބަލަމުން ބުންޏެވެ.

މިލްހާހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.މި ބޮޑު ގަނޑުވަރުގެ ތެރޭގައި އޭނާއަށް ހުރެވުނީ ބީރައްޓެހިވެފައެވެ. އެންމެންވެސް ހީވަނީ ސިއްރުން ފުރިފައިވާހެންނެވެ. މިލްހާއަށް އެތަނަށް ނިސްބަތްވާ ކަމުގެ އިޙުސާސެއް އެއްވެސްވަރަކަށް ނުކުރެވެއެވެ. އުންމީދީ މިޒާޖެއްގެ ކުއްޖަކަށްވާތީ އޭނަ އަވަސްއަވަހަށް އެ ޚިޔާލު ސިކުނޑިން ފޮހެލިއެވެ. އެއީ އޭނާގެ ފުރަތަމަ ދުވަހެވެ. އެހެންކަމުން މިހާލަތަށް ހޭނެން ކޮންމެވެސް ވަރެއްގެ ވަގުތު ނަގާނެއެވެ. ދުނިޔޭގައި އަންނާނީ އިމްތިހާނުތަކެވެ. އުދަގޫތަކާއި ފަސޭހައެވެ. ކެތްކުރުމަށް ދީނުގައި އަންގަވާފައިވެއެވެ. މަންމަވެސް އެތައް ފަހަރު ހަނދާންކޮށްދެެއެވެ. ބާކީވިޔަސް "ފިރިމީހާ"އާއިއެކު ދިރިއުޅުމުގެ ރާސްތާއަށް ނުކުމެވިއްޖެއެވެ.

"އާދޭ. މިލްހާ. ކާންދާން ހިނގާ." ނަސްރީންގެ އަޑުއިވުނެވެ.

ނަސްރީން ވާހަކަދެއްކި ގޮތުން ވާހަކަ އެ ހިސާބުން ނިމުނީކަން ސާފުކޮށް އެނގެން އޮތެވެ.

ސިފްރާން ފޮތް ހަރުގަނޑުން ދުރަށް ޖެހިލާފައި ދޮރާއި ދިމާލަށް ދިޔަ މަންމަގެ ފަހަތުން ހިނގައިގަތެވެ. މިލްހާ އެމީހުންގެ ފަހަތުން ތަންކޮޅަކަށް ހިނގާފައި ހުއްޓުނެވެ. ފޮތް ހަރުގަނޑުގައި ހުރި އެއްޗަކުން އޭނާގެ ސަމާލުކަން އަތުލީ އިހުގެ ފޮތެކެވެ.

އޭގެ ވަށައިގެން ހުރީ އެއްވެސް މީހަކު އަތްލާފައިނުވާހެން ހީވާ ފޮތްތަކެވެ. އެއާއި ޚިލާފަށް މިއީ އެތައް ސަތޭކަ ފަހަރަކު ކިޔާފައިވާ ފޮތެއްހެން ހީވާ ކަހަލަ ފޮތެކެވެ. އޭގެ ގަދަ ފެހި ކުލައިގެ ބަނޑޭރި ހުރީ އަރިމަތިން ވީދިފައެވެ. ކަންކަން ހުރީ ލެނބިފައެވެ، އަދި ބައެއް ތަންތަނުން ފަޅައިގެން ގޮސްފައެވެ. ފޮތުގެ ބޭރުގައި ރަނުން ލިޔެފައިވާ އަކުރުތައްވެސް ވަނީ މުޅިންހެން ފޮހެވިފައެވެ.

އޭނަ ދޮރާ ދިމާލަށް ބަލައިލިއެވެ. ނަސްރީނާއި ސިފްރާން އޭރު ވަނީ ކޮރިޑޯއިން ކުޑަކޮށް ދުރަށް ގޮސްފައެވެ. އޭނަގެ ނަޒަރު އަނެއްކާ ފޮތަށް ހުއްޓުނެވެ. ފޮތް ކިޔުމަށް ލޯބިކުރާ އަދި ފޮތްތަކަށް މޮޔަވާ މީހަކަށްވާތީ އޭނާގެ ހިތުގައި އުފެދުނު ޝައުޤުވެރިކަން ހުއްޓުވޭ ގޮތެއްނުވިއެވެ. އޭނާ އަތް ހިއްލާލައި ފޮތް ހަރުގަނޑުން އެ ފޮތް ނެގިއެވެ. އެއީ ބަގީޗާހެއްދުމާއި ބެހޭ ފޮތެކެވެ. އޭނާ ފޮތް ހުޅުވިއެވެ.

ސަފްހާތައް ހުރީ ދުވަސްވުމުގެ ސަބަބުން ރީނދޫވެ އޭގައި ފިނިފެންމާ ލިލީ އަދި އޭނާއަށް އެނގޭ އެހެނިހެން މާތަކުގެ ކުރެހުންތަކުން ފުރިފައެވެ.

ބައެއް ސަފްހާތަކުގެ އަރިމަތީގައި އަތުން ލިޔެފައިވާ ކުދިކުދި ނޯޓްތައް ހުއްޓެވެ.

ސަފްހާތަކުގެ ދެމެދުން ހިކިފައިވާ ކުޑަ މަލެއް ވެއްޓެންދަނިކޮށް ހުޝިޔާރުކަމާއެކު ހިފައިލެވުނީ ހަމަ ކިރިޔާއެވެ. އޭނާގެ ބުމަ މައްޗަށް އެރިއެވެ. އާދަޔާ ޚިލާފަށް ރީތި މަލެކެވެ.

އެ މާ އޮތީ ވަރަށް ފުރިހަމައަށް ފަތުރާލެވިފައެވެ. މެދުން ފެށިގެން ކުދި އަލިތަކެއް ފަދައިން އޭގެ ފިޔަތައް ވަނީ ފެތުރިފައެވެ. ތަރިއެއްގެ ބައްޓަމަށްވާއިރު ދުވަސްވުމުގެ ސަބަބުން ފިޔަތަކުގެ ކުލަ ފަނޑުވެފައިވިއެވެ. މިލްހާ އެ މާ އޭނާގެ އިނގިލިތަކުގެ ދެމެދުގައި މަޑުމަޑުން އަނބުރައިލިއެވެ. މިފަދަ މަލެއް އޭނާ ކުރިން ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. މީގެ ނަމަކީ ކޮބާހެއްޔެވެ؟

ދެން އޭނާއަށް ފާހަގަވީ ކުރީގެ ސަފުހާގެ އެތެރޭގައި ލިޔެފައިވާ އެއްޗެކެވެ. ދެ އަކުރެވެ. އޭ އަދި އެޗްއެވެ. ލިޔެފައިވާ ގޮތުން ހީވަނީ ވަރަށް ފަހުން ލިޔެފައިވާހެންނެވެ. ރީދޫވަމުން ދިޔަ ސަފްހާތަކުގައި ފަހުން ލިޔެފައިވީކަން ޔަގީނާއި ގާތަށް އެނގުނެވެ. "އޭ" އަކުރުން ފެށެނީ މިގެއިން ކާކުގެ ނަމެއްބާވައެވެ.

"މިލްހާ....."

އޭނަ ސިހުނުވަރުން އަތުން ފޮތް ދޫނުވީ ހަމަ ކިރިޔާއެވެ.

ސިފްރާން ހުރީ ދޮރުމަތީގައެވެ.

ސިފްރާންގެ ލޯ ސީދާވީ މިލްހާގެ އަތުގައި އޮތް ފޮތަށެވެ.

ކުޑަ ސިކުންތުކޮޅަކަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭރުވެސް އޭނާގެ ލޯ ހުއްޓިފައިވަނީ އެފޮތަށެވެ.

"އަހަރެންނަށް މި ބަލައިލަން ގެންދެވިދާނެތަ؟" މިލްހާ އެހިއެވެ.

"ނޫން....." ޖަވާބު އައިލެއް ނިކަން އަވަހެވެ.

ސިފްރާނަށް އޭނާގެ އަޑުގައި ހުރި ހަރުކަށިކަން އިހުސާސްވީފަދައަކުން ދުރަށް ބަލައިލިއެވެ. "ތި ނޫން އެއްޗެއް...."

މިލްހާގެ ނަޒަރު ހުއްޓުނީ އެ ބާ ފޮތަށެވެ. "ކީއްވެ؟"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު