މި އަހަރުގެ ފުރަތަމަ ހަ މަހު 2،538 ކުދިން އުފަންވިއިރު، އެ މުއްދަތުގައި މަރުވި މީހުންގެ އަދަދު 813 އަށް އަރާ ކަމަށް ހެލްތު މިނިސްޓްރީއާއި ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ، ރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ތަފާސްހިސާބު ހިމެނޭ ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މި އަހަރު ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަހު އުފަންވި ކުދިންގެ ތެރޭގައި ހިމެނެނީ 1،229 އަންހެން ކުދިންނާއި 1،309 ފިރިހެން ކުދިންނެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 1،225 ކުދިން އުފަންވިއިރު، ދެވަނަ ކުއާޓަރުގައި 1،313 ކުދިން އުފަންވިއެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އެ ހަ މަހުގެ ތެރެއިން އެންމެ ގިނަ ކުދިން އުފަންވީ ޖަނަވަރީ މަހެވެ. އެ މަހު 470 ކުދިން އުފަންވިއިރު، ދެވަނައަށް އެންމެ ގިނަ ކުދިން އުފަންވީ ޖޫން މަހެވެ. އެއީ 452 ކުދިންނެވެ. އެ މުއްދަތުގައި އެންމެ މަދުން ކުދިން އުފަންވީ ފެބުރުވަރީ މަހެވެ. އެ މަހު އުފަންވީ 357 ކުދިންނެވެ.
ބަޔަކު ސަހަރާގައި: މި އަހަރުގެ ފުރަތަމަ ހަ މަހު 813 މީހުން މަރުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ތަފާސްހިސާބުގައި ކުދިން އުފަންވި އަތޮޅުތަކުގެ އަދަދުތައް ވެސް ހާމަކޮށްފައިވާއިރު، 1،784 ކުދިން އުފަންވީ މާލޭގައެވެ. އެއާ އަޅައިބަލާއިރު އަތޮޅު ތެރޭގައި އުފަންވީ 754 ކުދިންނެވެ.
އަތޮޅު ތެރެއިން އެންމެ ގިނަ ކުދިން ވިހައިފައިވަނީ ހދ. އަތޮޅުގައެވެ. އެއީ 159 ކުދިންނެވެ. އަދި، ވ. އަތޮޅުގައި ހުރެގެން އެއްވެސް މީހަކު ވިހައިފައި ނުވާ ކަމަށް ވެސް އެ ތަފާސްހިސާބުން ދައްކައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ އެންމެ އާބާދީ ކުޑަ ވ. އަތޮޅުގައި މިދިޔަ އަހަރު ވެސް އެއްވެސް އަންހެނަކު ވިހާފައިނުވެއެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު 813 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އުމުރުން ފަސް އަހަރުން ދަށުގެ 30 ކުދިން ވެސް ހިމެނެއެވެ.
އެންމެ ގިނައިން މަރުވީ 65 އަހަރުން މަތީގެ މީހުން ކަމަށްވާއިރު، އެ އުމުރުފުރާގެ 488 މީހުން މަރުވެފައިވެއެވެ. އަދި 18 އަހަރާއި 64 އަހަރާ ދެމެދުގެ 263 މީހުން މަރުވެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 89 ބިދޭސީން ވެސް ހިމެނެއެވެ.