އެމެރިކާގެ ނިއުޔޯކް ސިޓީގެ ޕަބްލިކް ސްކޫލްތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ގްރޭޑް 8 އާ ހަމައިގެ ދަރިވަރުންނަށް ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްތައް ބޭނުންކުރުން އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފިއެވެ.
2026-2027 ވަނަ ދިރާސީ އަހަރުން ފެށިގެން އަމަލުކުރަން ފަށާ މި ނިންމުމުގެ ސަބަބުން ނިއުޔޯކްގެ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ގާތްގަނޑަކަށް 600،000 ދަރިވަރުންނަށް އޭގެ އަސަރު ފޯރާނެ ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.
މި ނިންމުން އިއުލާނުކުރައްވަމުން ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވީ، އައު ޓެކްނޮލޮޖީތަކަށް މަރުހަބާ ކިޔަންވާނީ އެއީ ދަރިވަރުންނަށް ހަގީގީ ފައިދާއެއް ލިބޭނެ އެއްޗެއްކަން ކަށަވަރުވުމުން ކަމަށާއި، މި ފިޔަވަޅަކީ ދަރިވަރުންގެ މުސްތަގުބަލު ރަނގަޅު ގޮތުގައި ބައްޓަންކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކްލާސްރޫމްތަކުގައި ދަރިވަރުންނާއި ޓީޗަރުން އަދި އެކުވެރިންގެ މެދުގައި އޮންނަންޖެހޭ އިންސާނީ ގުޅުންތައް ދެމެހެއްޓުމަށާއި، ޗެޓްބޮޓްތަކުގެ ބަދަލުގައި އަމިއްލަ ވިސްނުމާއި އިޖުތިމާއީ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތު ދިނުމަކީ މި ފިޔަވަޅުގެ މައިގަނޑު މަގުސަދު ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެކް އިންޑަސްޓްރީން ދެކޭގޮތުގައި ޅަފަތުގެ ތަޢުލީމަށް އޭއައި މުހިންމު ވިޔަސް، ސިޓީގެ އިސްވެރިން އެކަން އެގޮތަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިއުޔޯކް ސްޓޭޓްގެ ގަވަރުނަރު ކެތީ ހޯކުލް ވެސް ވަނީ މި ނިންމުމަށް ތާއީދުކުރައްވައި، ކުދިން ސްކްރީންތަކަށް ބަރޯސާވެ ފިތްތަކަށް އޮބުމުގެ ބަދަލުގައި އުނގެނުމާއި ވިސްނުން ތަރައްގީކުރުމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
އެއް އަހަރުގެ މި މަނާކުރުމުގެ މުއްދަތުގައި، ކުޑަކުދިންނަށް އޭއައިގެ ސަބަބުން ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި ޚާއްސަ ދިރާސާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުއްދަތު ނިމުމުން، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި، ބެލެނިވެރިން އަދި ކަމާބެހޭ އިސްވެރިން ހިމެނޭ ކޯލިޝަނަކުން ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތުގެ ލަފާތައް ސަރުކާރަށް އަރުވާނެއެވެ.
މި އުސޫލުގެ ސަބަބުން ހައިސްކޫލްތަކުގެ ކިޔެވުމަށް ހުރަހެއް ނޭޅޭނެ ކަމަށާއި، ބައެއް ހައިސްކޫލް ކްލާސްރޫމްތަކުގައި ބަލަހައްޓައިގެން ހިންގާ ޕައިލެޓް ޕްރޮގްރާމްތަކެއްގެ ދަށުން އޭއައި ބޭނުންކުރުމުގެ ހުއްދަ ދެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހައިސްކޫލްގެ ހުރިހާ ދަރިވަރުންނަށް ވެސް، އޭއައިއަށް ބަރޯސާވުމުގެ ކުރިން ފުންކޮށް ވިސްނައި ފާޑުކިޔުމުގެ ހުނަރު (ކްރިޓިކަލް ތިންކިން) ދަސްކޮށްދިނުމުގެ ގޮތުން އަހަރަކު ދެ ފަހަރު ޚާއްސަ ފިލާވަޅުތަކެއް ނަގައިދެވޭނެއެވެ.
ޓީޗަރުންނަށް ފިލާވަޅުތައް ތައްޔާރުކުރުމަށާއި އިދާރީ މަސައްކަތްތަކަށް ޖެނެރޭޓިވް އޭއައި ބޭނުންކުރުމުގެ ހުއްދަ އޮންނާނީ، ޕަބްލިކް ސްކޫލްތަކުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޓޫލްތަކަށް އެކަންޏެވެ. ހަމައެއާއެކު ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ބޭނުންކުރާ އެހީތެރި ޓެކްނޮލޮޖީތަކަށާއި، މަލްޓިލިންގުއަލް ދަރިވަރުންނަށާއި، ކޮމްޕިއުޓަރ ސައިންސް ހިމެނޭހެން ކެރިއާ ރެޑިނަސް ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށް މި މަނާކުރުމުން އިސްތިސްނާ ދެވިފައިވެއެވެ.
މި ސިޔާސަތުގެ ދަށުން ދަރިވަރުން ސްކްރީން ބޭނުންކުރާ ވަގުތު ކޮންޓްރޯލް ކުރުމަށް އައު އިރުޝާދުތަކެއް ވެސް ވަނީ ނެރެފައެވެ. އެގޮތުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދުވާލަކު ގިނަވެގެން 30 މިނެޓު އަދި މިޑްލް ސްކޫލް ކުދިންނަށް 45 މިނެޓަށް ވުރެ އިތުރުނުވާނެހެން ސްކްރީން ޓައިމް ކަނޑައެޅުމަށް އިރުޝާދު ދީފައިވީ ނަމަވެސް، މިއީ ގޭތެރޭގައި މަޖުބޫރު އުސޫލެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ.
މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމީ، ދަރިވަރުންގެ ތަޢުލީމަށާއި ސިކުނޑިއަށް އޭއައިގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެ ނިއުޔޯކްގެ ގިނަ އަދަދެއްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މީގެ އިތުރުން ޔުނައިޓެޑް ފެޑެރޭޝަން އޮފް ޓީޗާސް (ޔޫއެފްޓީ) ގެ ރައީސް މައިކަލް މަލްގްރޫ ވެސް ވަނީ އޭއައި އަކީ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ސިފަކުރައްވައި، ކްލާސްރޫމްތަކުގައި އޭއައި ފުޅާކުރުން ހުއްޓުވުމަށް ސިޓީ ކައުންސިލްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ސޮއިކުރައްވައި ސިޓީއެއް ފޮނުވާފައިވާ ކަން ފާހަގަކުރައްވާފައެވެ.
ކުޑަކުދިން އޭއައި ބޭނުންކުރުން ހިފެހެއްޓުމަށް މަސައްކަތްކުރަނީ ހަމައެކަނި ނިއުޔޯކްގައެއް ނޫނެވެ. ނޯވޭގައި ވެސް މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިޓަލީގައި އުމުރުން 14 އަހަރުން ދަށުގެ ކުދިން އޭއައި ބޭނުންކުރެވޭނީ ބެލެނިވެރިންގެ ހުއްދަ ލިބިގެން ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެމެރިކާގެ ސެނެޓާއި ހައުސްގައި ވެސް ކުޑަކުދިންނަށް ޗެޓްބޮޓް ޚިދުމަތް ދިނުން މަނާކުރުމާއި އުމުރު ކަށަވަރުކުރުމުގެ ބިލެއްގެ މަޝްވަރާތައް ދަނީ ހިނގަމުންނެވެ.