ނޭޕާލަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެހީތެރިކަމަށް މަނީޝާ އެދިއްޖެ

ބޮލީވުޑްގެ ބަތަލާ މަނީޝާ ކޮއިރަލާ--ފޮޓޯ/އިންޑިއާޓުޑޭ

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް މިދިޔަ އޮގަސްޓް މަހުގެ 26ވީ ބުދަ ދުވަހު އައި ކުއްލި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަނީޝާ ކޮއިރަލާ ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސްކޮށްފިއެވެ.

މަނީޝާ މިކަމަށް އިލްތިމާސްކުރީ މިދިޔަ އާދީއްތަ ދުވަހު ކަތުމަންޑޫގައި ސާދްގުރޫގެ އިޝާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި 'އިން ސޮލިޑަރިޓީ ވިތު ނޭޕާލް' ހަރަކާތުގައި ވާހަކަދައްކަމުންނެވެ.

މި ހަރަކާތުގައި ވާހަކަދައްކަމުން ނޭޕާލަށް އުފަން މަނީޝާ ބުނީ، ދުނިޔެ ހޫނުވުމުގެ ނޭދެވޭ އަސަރުތަކަކީ މިހާރު ދުރުގައި އޮތް ކަމެއް ނޫން ކަމަށާއި، މިއީ ހަގީގަތެއް ކަމަށެވެ. އަދި އަވައްޓެރި އިންޑިއާ، ޗައިނާ އަދި ނޭޕާލް ގުޅިގެން ތިމާވެށީގެ މިފަދަ ކާރިސާތަކުން ރައްކާތެރިވުމަށް އެކުގައި މަސައްކަތްކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

'އިން ސޮލިޑަރިޓީ ވިތު ނޭޕާލް' ހަރަކާތުގައި މަނީޝާ ވާހަކަދައްކަނީ--ފޮޓޯ/އިންޑިއާޓުޑޭ

"އަޅުގަނޑުމެންނީ ސަރަހައްދީ ގޮތުންނާއި އިންސާނިއްޔަތުކަމުގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ބައެއް. އެހެންކަމުން މިފަދަ ކާރިސާތައް ހުއްޓުވުމަށް އެކުގައި މަސައްކަތްކުރުން މުހިންމު،" މަނީޝާ ބުނެފައިވެއެވެ.

އޭގެއިތުރުން، ނޭޕާލްގެ އިގްތިސާދާއި އާންމުންގެ ދިރިއުޅުން ކޮޅަށް ޖެހުމަށްޓަކައި ފަތުރުވެރިކަން އިތުރުކުރުމުގެ މުހިންމުކަން ވެސް މަނީޝާ ވަނީ ފާހަގަކޮށްފައެވެ. ނޭޕާލަކީ ހަމައެކަނި ކާރިސާތަކާއި އުނދަގޫތައް ތަހައްމަލުކުރާ ގައުމެއްގެ ގޮތުގައި މަޝްހޫރުވާން ބޭނުންނުވާ ކަމަށާއި، އެ ގައުމުގެ ގުދުރަތީ ރީތިކަމާއި، ހިމާލަޔާ ފަރުބަދަތަކާއި، ސަގާފަތް ތަޖުރިބާކުރުމަށް ބައިނަލްއަގުވާމީ ދަތުރުވެރިން ނޭޕާލަށް ޒިޔާރަތްކުރުމަށް ބަތަލާ ވަނީ އެދިފައެވެ.

ނޭޕާލާއި ޓިބެޓުން މަރުވި މީހުންގެ އަދަދު 800އަށް އަރާފައިވާއިރު، 3،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޭގެތެރޭގައި ނޭޕާލް އާއި ޗައިނާގެ އިތުރުން ނޭޕާލަށް ގޮސް އުޅުނު ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ހިމެނެއެވެ.

comment ކޮމެންޓް