އިމްރާނަށް ސްވައިން ފްލޫ ޖެހި، ބެންގަލޫރުގައި ބާއްވަން އޮތް ހަރަކާތް ފަސްކޮށްފި

ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީ ބަލިވުމާ ގުޅިގެން، ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ހާއްސަ ޝޯއެއް އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އިމްރާން ބަލިވެ އުޅޭކަން އާންމުކޮށް ހާމަކޮށްފައިވާއިރު، މެޑިކަލް ރިޕޯޓްތަކުން ދައްކާ ގޮތުގައި އޭނާއަށް ޖެހިފައިވަނީ އިންފްލުއެންޒާ އޭ އަދި ސްވައިން ފްލޫއެވެ.

މަގުބޫލު ފިލްމު "އާވާރަޕަން 2" އާއެކު އަނެއްކާވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އިމްރާންގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޑޮކްޓަރުންގެ އިރުޝާދާއެކު އޭނާ މިވަގުތު އަންނަނީ ފުރިހަމަ އަރާމު ހޯދަމުންނެވެ.

ފިލްމު "އާވާރާޕަން 2"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބެންގަލޫރުގެ ހަރަކާތަށް ދެވެން ނެތުމުން، އިމްރާން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ. އެގޮތުން، ކުއްލިއަކަށް ބަލިވުމުގެ ސަބަބުން މި ދަތުރު ފަސްކުރަން ޖެހުނު ނަމަވެސް، ސެޕްޓެމްބަރު 12 ވާ ހޮނިހިރު ދުވަހު ސަންބާން ޔޫނިއަންގައި ސަޕޯޓަރުންނާ ބައްދަލުވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ. އަދި ކުރިން ގަނެފައިވާ ޓިކެޓްތައް އާ ތާރީޚުގައި ވެސް ބޭނުންކުރެވޭނެކަން އޭނާ ވަނީ ހާމަކޮށްފައެވެ.

ސިއްހީ ސަބަބުތަކާ ހުރެ މަސައްކަތްތަކަށް ކުޑަ މެދުކެނޑުމެއް އައި ނަމަވެސް، އިމްރާންގެ ފިލްމީ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން އޭނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަދިތްޔާ ދަތު ޑައިރެކްޓްކުރާ "ގަންމާސްޓާ ޖީ9"އިންނެވެ.

ޖެނީލިއާ ދޭޝްމުކް އަދި އަޕަރްޝަކްތީ ކުރާނާ ވެސް މުހިންމު ރޯލުތަކުން ފެންނަ މި އެކްޝަން ފިލްމުގެ ޓީޒާ މިހާރު ދައްކާލާފައިވާއިރު، ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

comment ކޮމެންޓް